މުސްލިމް އަޚުންނޭވެ! ރޯދަވެރިޔާ ކެއިންބުއިމުން ރޯދަގެއްލޭ ފަދައިން، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި، ޑަޔަލިސިސް ހެދުމުން ވެސް ރޯދަ ގެއްލޭނެއެވެ.
ޙައިޟުވެރީންނާއި ނިފާސްވެރީން ފަދައިން، އެ ފަދަ ބަލިމީހުންގެ ރޯދަތައް ފަހުން ޤަޟާކުރާނީއެވެ. ރޯދަ ހިފުމުގެ ސަބަބުން ވަރުދެރަވެ އޭނާއާއި ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ޙާލަތްތަކުގައި މާބަނޑުމީހުންނާއި ކިރުމައިންނަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. މިފަދަ މީހުން ވެސް ދޫކޮށްލި ރޯދަ ފަހުން ޤަޟާކުރާނީއެވެ. ބަލިމީހުންނަށް އެ މީހުންގެ ޝަރުޢީ ޢުޒުރު ދެމިއޮތްހައި ހިނދަކު، ފާއިތުވީ ރޯދަ ފަސްކުރެވޭނެއެވެ. އެ ފަދަ މީހުން އެ މީހުންގެ ކިބައިން ޢުޒުރު ނެތިދިއުމުން އެ ރޯދަތައް އަވަހަށް ޤަޟާކުރާންވާނެއެވެ.
ޝަރުޢީ ޢުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ ދަންނާށެވެ! އެ މީހާ އެ ކުރީ ބޮޑުވެގެންވާ ފާފައެކެވެ. އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުމެވެ. އަދި ތިމާގެ އަނބިމީހާޔާ ރޯދަމަހު ދުވާލު އެއްދާންކޮށްފި މީހާގެ މައްޗަށް އޮތީ އެ ކަމުގެ ކައްފާރާ ދިނުމެވެ. އެއީ އެ ގޮތަށް ދޫކޮށްލި ކޮންމެ ރޯދަޔަކަށް އަޅަކު މިނިވަންކުރުމެވެ. އެ ކަމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމެވެ. އެ ކަމުގެ ކުޅަދާނަކަން ވެސް އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ.
މުސްލިމް އަޚުންނޭވެ! ރަމަޟާންމަހުގެ ވަގުތުތައް ބޭކާރުނުކުރާށެވެ! އެ މަހުގެ ރޭތައް އިޙުޔާކުރާށެވެ! މާތް اللهއަށް ތަޤުވާވެރިވާ އަޅުން، ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ ގޮތާ މެދު ތިޔަބައިމީހުން ވިސްނާށެވެ! މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއުރެން ނިދައިއުޅެނީ ރޭގަނޑުން ވަރަށް މަދު
ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރެތެވެ." މިއީ މާތް اللهއަށް ތަޤުވާވެރިވާ އަޅުންގެ ޢަމަލުތައް ހުންނާންވީ ގޮތެވެ. ތިޔަބައިމީހުންނަށް ވީވަރަކުން ރަމަޟާންމަހު ފަރުޟު ނަމާދުގެ އިތުރަށް، ތަރާވީޙުނަމާދަށް ވަގުތު ހުސްކުރާށެވެ! އެހެނީ އިމާމާއާ އެކު، އޭނާ ނިމެންދެން ރޭއަޅުކަމުގައި ބައިވެރިވާ މީހާއަށް، މުޅި ރޭ އަޅުކަންކުރުމުގެ ސަވާބު ލިބެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ مَعَ
الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)[2] މާނައީ: "އިމާމާ ނިމެންދެން އިމާމާއާ އެކު ރޭއަޅުކަމުގައި ދެމިހުރެއްޖެ މީހަކަށް، މުޅިރޭ އަޅުކަންކުރުމުގެ ސަވާބު ލިއުއްވޭހުށްޓެވެ." ރަމަޟާންމަހަކީ، ރޭއަޅުކަންކުރުން މޮޅުއިތުރު މަހެކެވެ. އެހެނީ އެ ރެއެއްގެ ސަވާބާއި ދަރުމަ، އެއް ހާސް މައްސަރަށް ވުރެ މަތިވެރި ލައިލަތުލްޤަދްރި ހިމެނެނީ އެ މަހުގައެވެ. އެ ރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ވަކީން ޚާއްޞަކޮށް ޒުވާނުން ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ! ރަމަޟާން މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރާށެވެ! ނަމާދު ޤާއިމުކުރުމަށް ފަރުވާތެރިވާށެވެ!
މުސްލިމް އަޚުންނޭވެ! ފަރުޟުތައް އަދާކުރުމަށް ފަހު، ގޭތެރޭގައި ކުރާން ހުންނަ މަސައްކަތުގައި އެހީތެރިވާށެވެ! ވަކީން ޚާއްޞަކޮށް ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތެއްނޫނެވެ. ގިނަގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީވުމުގައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- "އަދި ހެޔޮ ކަންތައް ކުޅައުމާއި ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!"