ބިރެއްނެތި އެންމެ ބޮޑެތި ފާފަތައް ކުރާ މީހުންނަށް ވަޤުތުން ޢަޛާބު ނުފޮނުއްވެވުމަކީ ޢަޛާބުން ސަލާމަތްވެވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބިރެއްނެތި އެންމެ ބޮޑެތި ފާފަތައް ކުރާ މީހުންނަށް ވަޤުތުން ޢަޛާބު ނުފޮނުއްވެވުމަކީ ޢަޛާބުން ސަލާމަތްވެވުމެއް ނޫން!

އެއްވެސް ބިރެއް ނެތި ބޮޑެތި ފާފަތައްކުރާ މީހުން ބައިވަރެވެ. ފާފަކުރާ މީހުންގެ ތަނަވަސްކަން އުނިނުކުރައްވަވައިވެސް އޭނާގެ ޢުމުރު އެބަހުސްވެއެވެ. އަދި އިރާދަކުރައްވަވާ އަޅުންގެ ތަނަވަސްކަން އަނބުރާ ގެންދަވައެވެ. ހަމައެފަދައިން ފާފަތައްކުރާ މީޙުންނަށް ރަނގަޅު ޞިއްހަތުވެސް ދެއްވަވައެވެ. އިރާދަކުރައްވަވާ އަޅުންނަށް ބަލިޙާލުވެސް ޖައްސަވަތެވެ.  

މިފަދަ ކަންކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މިއަދު ބައެއް މީހުން ސުވާލު އުފައްދާ އެއްކަމަކީ ބޮޑެތި ފާފަތައް ކުރުމުން ވަޤުތުން ކޯފާ ނުވަތަ ޢަޛާބު ނުފޮނުއްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ބަސްތައް ބުނާ މީހުން ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ މިހާރު ދުނިޔޭގައި ތިބި 7 ބިލިއަނެއްހައި މީހުންގެ ތެރެއިން 5 ބިލިއަނެއްހައި މީހުންނަކީ އެންމެ ބޮޑުފާފަކުރަމުން ގެންދާމީހުންނެވެ.  

މިބުނަނީ ޝަރީކުރާ ވާހަކައެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ ވާހަކައެވެ. އެއީ އެންމެ ބޮޑުފާފައެވެ. ޝަރީކުކުރުންމަތީގައި މަރުވެއްޖެ މީހެއްގެ ފާފަ ފުއްސަވައި ނުދެއްވަވާނެތެވެ. އެއީ އެހައިވެސް ބޮޑު ފާފައެކެވެ. އެ 5 ބިލިއަން މީހުންނަށް ކޯފާއެއް ފޮނުއްވަވައިފިނަމަ ދުނިޔޭގެ އާބާދީގެ ތިންބައުިކުޅަ ދެބައި ނެތިގެންދިއައީ ނޫންހެއްޔެވެ؟   

އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ދުނިޔެއަށް ކޮންމެ މީހަކުވެސް އުފަން ކުރައްވަވަނީ އެމީހަކު ކުރާނެ ހުރިހާ ކަންކަން ދެނެވޮޑިގެންވާ ޙާލުގައެވެ. މީހަކު ﷲ ތަޢާލާގެ ދީނަށް ފުރައްސާރަކުރީމާ މުސްލިމުން ރުޅި އަންނާނެއެވެ. ލޭކެކޭނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ﷲ ތަޢާލާ އެއްވެސް ވަރަކަށް ކަންބޮޑުވެވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އެހެނީ އޭނާ ދުނިޔެއަށް ފޮނުއްވެވިއިރުވެސް އޭނާ އެކަންކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

ފާފަކުރާ މީހުންގެ ތެރެއިން ދުނިޔޭގައި ޢުޤޫބާތް ދެއްވަވަން އިރާދަކުރައްވަވާ ކޮންމެ އަޅަކަށްވެސް އެކަމުގެ ވަޤުތު ޖެހުމުން އެކަމެއް މިންވަރުކުރައްވަވާނެތެވެ. އެކަމަށް ހުރަސްއެޅޭނެ ބާރެއް އަދި އެއްވެސް ފަރާތެއް ނުވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން