ރަނގަޅު ޞިއްޙަތެއް ލިބުމަށާ ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން ކޮންމެހެން ކުރަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ރަނގަޅު ޞިއްޙަތެއް ލިބުމަށާ ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން ކޮންމެހެން ކުރަންޖެހޭ ބައެއް ކަންކަން-

ކުޑަކުދިން ގެންގުޅެ ބަލަހައްޓަމުން ގެންދާއިރު ސަމާލުކަންދޭންޖެހޭނެ ކަންތައްތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ކުޑަކުދިންނަށް ކާންދިނުމެވެ. ކުޑަކުދިންނަށް ކާންދިނުމަކީ (ލިބުނު ކިތަންމެ ކުޑައެއްޗެއް ނަމަވެސް) އެއް ވަޤުތުތަކެއްގައި ކާންދިނުމެވެ. ކިރިޔާވެސް (ވަޤުތުގެގެ ގޮތުން) ކުޅަދާނަކަންހުރިނަމަ އެއްބައަކު ނުވަތަ އެކަކު އަބަދުވެސް ކާންދިނުމެވެ. އަދި ފުދުންތެރިކަން ހުރިނަމަ އެއް މިންގަނޑަކުން ކާންދިނުމެވެ.  

ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ އެއްވަޤުތެއްގައި ނިންދެވުމެވެ. އެއްވަޤުތެއްގައި ހޭލެވޭނީވެސް އެއްވަޤުތެއްގައި ނިންދަވައިގެންނެވެ. ނިދިހަމަވުމަކީ ކުޑަކުދިންނަށް އެންމެ މުހިންމު ކަންތަކެވެ. ބޮޑެތި މީހުންނަށްވުރެވެސް ކުޑަކުދިންނަށް ހަމަނިދިލިބުން މާމުހިންމެވެ.  

ނިދިހަމަނުވުމަކީ ކުދިން ކަންނެތްވެ ސްކޫލަށްދާން ދެކޮޅުހަދާ ކަމެކެވެ. ސްކޫލަށް ދިއަނަމަވެސް ބައެއް ކުދިން ކްލާހުގައި ތިބެ ނިދާނީއެވެ. އަނެއްބައިކުދިން ޓީޗަރުންނަށް ސަމާލުކަމެއް ނުދޭނެއެވެ. އަނެއްބައިކުދިން ރުޅި ގަދަވެ އެހެންކުދިންނަށް ގޯނާކުރެއެވެ.  

މިފަދަ ކަންކަން ކުދިން ކުރުމުން ކުދިން ދެކެ ރުޅިއައުމުގެ ކުރިން ކުދިންނަށް ހަމަނިދި ލިބުނުކަމާއިމެދު ވިސްނައިލާށެވެ. އަދި ސްކޫލަށް ގެންދިއުމުގެ ކުރިން ކާންދެވުނުކަމާއިމެދުގައިވެސް ވިސްނައިލާށެވެ.  

އަދިވެސް އިތުރު ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ނިންދަވަން ބާއްވާފައި ޛިކުރުތައް ކިޔައިދިނުމުގެ އިތުރުން ކުއްޖާގެ ޢުމުރާއި ގުޅޭގޮތުން ކޮންމެވެސް ކުރު ވާހަކައެއް ކިޔައިދިނުމެވެ. އެންމެ ރަނގަޅީ ދީނީ، އަޚްލާޤީ، ޢިބްރަތްތެރި ވާހަކައެއް ކިޔައިދިނުމެވެ. އަމިއްލައަށް ކިޔައިދޭން ނުއެނގޭނަމަ ވާހަކަފޮތެއް ގަނެގެންވެސް ކިޔައިދޭށެވެ. އަދި އެއިން ޙާޞީލްކުރަންޖެހޭ ޢިބްރަތްވެސް ކިޔައިދޭށެވެ. އެއަށްފަހު ޢުމުރާއި ގުޅޭގޮތުން ޛިކުރުތައް ކިޔައިދޭށެވެ. އަދި ސުންނަތުގަިވާމަގުން ނިންދަވަން ބާއްވައި ނިންދަވާށެވެ!  

އެންމެ މުހިންމު އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ނިދީގައި އޮންނައިރުވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި ކިތަންމެ ކުޑަނަމަވެސް ވާހަކަދެއްކޭނަމަ ކުރުސި ކިޔުއްވަންވާނެއެވެ. އަދި ނިންދަވާ މީހަކުވެސް ކުރުސި ކިޔަވައި ނިދީގައި ކުއްޖާއަށް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެއިރުން ޝައިޠޯނާއަށް ކުއްޖާއާއި ހަމައަކަށް ނައުދެވޭނެތެވެ. އިން ޝާ ﷲ  

އެއިރުން ކުއްޖާ ބޮޑުވަމުން އަންނާނީ ރިވެތި އަޚްލާޤްގެ މަތީގައެވެ. ހަރުދަނާ ރަނގަޅުކުއްޖެއްގެ ގޮތުގައެވެ. އަދި މަޢުލޫމާތު މުއްސަނދިވެސް ކުއްޖެއްގެ ގޮތުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން