ބައެއް މީހުން ދޮގުހަދައި އޮޅުވާލައިގެން ކައިވެނިކުރެއެވެ. އަދި ކައިވެނިކުރުމަށްފަހުގައިވެސް ބޮޑެތި ދޮގުތައް ހަދައެވެ. މިދެ ޙާލަތުގައި އެކުރެވޭކަމަކީ މީހެއްގެ ދިރިއުޅުން ހަލާކުކޮށްލުމެވެ.
މިއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! އެއްވެސް މީހެއްގެ ދިރިއުޅުމަށް ގެއްލުންދޭން ހަދާ ކޮންމެ ދަގަކީ ނަގާ ދަރަންޏެކެވެ! އަނބުރާ ދައްކަން ޖެހޭނީ ބޮޑު އިންޓަރެސްޓަކާއެކުގައެވެ!
މިބަހުގެ މާނައަކީ އަނެކާއަށް ދިން ގެއްލުން، ގެއްލުން ދިން މީހާއާއި ބައްދަލުކުރާނެއެވެ. އަދި އެމީހަކަށް މާބޮޑެތި ދެރަތައްވެސް ދޭނެއެވެ. މާބޮޑު ހިތްދަތިކަމެއްވެސް ދޭނެއެވެ. މާބޮޑެތި ދަތިތައްވެސް ކުރިމަތިކުރުވާނެއެވެ.
ވަކިމީހަކަށް ނޫނެވެ. ހަމައެކަކަށްވެސް ދޮގުހަދައި ކަންކަން އޮޅުވައިނުލާށެވެ! އއެކަންވާނީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ދެރައަކަށެވެ. ދޮގުހަދައިގެން ތިމާ ބޭނުންވާ ކަމެއް ޙާޞިލުކުރެވިދާނެއެވެ. ނަމަވެސް އިސާހިތަކު ތިމާއާއި އެކަން ވަކިވެގެން ހިނގައިދާނެއެވެ. ދާނީ މާބޮޑަށް ހިތްދަތިކުރުވައިފައެވެ.
ވީމާ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ ހަމައެކަކަށްވެސް ދޮގުނުހަދާށެވެ! ތެދުވެރިވާށެވެ! ދިރިއުޅުމުގެ ކާމިޔާބީ ގުޅިފައިވަނީ ތެދުވެރިކަމާއިއެވެ. އަހުރެން މިބަސްކޮޅު މިބުނީ ދީނާއި ގުޅުވައިގެނެއް ނޫނެވެ. ދިރިއުޅުމާއި ގުޅުވައިގެންނެވެ. ފާފައިގެ ވާހަކަ ނުދެއްކީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން