"ކައިވެނިކުރަން އުޅުނުއިރުވެސް މިކުރެވެނީ ގެއްލުން ހުރި ކަމަކަށް ވެދާނެކަމަށް ވަރަށް ބޮޑަށް ވިސްނުނެވެ.
ނަމަވެސް ލޯބިވާވަރުން ކައިވެނިކުރީއެވެ. އެކަންވީ ލިބުނު އެންމެ ބޮޑު ދެރައަށެވެ." މިފަދައިން ބުނާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ.
ވަރަށް މަދު މީހަކު ނޫނީ ލޯބީގެ ނަމުގައި ހޫނު އަލިފާންގަނޑެއްގެ ތެރެއަށް އަމިއްލަ ދިރިއުޅުން ވައްޓައިލަނީ އަމިއްލައަށެވެ. އަހުރެންގެ ގާތަށް ކަންކަމުގައި ލަފާ ހޯދަން އަންނަ ގިނަމީހުން ޚާއްޞަކޮށް އަންހެނުން ދައްކާ ވާހަކަތަކުން އެނގެނީ ލޯބީގެ ނަމުގައި ގޯހެއް ހެދެންއުޅޭއިރު އެކަން އެމީހުންނަށް ވިސްނޭކަމެވެ. ނަމަވެސް އޭނާދެކެ ވެވިފައިހުންނަ ލޯބީގެ ބޮޑުކަމުން ރިސްކް ނެގެނީއެވެ.
ލޯބިވެވެން މިއުޅެނީ ނުވަތަ ކައިވެނިކުރެވެން މިއުޅެނީ ރަނގަޅު ނޫން މީހަކާއި ކަމުގައިވާނަމަ އެކަން ކުރުމުގެ ކުރިން އެމީހާގެ ޙިއްޞުތައް އެމީހާގެ ގާތުގައި އެކަމުގެ ވާހަކަތައް ބުނާނެއެވެ. އެކަން ނުކުރަން ސިގްނަލް ދޭނެއެވެ. ނަމަވެސް ލޯބީގައި ކުރިއަށް ދެވިފައިހުންނަވަރުން ހުއްޓާލަން ހިތް ނުއެދެނީއެވެ. ލޯބިވެވެނީއެވެ. ކައިވެނިވެސް ކުރެވެނީއެވެ.
އެކުވެރިންނޭވެ! މިފަދަ ލޯތްބަށް ކަނުލޯބިވެސް ކިޔައެވެ. ކަނުލޯބިވެވުމުން ކަންކަްނވާ ގޮތަކީ އެމީހަކު ކޮންމެ ކަމެއް ކުރިނަމަވެސް ވަކިވާން ބޭނުން ނުވެވެނީއެވެ. ބޭވަފާތެރިވީނަމަވެސް، ފަރުވާކުޑަކުރިނަމަވެސް އަދި ބައެއް ފަހަރު ޖިސްމާނީ އަނިޔާކުރިނަމަވެސްމެއެވެ.
މިޙާލަތުގައި ކަންކަން އެނގޭ ޢާއިލާގެ މީހުން ނުވަތަ ހެޔޮއެދޭ އެކުވެރިން ދޭ ނަޞޭޙަތްވެސް އޮންނަނީ ޤަބޫލުނުކުރެވިފައެވެ. ކިތަންމެ ވަރަކަށް ނަޞޭޙަތް ދިން ނަމަވެސްމެއެވެ. ޤަބޫލުކުރެވެނީ އެއުޅެނީ އެމީހަކާއި ކައިވެނިކޮށްފާނެތީ ޙަސަދަލައިގެން ކަމަށެވެ. ތިމާއަށް ލިބިދާނެ އުފަލަކަށް ހުރަސްއަޅަން ކަމަށެވެ.
މިޙާލަތުގައި ދުރުވެވެނީ ދުރުވާންޖެހޭ މީހާޢަކާއިއެއް ނޫނެވެ. ދުރުވެގެން ނުވާނެ ތިމާއަށް ހެޔޮއެދޭ މީހުންނާއިއެވެ. ދެންވާގޮތަކީ ބަސްޤަބޫލުނުކުރުމުން ޢާއިލާގެ މީހުންނާއި އެކުވެރިންނަށް އެމީހަކު ދެކެ ފޫހިވެވެނީއެވެ. ދެރައެއް ލިބިގެން އެނބުރި އަންނަން ޖެހިއްޖެނަމަ އަލުން ބަލައި ނުގަނެވެނީއެވެ. އެއީ އެކަންތައް މެދުވެރިވާނެވެސް ގޮތެވެ.
ވީމާ މިއީ ކޮންމެ މީހަކު ނަމަވެސް ޚާއްޞަކޮށް އަންހެނުން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ސަބަބަކީ ކައިވެންޏަށްފަހު ދެރަގޮތެއް މެދުވެރިވެއްޖެނަމަ އެންމެ ބޮޑަށް ހިތާމަކުރަންޖެހިފައި އޮންނަނީ އަންހެނުންނަށް ކަމުގައިވާތީއެވެ.
އަހުރެންގެ ބަސް ތަކުރާރުކޮސްލާނަމެވެ. ނުބައި ސިގްނަލްތައް ސިކުނޑިއަށް ލިބޭނަމަ ކުރިއަށް ދިއުން އިހަށް މަޑުޖައްސައިލާސެވެ! ލިބޭ ސިގްނަލްތަކަށް ވިސްނައިލާށެވެ! ކެތްތެރިވެލާށެވެ. ކުރިއަސް މިދެވެނީ ރަނގަޅަށްކަން ޔަޤީންކުރާށެވެ! ނޫނީ ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވެދާނެއެވެ.
މިއީ މިފަދަ ކަންކަމުގައި މީހުންނަށް ފަރުވާދީ އެކަންކަމުން ސަލާމަތްވާން އެހީތެރިވެދޭ މީހަކު ބުނެފައިވާ ވަރަށް ހެޔޮލަފާ ބަސްކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ބަސްކޮޅެއްކަމަށާް ޤަބޫލުކުރެވޭތީ ހުށަހަޅައިލީއެވެ.
- އަލަފް / މިއަދުނޫސް