ދެމަފިރިންވެސް އަނެކާއަށް ބޭނުންވާ ކަންކަން ދެނެގަނެ މިމަގުން ސަމާލުކަންދޭނަމަ ލޯބިނުލިބިގެން ޝަކުވާކުރާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދެމަފިރިންވެސް އަނެކާއަށް ބޭނުންވާ ކަންކަން ދެނެގަނެ މިމަގުން ސަމާލުކަންދޭނަމަ ލޯބިނުލިބިގެން ޝަކުވާކުރާކަށް ނުޖެހޭނެ!

ބައިވެރިޔާ ނުއެދުނަސް ކަންކަން ކޮށްދޭންޖެހޭނެތޯ؟

ފަދަ ސުވާލުތައް ބައެއް ކިޔުންތެރިން ކުރައްވައެވެ. ދަންނަވާލަން އޮތީ އަބަދުވެސް ދަންނަވާ ވާހަކައެވެ. އެއީ ކުރާ ޞަދަޤާތުގެ ފައިދާވެސް ބޮޑުވަނީ އަނެކާހުރި ދަތިޙާލު އަމިއްލައަށް ދެނެގަނެ އަމިއްލައަށް އިސްނަގައިގެން ޞަދަޤާތްކުރުމުން ފަދައިން ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނު އިތުރުވާނީ އަނެކާގެ ބޭނުންތައް އަމިއްލައަށް ދެނެގަނެ ނުވަތަ ސުވާލުކޮށް އޮޅުންފިލުވައިގެން ނަމަވެސް ފުއްދައިދިނީމައެވެ.  

ގުޅުންހުރި ލިޔުމެއް!:  

އަނބިން ފިރިން ކިޔުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދެމީހުންގެވެސް އެންމެ ބޮޑު ޝަކުވާއަކީ އަނެކާގެ ކިބައިން އަޅައިލުމާއި ލޯބި ނުލިބުމެވެ. ލޯތްބަކީ ޝަކުވާ ކުރުމަކުން ލިބޭނެ އެއްޗެއް ނޫނެވެ. ލޯބިލިބޭނީ ލޯބިލިބޭ ގޮތަށް ކަންކަން ކުރެވިގެންނެވެ.  

ފިރިމީހާއަށް ކަމުގައިވީނަމަވެސް އަނބިމިހާއަށް ކަމުގައިވީނަމަވެސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ވަޒިފާއަދާކުރާ ފިރިންނަށް ބޭނުންވާނެ ކަންތައްތަކާއި ގޭގައި އިންނަ އަނބިމީހާއަށް ބޭނުންވާނެ ކަންކަން ތަފާތުވާނެއެވެ. އެހެނަސް ދެމީހުންވެސް ތިބެނީ އަނެކާގެ ކިބައިން ކަންތައްތަކަކަށް ބޭނުންވެގެންނެވެ.

ވަޒީފާއަށްދާ ފިރިހެނަކުނަމަ ހެނދުނު ފެންވަރައިގެން ނުކުންނައިރު ލާނެ ހެދުމެއް ބޭނުންވާނެއެވެ. ހެދުންލައިގެން ނުކުންނައިރު ސައި ތައްޔާރަށް ހުންނަން ބޭނުންވެއެވެ. މިހިރީ އަނބިމީހާގެ ކިބައިން އެންމެ ހެނދުނާ ބޭނުންވާ ވަރަށް އަސާސީ ކަންކަމެވެ.  

އެއިގެ އިތުރުންވެސް އަހުރެން ވަރަށް ކުޑަކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ގެއިން ނުކުންނަން ބޫޓަށް އަރަން ބަލައިލާއިރު ނިކަން ބޫޓު ފުހެލައިދީފައި ބަހައްޓައިބަލާށެވެ.  

މިބާވަތުގެ ކަންކަމަކީ ކުދިކުދި ކަންކަން ކަމުގައި ނުދެކޭށެވެ. މިހުންނަނީ ފިރިމީހާ އާއި އަޅައިލާ ކަމާއި ފިރިމީހާއަށް ސަމާލުކަންދޭ ކަމުގެ ހެކިތަކެވެ.  

ދެން ބުނެލަން އޮތީ މިފަދަ ޚިދުމަތްތައް އަނބިންގެ ކިބައަކުންވެސް ހިލެއަކު ނުލިބޭނެއެވެ. އަގުއަދާކުރަންޖެހޭނެއެވެ. މިބަހުގެ މާނައަކީ ފައިސާއިން އަގުއަދާކުރުމެއް ނޫނެވެ. އަނބިމީހާގެ ކަންކަމަށް ސަމާލުކަންދީ ފަރުވާ ބަހައްޓަންޖެހޭނެ ކަމެވެ.  

އެކުވެރިންނޭވެ! ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. އޮފީހުން އައިއިރު އަނބިމީހާ އޮތީ އުނަގަނޑުގައި ރިއްސާތީ ނުތެދުވެވިފައެވެ. ނުބުނާތީ އެއްޗެއް އުނގުޅައިލަ ނުދޭ މީހާ ކުރިން މިބުނި ފަދަ ޚިދުމަތްތައް އަނބިމީހާގެ ކިބައިން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ފިރިމީހާގެ ކިބައިން އެފަދަ ކަންކަމުގައި އަޅައިލުން ނުލިބޭނަމަ ފިރިމީހާއަށް ޚިދުމަތްކޮށްދެވޭނީ ކިހިނަކުން ހެއްޔެވެ؟  

މިއީ ކިތަންމެ ދިގުކޮށްވެސް ވާހަކަ ދެއްކިދާނެ ކަމެކެވެ. މިބަޔާންކުރިވަރުންވެސް ވިސްނައިފިމީހަކަށް ފުދޭނެއެވެ. ލޯތްބާއި އަޅައިލުން އަނެކާގެ ކިބައިން ބޭނުންވާނަމަ ތިމާވެސް އަނެކާއަށް ލޯތްބާއި އަޅައިލުން ދޭށެވެ. ނުދީހުރެ އަނެކާގެ ޝަކުވާ ކުރުމަކުން އެއްވެސް ކަމެއް ޙައްލެއް ނުވާނެއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން