ކައިވެނިކޮށް ޒަވާޖީ ހަޔާތަކަށް ފެށުމަށްފަހު ދެމަފިރިންގެ މެދުގަ މައްސަލަތައް ޖެހޭނަމަ އެކަމަށް ކަންބޮޑުނުވާ މީހަކު ނެތެވެ. އެކަމަކު މައްސަލަތައް ޖެހެން މެދުވެރިވާ ސަބަބުތަކާއިމެދު ވިސްނައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކިހާވަރަކަށް ހެއްޔެވެ؟
ލޯބިވެރިޔާ އާއި ބައްދަލުނުވުމުން ކަންބޮޑުވެއެވެ. ގަޑި ކިޔައިގެން ކޮންމެވެސް ހަނިދޭތެރެއަކުން ނަމަވެސް ބައްދަލުކުރެއެވެ. ބައްދަލުވީމާ ސަމާލުކަން ދެވެނީ ފޯނަށެވެ. އަނެކާއަށްވުރެ ބޮޑަށް ފޯނަށް ބަލައި ފޯނާއި ކުޅެވޭނަމަ އެވަރުން ބައްދަލުކުރީ ކީއްކުރަންހެއްޔެވެ؟
ދެން އޮތީ ކައިވެންޏަށް ފަހުގައެވެ. ފިރިމީހާ ގެއަށް ނައިސް ލަސްވާނަމަ ކަންބޮޑުވެއެވެ. އިންތިޒާރުގެ ވަޤުތުތައް ދިގުލައިދާކަމުގެ ޝަކުވާތައްވެސް ކުރެވެއެވެ. ހަމައެފަދައިން އަނބިމީހާގެ ގާތަށް އަވަހަށް ގެއަށް ނުދެވިގެން ކަންބޮޑުވެއެވެ. އެކަމަކު ގެއަށް ދެވުނީމާ ސަމާލުކަން ދެވެނީ ފޯނަށެވެ. ބައެއް އަނބިންނަށްވެސް ފިރިމީހާ ގެއަށް ވަނުމުން ސަމާލުކަން ދެވެނީ ފޯނަށެވެ.
މިކަމުގައި ވަކި މީހަކު ކުށްވެރިކުރާކަށް ނެތީމެވެ. މިގޮތަށް ޢަމަލުކުރަނީ ކޮންބައެއްކަމުގެ ވާހަކަ އެހައި މުހިންމެއް ނޫނެވެ. މުހިންމީ މިގޮތަށް ޢަމަލުކުރެވޭ ފިރިހެނުންވެސް އަދި އަންހެނުންވެސް މިނުބައި އާދަ ދޫކޮށްލުމެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ކައިވެނި ނުކުރެވިގެން އުޅޭއިރު ދެމީހުންވެސް އުޅެނީ ބައްދަލުވެ ވާހަކަދައްކަން ލިބޭ ވަޤުތު މަދުވެގެން އެކަމާ ކަންބޮޑުވެގެންނެވެ. އެކަމަކު ކައިވެނިކުރުމަށްފަހު އެކުގައި ނިދަން އަރާފައިވެސް ފޯނަށް ސަމާލުކަންދޭ ބައަކު އެބަ އުޅެއެވެ. އެމީހުން ފޯނާއި ކައިވެނިކުރިނަމަ އަނެކާއަށް އޭނާއަށް ސަމާލުކަްނ ނުދީގެން އެކަމުގެ ޝަކުވާކުރާކަށް ނުޖެހުނީހެވެ."
މިހިރީ ޒަވާޖީ ޙަޔާތުގައި ވިސްނަން ޖެހޭނެ ކަންކަމެވެ. ޒަވާޖީ ޙަޔާތެއްގައި އެންމެ މުހިންމު އެއްކަމަކީ ދެމީހުންވެސް އެކަކު އަނެކަކަށް ސަމާލުކަން ދިނުމެވެ. ގިނަ މައްސަލަތައް އުފެދެނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.
- އަލަފް / މިއަދުނޫސް