އެންމެ ފައިދާހުރި ގުޅުމަކީ ތިމާއާ ﷲ އާދެމެދުގަ އޮންނަ ގުޅުން! އެގުޅުން ބަދަހިކުރަން ބޭނުން މީހާ މިމަގުން ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންމެ ފައިދާހުރި ގުޅުމަކީ ތިމާއާ ﷲ އާދެމެދުގަ އޮންނަ ގުޅުން! އެގުޅުން ބަދަހިކުރަން ބޭނުން މީހާ މިމަގުން ޢަމަލުކުރާށެވެ!

ﷲ ތަޢާލާ އާއި ތިމާ އާއިދެމެދުގައި އޮންނަ ގުޅުން ބަދަހިވުމަށް އެދޭ މީހާ ފުރަތަމަކަމަކަށް ވަޤުތުޖެހުމުން އެންމެ ފުރަތަމަ ކަމަކަށް ނަމާދުކުރާ މީހަކު ކަމުގައިވާށެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރާށެވެ. އަންހެނުންވެސް ގޭގައި ނަމާދުކުރުމަށް އަވަސްވެގަންނާށެވެ.  

އެއިގެ ފަހަތުން ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޞަދަޤާތްދޭށެވެ. އެހެން މީހުންނަށް އެހީތެރިވާށެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގައި ކިތަންމެ ކުޑަކުޑަ އިރުކޮޅަކަށް ނަމަވެސް ރޭއަޅުކަންކުރާށެވެ.  

ދުޢާކުރުން ގިނަކުރާށެވެ! ދުޢާކުރާއިރު މިކިޔާ ރައްބަނާގެ މާނައަށް ވިސްނާށެވެ. މިބުނެވެނީ "ރައްބު" އެވެ. ރައްބުގެ ނުވަތަ ރަބަނާގެ މާނައިގައި ހިމެނެނީ "ހައްދަވައި ބޮޑުކުރައްވަވައި ތިމާއަށް ބޭނުންވާ ހުރިހާ ނިޢުމަތްތަކެއް" މިންވަރުކުރައްވަވާ ފަރާތެވެ.  

ﷲ ތަޢާލާ އާއި ވީހައި ބޮޑަކަށް ގުޅުން ބަދަހިކުރަން މަސައްކަތްކުރަން މިޖެހެނީ އެސަބަބުތަކަށްޓަކައެވެ. ދުނިޔޭގައިވެސް އެމީހަކު ބޭނުންވާ ނިޢުމްތައް ދެއްވަވައި އަދި އާޚިރަތް ދުވަހު ސަލާމަތްކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމުގައިވާތީއެވެ.  

ގިނަގިނައިން ﷲ ތަޢާލާގެ ނަންފުޅު ކިޔާ މީހަކަށްވާށެވެ. ކޮންމެ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭމީހަކަށްވާށެވެ. އަދި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާއަށް ވަކީލްކުރާ މީހަކަށްވާށެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހާގެ ހުރިހާ ކަންކަމަކަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނެތެވެ. މިބަހުގެ މާނައަކީ އެމީހަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބޭނެކަމެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން