ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްކުރަން ދެކޮޅެއް ނުހަދަމެވެ. ޝަރުޠު ހަމަވާނަމަ ފިރިހެނުންނަށް 4 އަނބިން ހުއްދައެވެ.
އެކަން ހުއްދަކުރެއްވެވީ ﷲ އެވެ. ވީމާ އަހުރެމެންނަށް ދެއްކޭނެ ވާހަކައެއް ނެތެވެ. އަހުރެން ބަހެއް މިބުނަނީ އެ ހުއްދައާއި ގުޅިގެނެއް ނޫނެވެ. ހިތަށް ހަމަޖހުން ލިބުމާއި މެދުގައެވެ.
ތިމާގެ ސިކުނޑިއަށް ހަމަޖެހުން ލިބެން އެދޭމީހާ ފުރަތަމަ ކަމަކަށް އެހެން މީހެއްގެ ބައިވެރިޔަކާއިއެކު ގުޅުން ނުއުފައްދާށެވެ. އެހެން މީހެއްގެ ބައިވެރިޔަކާއި ގުޅުން އުފެއްދުމަށްފަހު ތިމާގެ ސިކުނޑިއަށް ނުވަތަ ހިތަށް ހަމަޖެހުން ނުލިބިގެން އެކަމުގެ ޝަކުވާ ނުކުރާށެވެ.
މިޒަމާނުގައި މިއުޅެނީ ކައިވެނިކުރުމަށްފަހު ބައިވެރިޔާ އާއިމެދުގައިވެސް ކަންބޮޑުވާންޖެހޭ ކަންކަން ގިނަވާތީ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބިގެންނެވެ. އަބަދުހެން ޝަކުވާކުރަން މިޖެހެނީ ތިމާއަށް ލިބެންޖެހޭ ލޯބިކޮޅުވެސް ނުލިބިގެންނެވެ. އެފަދަ ގޮތަކަށް ކަންކަން ހުރިއިރު މީހެއްގެ ބައިވެރިޔަކާއި ގުޅުން އުފައްދައިފިނަމަ ކަންބޮޑުވާންޖެހޭނެ މިންވަރު ގިނަވާނެކަން ޤަބޫލުކުރަންވާނެއެވެ.
މިކަންކަމަކީ ދުނިޔަވީ ނަޒަރަކުން ބެލިނަމަވެސް އެނގި ޔަޤީންވާ ކަންކަމެވެ. ދެން އޮތީ އަނެއްބައެވެ. މީހެއްގެ ބައިވެރިއަކާއި ގުޅިއްޖެނަމަ އޭނާގެ ބައިވެރިޔާއަށް ހިތްދަތިކަމާއި ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވާނެއެވެ. ތަޅައި އަނިޔާ ނުކުރިނަމަވެސް ހިތަށް ލިބޭނެ އަނިޔާތައް ވަރަށް ގިނަވާނެއެވެ. އެޙާލަތުގައި އޭނާކުރާ ދުޢާގެ އަސަރު ތިބާއަށް ނުކުރާނެ ކަމަށް ޤަބޫލުކުރުމަކީވެސް ހެދޭ ގޯހެކެވެ.
އެހެނެއް ނޫނެވެ! ގުޅެން ބޭނުންވާ މީހާގެ އަނބިމީހާއަކީ ތަގްވާވެރި އަދި އެކަން ޤަބޫލުކުރާ މީހަކުނަމަ ދެއަނތްބަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ވީމާ ގުޅުމުގެ ކުރިން ފުރަތަމަ ކަމަކަށް އެކަންކަން ހުރިގޮތް ބަލާށެވެ! އޭނާގެ އަނބިމީހާއާއި މަޝްވަރާކުރާށެވެ. އޭނާ ހުރީ އެކަމަށް ހިތުން ރުހިގެންނަމަ ކައިވެނިކުރާށެވެ. އެއީ ލައްވަވާ ބޮޑު ރަޙްމަތަކަށްވެސް ވެދާނެއެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް