މުސްލިމް އަޚުންނޭވެ! އުފާވެރިކަމާއި ބާއްޖަވެރިކަންހުށްޓެވެ! މާތް اللهގެ ފުއްސެވުމާއި، އެކަލާނގެ ރަޙުމަތުގެ މައްސަރަށް މަރުޙަބާކިޔަމެވެ. އީމާންވެތިބެ، ދަރުމައަށް އެދޭ ޙާލު، ރަމަޟާންމަހަށް އިސްތިޤުބާލުކުރުމަށް ގޮވައިލަމެވެ! އަހަރެމެންގެ ޞާލިޙު ސަލަފުން، އެ މަހަށް އިސްތިޤުބާލުކުރެއްވިއެވެ. އެ ބޭކަލުންގެ ޙަޔާތުގައި ރަމަޟާންމަސް ތަކުރާރުވުމަށް އެދިވަޑައިގަތެވެ. އެއީ އެ މަހުގެ ބަރަކާތާއި، ދަރުމައިގެ ބޮޑުކަމުންނެވެ. އަޅުކަމާއި ހެޔޮ ޢަމަލުތަކަށް ހުރި ފުރުޞަތުގެ ގިނަކަމުންނެވެ. ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި، ރޯދައާ ބެހޭ ޢާންމު ޙުކުމްތައް އެނގިގެންނެވެ. އެއީ މުސްލިމުންނަށް އެނގުން ލާޒިމު ކަންކަމެވެ.
ޝަރުޢީ ގޮތުން ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ. މީގެ އިތުރަށް ރޯދަވެރިޔާ އޭނާގެ ދުލާއި، އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރާންޖެހޭނެއެވެ. އެއީ ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައްއެތައް ސަވާބަކުން އޭނާ މަޙުރޫމުވާތީއެވެ. އޭނާ ކުރާ ރޭއަޅުކަން ވެސް ހަމަ އެފަދައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި
ވެއެވެ. (رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْـجُوْعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ)[1] މާނައީ: "ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެންކަމެއް ނުލިބޭ ކިތައްކިތައް ރޯދަވެރީން ވޭހެއްޔެވެ! އަދި ރޭއަޅުކަންކުރުމުން ނިދި ނަގައިލުމާއި ހޭލައިހުރުން ފިޔަވައި އެހެން ކަމެއް ނުލިބޭ ކިތައްކިތައް މީހުން ވޭހެއްޔެވެ!"
މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މަހެވެ. މަތިވެރި އަޚުލާޤާއި ތަރުބިޔަތުގެ މަހެވެ. ކެތްތެރިކަމާއި، އޯގާވެރިކަމުގެ މަހެވެ. ރޯދައަކީ، އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަން ދަސްކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެކެވެ. ދެއްކުންތެރިކަމެއްނެތި، އިޚުލާޞްތެރިވެ ހުރެ، ހިފާ ރޯދައަކީ، ހުރިހައި މާނައެއްގައި ތަޤުވާވެރިކަމާއި އިޙުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެކެވެ. އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ އެހެންވެގެންނެވެ. ރޯދައިގެ މަތިވެރިކަން ހާމަކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި
ވެއެވެ. (مَنْ صَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[2] މާނައީ: "އީމާންކަންމަތީ ހުރެ، ސަވާބަށް އެދޭ ޙާލު، ރަމަޟާންމަހު ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް މާތް الله ފުއްސަވާހުށްޓެވެ."
މުސްލިމް އަޚުންނޭވެ! ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވުމުން ފަރުޟު ރޯދަޔާ ބެހޭ މުހިންމު ބައެއް ޙުކުމްތައް ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ދަންނަވަމެވެ. ރަމަޟާންމަސް ވަންނަ ހިނދު ހެޔޮ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރެއްޖެ މީހާ ރޯދަހިފުން ވާޖިބުވެގެން ވެއެވެ. ދަތުރެއްގެ މަތީގައިވާ މީހާ ފަހުން ޤަޟާކުރުމަށް، ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެން ވެއެވެ. ބަލިމީހާ ބަލީން ރަނގަޅުވެއްޖައުމަށްދާންދެން ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. ދާއިމީ ބަލިކަމެއް ތަޙައްމަލުކުރަމުންދާ މީހާ ނުވަތަ ބަލި ފަސޭހަވާނޭކަމުގެ އުއްމީދެއްނެތް މީހާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ހުށްޓެވެ. މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހާ ވެސް ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ހުށްޓެވެ. މުސްކުޅިޔަކު ކަމުގައި ވިޔަސް ޒުވާނަކު ކަމުގައި ވިޔަސް ހަމަ ބުއްދި ނުވާ މީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެންނެއްނުވެއެވެ.