ދަރިން ބޮޑެތިވެ ކިޔަވަމުން އަންނައިރުވެސް އަދި ވަޒީފާއަދާކުރާއިރުވެސް އަދި ދަރިންގެ ޒަވާޖީ ޙަޔާތުގައިވެސް މައްސަލަތައް ދިމާވެގެން އުޅޭ އިރު ދަރިންނަށް ނަޞޭޙަތް ދިނުމުގައިވެސް މައިންބަފައިން އިހްމާލުވާ ކަމެއް ފާހަގަކޮށްލާނަމެވެ.
އެކަމަކީ ދަމުނަމާދުކޮށް ދުޢާކުރަން ދަރިންނަށް ވިސްނައިދީ ބާރު ނުއެޅުމެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ﷲ ތަޢާލާ، ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ރޭއަޅުކަންކުރައްވައި ދުޢާކުރައްވަވަން އެންގެވީ މައްކާގައި މުސްލިމުންގެ ޢަދަދު ވަރަށް ނިކަމެތިކޮށް އޮތް އިރުގައެވެ. ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވެވުމަށްފަހު މީސްތަކުންނަށް އެންމެ ފުރަތަމަވެސް ކުރަން ޙަދީޘްފުޅުކުރެއްވެވި އެއްކަމަކީ ރޭއަޅުކަން ކުރުމެވެ.
އެކަންކަމުންވެސް އެނގިގެންދަނީ ރޭއަޅުކަމަކީ ކާމިޔާބީއާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަމެވެ. ވީމާ ތިމާއަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމައަށް ކުރަން އޮތްކަމަކީ ރޭއަޅުކަންކުރުމެވެ.
ބައެއް މައިންބަފައިން ދަރިންގެ ގާތުގައި ރޭއަޅުކަންކުރުމުގެ ވާހަކަ ނުދައްކަނީ ކުދިން އަދި މާހަގުކަމަށް ބަލައިގެންނެވެ. އެއީ އެއްގޮތަކަށްވެސް ރަނގަޅުވިސްނުމެއް ނޫނެވެ. ރޭއަޅުކަންކުރަންވީ ވަކިޢުމުރެއްގައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައެވެ. ޚާއްޞަކޮށް ޒުވާން ޢުމުރުގައެވެ.
ޒުވާން ޢުމުރުން ފެށިގެން ރޭއަޅުކަންކުރުމުގައި ހުރެއްޖެނަމަ އެމީހެއްގެ މުޅި ޙަޔާތުގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. ރޭއަޅުކަންކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަރަށް ބޮޑަށް ލޯބިވާ އަޅުންނަށް ނޫނީ ނުކުރެވޭނެކަމެކެވެ. އެމީހަކު ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިކުރާނަމަ، ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް ބޭނުންވާކަން ޢަމަލުން ދައްކާނަމަ އެމީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން