ފަށްކުރުމެއް!: ޤުރްއާނުގެ އާޔަތްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ އަންހެނާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 19މ 3ސ
ފަށްކުރުމެއް!: ޤުރްއާނުގެ އާޔަތްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ އަންހެނާގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

ކީރިތި ޤުރްއާނަކީ އެއިގެ ޢިލްމް ޙާޞިލްކޮށްފި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ކޮންމެ ކަމެއްގައިވެސް ބޭނުންކުރެވިދާނެ ފޮތެކެވެ. އެކަންކަމަކީ ކީރިތި ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އޮތީ ވިސްނައި ފިކުރުކުރުމެވެ. އުނގެނި ދަސްކުރުމެވެ. ޢަމަލުކުރުމެވެ.  

ތިރީގައި އެވަނީ ކީރިތި ޤުރްއާނުގެ އާޔަތްތައް ބޭނުންކޮށްގެން ވާހަކަ ދައްކާތާ 40 އަހަރުވެފައިވީ އަންހެނެއްގެ ވާހަކައެވެ.  

ޢަބްދު ﷲ ބިން މުބާރަކަކީ، އިމާމު އަބޫ ހަނީފާގެ އެންމެ އިސްދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަކީ، ވަރަށް ޞާލިޙް ތަޤްވާވެރި ބޭކަލެކެވެ. ދެރަނިކަމެތިންނާއި ދަތުރުވެރިންނާއި މިސްކީނުންނަށް އަޅާލާ އެހީތެރިވެދެއްވުމަކީ، އެކަލޭގެފާނުގެ ޚާއްޞަ އުފާފުޅެކެވެ. 

އެއްފަހަރު، ޢަބްދު ﷲ ބުން މުބާރަކު، މަދީނާއިން މައްކާ އަށް ވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅެއް ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ގަހެއްގެ ހިޔަލުގައި އިށީންދެ އިން އަންހެނަކު ދެކެވަޑައިގެންނެވިއެވެ. ބަލާބެލުމަށް އެއީ ފަންސާސް އަހަރަށްވުރެ ދޮށީ އަންހެނެކެވެ. އެއަންހެން މީހާގެ މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އެހެންކަމުން އެކަމަނާއަށް ޖެހިފައިވާ ހާލުން ނަޖާކޮށް އެހީތެރިވެދެއްވުމުގެ ގޮތުން އެކަލޭގެފާނު ސުވާލުކުރައްވައި އޮޅުންފިލުއްވަން ފެއްޓެވިއެވެ. 

ޢަބްދުﷲ ބުން މުބާރަކު، އައްސަލާމް އަލައިކުމް އޭ ވިދާޅުވެ ސަލާމަތްކަމާއި އަމާންކަމަށް އެދިވަޑައިގެންނެވިއެވެ. އޭގެ ޖަވާބެއްގެ ގޮތުން އެކަމަނާ ދެންނެވިއެވެ. “سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴿٥٨﴾ رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ.” މިބަސްފުޅުގެ މުރާދަކީ އަމާންކަމާއި ސަލާމަތްކަން ވަނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. އެކަމަނާ އިތުރަށް ވިދާޅުވެދެއްވިއެވެ. “مَن يُضْلِلِ اللَّـهُ فَلَا هَادِيَ لَهُ ۚ اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ.” މިބަސްފުޅުގެ މުރާދަކީ އެކަމަނާއަށް ވަނީ ދަތުރުގެ މަގުއޮޅިވަޑައިގެން ދަތުރުގެ ގާފިލާއާއި ވެކިވެފައެވެ. އެކަމުގެ ބުރަ އުފުލައްވަން ޖެހިވަޑައިގެންފައެވެ. 

ޢަބްދުﷲ ބުން މުބާރަކު ދެންނެވިއެވެ. “ކަމަނާ ތިޔަ ދަތުރުފުޅު ކުރައްވަނީ ކޮން ދިމާއަކަށްތޯއެވެ.؟” އެކަމަނާ ޖަވާބު އެރުވިއެވެ. “سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَىއެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. ” {އިސްރާ 1} މުރާދަކީ، އެކަމަނާ އެވަޑައިގަންނަވަނީ މައްކާއަށް ގޮސް ޙައްޖުގެ އަޅުކަން އަދާކުރައްވައި އެނބުރި ބައިތުލް މަޤްދިސަށް ވަޑައިގެންނެވުމަށްޓަކައެވެ. 

ޢަބްދު ﷲ ބުން މުބާރަކު ދެންނެވިއެވެ. ކަމަނާ މިތަނުގައި އިންނަވާތާ ކިހާ ދުވަހެއްވެއްޖެތޯއެވެ؟ އެކަމަނާ ޖަބާދެއްވިއެވެ. ثَلَاثَ لَيَالٍ {މަރްޔަމް 10} އެބަހީ ތިންރޭ ވަންދެންނެވެ. އެކަލޭގެފާނު ދެންނެވިއެވެ. ކަމަނާ ފަރީއްކުޅުއްވަނީ ކޮން އެއްޗެއްތޯއެވެ.؟ އެކަމަނާ ޖަވާބު ދެއްވިއެވެ. وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ ﴿٧٩﴾ އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ. {ޝުޢަރާޢު 79} މިބަސްފުޅުގެ މުރާދަކީ އެކަމަނާއަށް ރިޒްޤުދެއްވައި ކާންދެއްވައި ބޯންދެއްވަނީ މާތް ﷲ އެވެ. ދެން ޢަބްދު ﷲ ބުން މުބާރަކު ސުވާލުކުރެއްވިއެވެ. ކަމަނާ ވުޟޫކުރައްވަން ފެން ހޯއްދަވަނީ ކިހިނަކުންތޯއެވެ؟ ކޮން ގޮތަކަށްތޯއެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًاތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ! {ނިސާ 49 } މުރާދަކީ އެކަމަނާއަށް ފެންލިބެން ނެތުމުން ނަމާދުކުރައްވަން އެކަމަނާ ހައްދަވާގޮތަކީ ތަޔައްމަމު ކުރެއްވުމެވެ. 

މިއަޑުފުޅު އައްސަވައި ޢަބްދުﷲ ބުން މުބާރަކު ވިދާޅުވިއެވެ. މިހުރީ ތިމަންކަލޭގެފާނު ގެންނެވި ކާތަކެއްޗެވެ. އެތަކެތި ފަރީއްކުޅުއްވާށެވެ. އެކަމަނާ ޖަވާބުދެއްވިއެވެ. ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ۚދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! {ބަޤްރާ 187} މާނައަކީ އެކަމަނާ އެއިންނެވީ ރޯދަފުޅަށްށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދަތުރުމަތީގައި ސުންނަތްރޯދަ ދޫކޮށްލުމަކީ އެންމެ ރަނގަޅުކަމެކެވެ. ހުއްދަކަމެކެވެ. އެކަމަނާ ޖަވާބުދެއްވިއެވެ. وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴿١٨٤﴾ އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. { ބަޤަރާ 184} 

ޢަބްދު ﷲ ބުން މުބާރަކު ވިދާޅުވިއެވެ. އަޅުގަނޑު ކަމަނާއާއި މިވާހަކަ ދައްކާފަދައިން ކަމަނާވެސް ކީރިތި ޤުރުއާނުން ވާހަކަފުޅު ނުދައްކަވައި އާދައިގެ ގޮތަށް ވާހަކަދެއްކުން ކީއްތޯއެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴿١٨﴾(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. {ޤާފް 18} އެކަމަނާގެ މުރާދަކީ، އިންސާނާގެ ކޮންމެ ޢަމަލަކީވެސް ރެކޯޑްކުރެވި ރައްކާކުރެވޭނެ ޢަމަލުތަކާއި ބަސްތަކެކެވެ. އެހެންކަމުން ޤުރުއާނުން ވާހަކަދައްކަވައިގެން މާތް ﷲ ނުރުއްސަވައި ބަހެއްބުނެވުމުން ރައްކާތެރިވެވަޑައިގަންނަވަނީއެވެ. 

ޢަބްދު ﷲ ބުން މުބާރަކު ދެންނެވިއެވެ. ކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮން ގަބީލާއަކަށްތޯއެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا ﴿٣٦﴾ އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ. {އިސްރާ 36 } މުރާދަކީ އެކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާ އެއްކަމަކާއިމެދުގައި އެކަމަނާއާއި ސުވާލުކުރައްވައި އުޅުއްވުމުގެ ބޭނުމެއްނެތެވެ.  

ޢަބްދު ﷲ ބުން މުބާރަކު ދެންނެވިއެވެ. މަޢާފްކުރައްވާށެވެ. ހަމަކަށަވަރުންވެސް އަޅުގަނޑަށް ކުށެއްކުރެއްވިޖެއެވެ. އެކަމަނާ ޖަވާބު ދެއްވިއެވެ.لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّـهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ ﴿٩٢﴾ މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. {ޔޫސުފް 92}

ޢަބްދު ﷲ ބުން މުބާރަކު ދެންނެވިއެވެ. ކަމަނާ އަޅުގަނޑުގެ ޖަމަލުގެމަތީގައި ދަތުރުކުރައްވައިވަޑައިގެން ކަމަނާގެ ގާފިލާއާއި ހަމަކުރައްވަން ބޭނުންފުޅުތޯއެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّـهُ ۗ ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. {ބަޤަރާ 197} މުރާދަކީ އެކަލޭގެފާނު އެކަމަނާއަށް އެފަދަކަމެއް ކޮށްދެއްވައިފިނަމަ، އެކަލޭގެފާނު އެކޮށްދެއްވީ ވަރަށްވެސް ބޮޑު ހެޔޮކަމެކެވެ. އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ އެކަލޭގެފާނަށް ދެއްވާނެއެވެ. 

ދެން އެކަލޭގެފާނު “ކަމަނާ އެޖަމަލަށް ސަވާރުވެވަޑައިގަންނަވާށޭ” މިހެން ވިދާޅުވެ އެ ޖަމަލު ތިރިކުރެއްވިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! {ނޫރު 30} މިއަޑުފުޅު އައްސަވައި ޢަބްދުﷲ ބުން މުބާރަކަށް އެކަމަނާ އެވިދާޅުވި ބަސްފުޅުގެ ފުރިހަމަ މުރާދު ވިސްނިވަޑައިގެންނެވިއެވެ. އެއަށްފަހު ދުރަށްއެނބުރި ވަޑައިގެން ހުންނެވިއެވެ. 

އެކަމަނާ އެޖަމަލަށް ސަވާރުވެވަޑައިގެންނެވުމުން އެ ޖަމަލު ކުއްލިއަކަށް ތެޅިގަނެއްޖެއެވެ. އެކަމުގެ ސަބަބުން އެކަމަނާގެ ފޭރާމުގެ ބައެއް ޖަމަލުގެ އަސްދާނުގޮނޑީގައި އަޅައިގަނެ އޮޅިގެންދިޔައެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾ “ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.” {ޝޫރާ 30} މިބަސްފުޅު އެކަމަނާ އެދިވަޑައިގެންނެވީ އެކަންތައް ރަނގަޅު ކޮށްދެއްވުމަށެވެ. ދެން ޢަބްދު ﷲ ބުން މުބާރަކު ވަޑައިގެން އެޖަމަލުގެ އަސްދާނުގޮނޑި ރަނގަޅު ކުރައްވައި ޖަމަލުގެ ވައުފަށް ރަނގަޅަށް އައްސަވައި ބާރުކުރެއްވިއެވެ. 

އެކަލޭގެފާނަށް، އެކަމަނާ އެހެން ވިދާޅުވުމުން އެކަމަނާގެ ބޭނުން ރަނގަޅަށް ވިސްނިވަޑައިގެންނެވި ކަމައްޓަކައި މާތް ﷲ އަށް ޙަމްދުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. {އަންބިޔާޢު 79}

ދެން ޢަބްދު ﷲ ބުން މުބާރަކު ޖަމަލުގެ ވައުފަށުގައި ހިއްޕަވައިގެން ދަތުރުފުޅު ފެއްޓެވުމުން އެކަމަނާ ދަތުރު މަތީގައި ކިޔާން ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ދުޢާ ވިދާޅުވާން ފެއްޓެވިއެވެ. سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ ﴿١٣﴾ وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ﴿١٤﴾ “އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ”. {ޒުޚްރުފް 13/14}

ދެން ޢަބްދު ﷲ ބުން މުބާރަކު، ޖަމަލުގެ ވައުފަށުގައި ހިއްޕަވައިގެން ދަތުރުފުޅު ކުރައްވަމުން އަރަބީންގެ ވަރަށް މަޝްހޫރު ޅެމެއް ކިޔުއްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުފުޅު ކުރައްވަމުން ގެންދެވީ އިޝާރާތެއް އަވަހަށެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ “އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ”! {ލުޤްމާނު 19} މިއަޑު އައްސަވައި ޢަބްދު ﷲ ބުން މުބާރަކު އެކަލޭގެފާނު އަޑުފުޅު މަޑުކުރައްވައި އެކަލޭގެފާނު ހިނގުންވެސް މަޑުކުރައްވައިފިއެވެ. ދެން އެކަމަނާ ދެންނެވިއެވެ. فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ “ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ.” { މުއްޒައްމިލު 20} މުރާދަކީ ޅެން ކިޔުމަށްވުރެ ޤުރުއާނުން ތަންކޮޅެއްކިޔުން މާހެޔޮކަންބޮޑެވެ. 

ދެން އެކަލޭގެފާނު ޤުރުއާން އިރުކޮޅެއްވަންދެން ކިޔަވާވިދާޅުވުމަށްފަހު ދެންނެވިއެވެ. “އޭ ދައިތާއެވެ. ދައިތާފުޅުގެ ފިރިކަލުން ދުނިޔޭގައި އެބަހުންނެވިތޯއެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން سؤال ނުކުރާށެވެ. ” {މާއިދާ 101} މުރާދަކީ އެކަމަނާގެ ފިރިކަލުންވަނީ ނިޔާވެފައެވެ. 

ދެން، ޢަބްދު ﷲ ބުން މުބާރަކު، ދަތުރުކުރައްވައި ވަޑައިގެން، ގާފިލާއާއި އަރާ ހަމަކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިގާފިލާގައި ކަމަނާއާއި ހަވާލުވާނެ ދަރިކަލެއް ނުވަތަ އަޚެއް އެބަވޭތޯއެވެ.؟ އެކަމަނާ ޖަވާބު ދެއްވިއެވެ. الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. {ކަހަފް 46} އެކަމަނާގެ މުރާދަކީ އެ ގާފިލާގައި އެކަމަނާގެ ފިރިހެންދަރީން ވާނެކަމެވެ. އަދި އެކުދިންގެ މުދާވެސް އެ ގާފިލާގައި ވާނެކަމެވެ. 

ޢަބްދު ﷲ ބުން މުބާރަކު ދެންނެވިއެވެ. ގާފިލާގައި އެކުދިންގެ ދައުރަކީ ކޮބައިތޯއެވެ.؟ އެކުދިން އެގާފިލާގައި ކުރަނީ ކޮން މަސައްކަތެއްތޯއެވެ.؟ އެކަމަނާ ޖަވާބު ދެއްވިއެވެ. وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ ﴿١٦﴾ އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ. {ނަޙްލު 16} އެކަމަނާގެ މުރާދަކީ އެކަމަނާގެ ދަރިންނަކީ ދަތުރުގެ މަގުދައްކައިދޭ ކުދިންކަމެވެ. 

ޢަބްދު ﷲ ބުން މުބާރަކު ވިދާޅުވިއެވެ. އެކުދިންގެ ނަންތައް ވިދާޅުވެ ދެއްވަ ބައްލަވާށެވެ. އެކަމަނާ ގޮވައިލެއްވިއެވެ. وَاتَّخَذَ اللَّـهُ إِبْرَاهِيمَ خَلِيلًا ﴿١٢٥﴾ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ. {ނިސާ 125 }وَكَلَّمَ اللَّـهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾ މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ. {ނިސާ 164 }يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! {މަރްޔަމް 12 } މިބަސްފުޅުތަކުން އެކަމަނާގެ މުރާދަކީ އެކަމާގެ ދަރިދަރިކަލުންގެ ނަންފުޅުތަކަކީ އިބްރާހީމާއި، މުސާއާއި ޔަޙްޔާކަމުގައެވެ. ދެން ޢަބްދުﷲ ބުން މުބާރަކު އެނަންފުޅުތަކުން ގޮވައިލެއްވުމުން އެކުދިން އަވަސްއަވަހަށް ޖަމާވެއްޖެއެވެ. 

އެކުދިން އައުމުން އެކަމަނާ ވިދާޅުވިއެވެ. فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، حلال ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! {ކަހަފް 19} އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކުދިންނަށް އެކަމަނާ އަމުރުކުރެއްވީ ޢަބްދުﷲ ބުން މުބާރަކަށް ފަރީއްކޮޅު އެރުވުމަށެވެ. 

ދެން ކާނާގެންނެވުމުން އެކަމަނާ ދެންނެވިއެވެ. كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. {ޙާއްޤާ 24 } އެއަށްފަހު އެކަލޭގެފާނަށް ޝުކުރު ދެންނެވުމުގެ ގޮތުން ވިދާޅުވިއެވެ.هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟ {ރަޙްމާން 60 } 

އެދެކަނބަލުންގެ ވާހަކަފުޅު ނިމުނީ މިއާޔަތާއި ހަމައިންނެވެ. އެކަމަނާގެ ދަރިދަރިކަލުން، ޢަބްދު ﷲ ބުން މުބާރަކަށް ދެންނެވީ އެކުދިންގެ މަންމަ ޤުރުއާނުގެ އާޔަތްތައް ބޭނުންފުޅު ކުރައްވައިގެން ވާހަކަފުޅު ދައްކަވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ވާކަށެވެ. 

ލިޔެ އެކުލަވާލީ: ޢަލީ އިޙްސާން ފިރާޤު

 

މިއަދު އޮންލައިން