ބައެއް މީހުން ދެކެނީ ހަރުކަށިބަސްބުނުމަކީ މީހާގެ ޤަދަރު އުފުލިގެންދާނެ ކަމެއް ކަމަށެވެ. ދަރަޖަ މަތިވެރިވެ ހައިބަތު ބޮޑުވާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވިސްނުމެއް ނޫނެވެ. އެމީހަކަށް ލިބެމުންދާނީ ގެއްލުމެވެ. އެމީހެއްގެ ދިރިއުޅުން ދާނީ ދަތި އުނދަގޫވަމުންނެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މީހަކަށް ހެޔޮކޮށް ހިތުމުގައި ނުވަތަ އެހީތެރިވެދިނުމުގައި މީހަކު ހުރިނަމަ އެމީހަކާއިއެކު ތިމަން ﷲ ވޮޑިގެންވާކަމަށެވެ. މިބަސްފުޅުގެ މާނައިގައި މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުންވެސް ހިމެނެއެވެ.
ހަރުކަށިބަސްތައް ބުނާނަމަ އެހެން މީހުންނަށް އެކަމުން އުނދަގޫތައް ކުރިމަތިވާނެއެވެ. ދިރިއުޅެންވެސް އުނދަގޫވާނެއެވެ. އެއީ ތިމާގެ އަނބިމީހާ ނުވަތަ ޢާއިލާގެ މީހުން ކަމަށްވީނަމަވެސްމެއެވެ. އަދި އެކުވެރި ރަޙްމަތްތެރިކަމުގައިވީނަމަވެސްމެއެވެ.
ވީމާ ހަމައެއްވެސް މީހަކަށް ހަރުކަށި ބަސްތައް ނުބުނާށެވެ. އެއްވެސް މީހެއްގެ ދިރިއުޅުމަށް އުނދަގޫނުކުރާށެވެ! އެކަންކަން އެމީހަކަށް ކުރިމަތިވެ އެމީހެއްގެ ދިރިއުޅުން ދަތިއުނދަގޫޙާލަތަށް ވެއްޓިގެންދާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން