ފަށްކުރުމެއް!: ތަޤްވާވެރިން މަރުވުމުން ކަށުކަމާކެމީގެ ކަންކަން ކުރާއިރު ފެންނަ އާދައާ ޚިލާފް ބައެއް ކަންކަން...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ފަށްކުރުމެއް!: ތަޤްވާވެރިން މަރުވުމުން ކަށުކަމާކެމީގެ ކަންކަން ކުރާއިރު ފެންނަ އާދައާ ޚިލާފް ބައެއް ކަންކަން...

އަހުރެން މިފޮތުގައި قصد ކުރަނީ ވާހައި ވަރަކުން ވާހަކަތައް ކުރުކޮށް މިކަންތައް ހުރި މަގުތައް ދެއްކުމެވެ. ކުރުކުޅައުމަށް ގަސްދުކޮށްފައި ނުވާނަމަ މިދެއްކި ވާހަކައިގެ އެތައް އެތައް ބޮޑެތި دَفْتَر ފުރައިފީމުހެވެ. شريعَة ގެ اَهْل ވެރީން މިއެންމެހައި ކަންތަކުގެ صحّ ކަން ރަނގަޅަށް ދަންނާނެއެވެ. 

ދެންފަހެ އިހުބުނެވިދިޔަ ކޮންމެ ގޮތަކުން ވިޔަސް މިހުރިހައި ކަމެއްވެފައި އެމައްޔިތާގެ ފުރާނަ މައްޔިތާގެ ކައިރިއަށް އެނބުރި އަންނައިރުގައި ދެކޭހުށީ އެމައްޔިތާގެ ކަށުކަމާކެމީގެ ކަމެއް ހިގާނަމަ އެކަންތައް ހިގާތަނެވެ. ދެން އެމައްޔިތާގެ ބޮލުގެ ކައިރީގައި އިންނަހުއްޓެވެ.  މިކަންވެސް ބައެއް ބައެއް صَالح ންގެ ލޮލަށް މާތްރަސްކަލާނގެ كَشْفُ ކޮށްދެއްކެވިއަތީ ފެނިފައިވެސް އެބަހުއްޓެވެ.  

އެއްބެއިކަލަކު ވާހަކަ ދެއްކެވިއޭ ތިމަންނާގެ ދަރިއަކު މަރުވެގެން އެކުއްޖާ ހިނެވީ ތިމަންނާއެވެ. ހިނަވަނިކޮށް ހަމަ އެކުއްޖާ މިބާއްވާފައި އޮތް ކުއްޖާގެ ކައިރީގައި ކޮޅަށް އެބަހުއްޓެވެ. ދެން މިފެންނަނީ وَهُم އެކޭ ހީކޮށް އަނެއްފަރާތަށް ބަލައިފީމެވެ. ބެލިއިރު އެފަރާތުގައިވެސް އެބަހުއްޓެވެ. ދެންހަމަ ކޮންމެ ފަރާތަކަށް ބަލައިލިއަސް ހުންނަނީ އެވެ. ދެން ކަފުންކޮށް މައްޔިތާގެންދާ އެއްޗަށް ލުމުން އެއިގާ އިންދާ ފެންނާން ފަށައިފިއެވެ.  

صَالح ންގެ ބައެއްބޭކަލުންގެ ކިބައިން ރިވާވެގެންވެޔޭ، އެއްބެއިކަލަކު އެއްދުވަހަކު نَعْشُ ގައި އޮތް މައްޔިތަކަށް ވިދާޅުވެއްޖެޔޭ. ކަލޭގެ މިހާރު ކޮބައިހެއްޔެވެ. ކަލޭގެ ފުރާނަ ކޮބައިހެއްޔެވެ. މިހެން ވިދާޅުވުމުން މޭމައްޗައި ދިމާއިން ކަފުން ހެލިލައިފައި ނިއުޅިއްޖެއެވެ. ދެތިންފަހަރަށް ވިދާޅުވީމާ ދެތިންފަހަރުމެ ހަމަ އެހެން ވިއަތީ ފެނުނެވެ.  

رَبِيع بن خَيْثَمُ ގެ ކިބައިން ރިވާވެގެންވެޔޭ އެކަލޭގެފާނުން އަވަހާރަވެގެން ހިނަވާ މީހާ ހިނަވަނިކޮށް ވީ ކޮންމެވެސް ގޮތަކުން އެކަލޭގެފާނުންގެ عَورَة كَشْفُ ވާގޮތެއްވިއެވެ.

ހިނަވާމީހާ އަވަސްއަވަހަށް ރަނގަޅުކުރާން އުޅެނިކޮށް އޭނާއަށްވުރެ ކުރީން އެކަލޭގެފާނު ރަނގަޅު ކުރައްވައިފި އެވެ.  

سَيّدنَا اَبُوبَكُر ގެފާނުގެ ޒަމާނުގައި نَعش ގައި އޮތް މައްޔިތަކު اَبُوبَكُر ގެފާނާއި عُمَر ގެފާނުންގެ އިތުރުކަމުގެ ވާހަކައިން ވާހަކަ ދެއްކިކަމީ صَحَّ ވެގެންވާ مَشْهور خَبَر އެކެވެ. 

ފަހެ މިހިރަ މިހިރަހައި ކަންތަކީ مَلَكُوتِىَّ ކަންތައްތަކެވެ. މާތްރަސްކަލާނގެ އެކަން ކަން كَشْفُ ކުރައްވައި ދައްކަވާން އިރާދަކުރެއްވި ބައަކަށް ދައްކަވަނީ އެވެ.  

ދެންފަހެ މައްޔިތާ ކަފުނުގައި އޮޅައިލެއްވިއްޖެއްޔާއި އެމީހާގެ رُوح އެމީހާގެ މެއިމަތީގައި އިދެދާ ހުއްޓެވެ. މިހެން އިދެ ހަޅޭލައިގެން ގޮވާނެޔޭ އަހުރެންނާއިގެން ތިޔަބައިމީހުން ربّ ގެ رحمَة އަށް އަވަސްވާށެވެ. ތިޔަބައިމީހުންނަށް އަހުރެން ތިޔަގެންދާން އުޅޭ ވަކިތަނެއް އެނގޭނަމަ އަވަސްވީސްތާއެވެ. 

އަބާއްޖަވެރިޔާ ގޮވާހުށީ އަހުރެންނާއިގެން ތިޔަބައިމީހުން ނިކަން ލަސްލަހުން އުޅޭށެވެ. ربِّى ގެ عَذَاب އަށް އަހުރެންނާއިގެން އަވަސްނުވާށެވެ. ތިޔަބައިމީހުންނަށް އަހުރެން ތިޔަ ގެންދާން އުޅޭ ވަކިތަނެއް އެނގޭނަމަ ތިޔަހެން އަވަސް ނުވީސްތާއެވެ.  

މިހެން މިހެން މިކަންތައް ހުންނަކަމަށްޓަކައި سَلام އާއި صلَوات ލެއްވި އިތުރު رَسُولُ اللهِ ގެފާނުން މައްޔިތެއްގެ نعش އެއް ގެންދެވޭތަން ފެނިވަޑައިގެންފިއްޔާއި ތެދުވެވަޑައިނުގެން ނުއިންނަވަތެވެ.

صَحِيح حَدِيث ގައިވެޔޭ ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނުން ތާކުގައި އިންނަވަނިކޮށް يَهُودى އަކުގެ نَعْشُ ގެންދާތީ ފެނިވަޑައިގަތެވެ. އިތުރު އެކަލޭގެފާނުން ކުއްލިއަކަށް ތެދުވެވަޑައިގަތީމާ ދެންނެވުނޭ يَا رَسُولُ އޭ. އެއީ يهودى އެކެވެ. حديث ކުރެއްވިއެވެ. އޭގައި نفس އެއް ނުވޭހެއްޔެވެ.  

ސަލާމާއި صلوات ލެއްވި އެކަލޭގެފާނުން އެކަންތައް އެހެން އެކުރައްވަނީ އޭގައިވެސް نفس އެއް އިނދެފައި އެ نفس އަކީ، މިހާރު مَلكوتى عالم އަށް ލޯހުޅުވި كشف ވެގެންވާ نَفس އެއްކަމުގައި ވާތީއެވެ. އަދި މައްޔިތަކު ފެނިވަޑައިގެންފިއްޔާއި އުފާފުޅު ކުރައްވާ ކަމުގައިވެސް ވެއެވެ. މިހެނީ އެމީހާގެ ފުރާނަ އެއީ މިހާރު އިތުރު އެކަލޭގެފާނުންގެ فَهُم  ފުޅާއި معنويّ ކަންތަކުން ބަޔަކަށް ފޯރާފައިވާ މީހެކެވެ. މިހެންވެގެންނެވެ.  

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން