އަތުން އެންމެ ރުފިޔާއެއްވެސް ޚަރަދުނުކޮށް ބަލިމީހަކަށް ދެވިދާނެ އެންމެ އަގުބޮޑު ހަދިޔާގެ ފުނިވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 19ސ
އަތުން އެންމެ ރުފިޔާއެއްވެސް ޚަރަދުނުކޮށް ބަލިމީހަކަށް ދެވިދާނެ އެންމެ އަގުބޮޑު ހަދިޔާގެ ފުނިވަރެއް!

މިލިޔުން ޚާއްޞަކޮށް މިލަނީ ޙާލަތު ހުންނަ ގޮތުން ދޭނެ ހަދިޔާއެއް އަތުގައި ނެތިގެން ބަލިމީހުންނަށް ޒިޔާރަތްކުރަން ފަސްޖެހިލައްވާ ކިޔުންތެރިން ކުރައްވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުންނެވެ. އެކުގައި ވިދާޅުވެލައްވައި ހިތްހަމަޖެހުން ޙޯއްދަވާށެވެ!  

ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ ބަލިމީހުންނަށް ޒިޔާރަތްކުރުމެވެ. އެކަމުގައި އިހްމާލުވެވެމުން ގޮސް ކޮންމެހެން ޒިޔާރަތްކުރަންޖެހޭ ޢާއިލާގެ މީހުންނަށް ޒިޔާރަތްކުރުންވެސް މިއޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. ވަރަށް މަދުން ކުރެވޭ ކަމަކަށްވެސްވެފައެވެ.  

ބަލިމީހުންނަށް ޒިޔާރަތްކުރުމުން ލައްވަވާ ރަޙްމަތުގެ ވާހަކަތައް ވަރަށް ގިނައިން އެބަ ގެނެސްދެވެއެވެ. މިލިޔުމުގައި މިވަނީ ބަލިމީހަކަށް ދެވޭނެ އެންމެ އަގުބޮޑުހަދިޔާގެ ވާހަކައެވެ.  

ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އޭނާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. އަދި ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެކެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެންކަމާއިއެކުވެސް ބަލިމީހުންނަށް ޒިޔާރަތް ނުކޮށް ތިބޭ ބައެއް މީހުން ޤަބޫލުކުރަނީ ބަލިމީހާއަށް ކޮންމެހެންވެސް ހަދިޔާއެއް ގެންދަން ޖެހޭނެ ކަމަށާއި ހަދިޔާ ގަންނާނެ ފައިސާ ނެތްނަމަ އޮތީ ނުދިއުން ކަމަށެވެ.  

ބަލިމީހާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ގަންނަން ފައިސާ ބޭނުމެއް ނުވާނެއެވެ. އެއީ ފައިސާ ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ. އެހެނީ ބަލިމީހާއަށް އެންމެ މުހިންމީ އޭނާއަށް ޝިފާ ދެއްވެވުން އެދިގެން ދުޢާކުރުން ކަމުގައިވާތީއެވެ.  

ތިރީގައި އެވަނީ "ބަލިމީހާއަށްޓަކައި ކޮށްދޭންވީ ދުޢާ" މި މައުޟޫއަށް ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

"ބަލިމީހާއަށްޓަކައި ކޮށްދޭންވީ ދުޢާ" 

ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަކީ ބަލިމީހާއަށް ޒިޔާރަތްކުރުމުގެ އަދަބުތަކުގެ ތެރެއިން ވާކަމެކެވެ. އެހެނީ ބަލިމީހާއަށް އެންމެބޮޑަށް ބޭނުންވާކަމަކީ ބަލިން ޝިފާލިބުމެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ އެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ (الشعراء 80)

މާނައީ: "އަދި އަހުރެން ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެއިލާހެވެ."

އެހެންކަމުން ބަލިމީހާއަށް ކޮށްދެވޭނެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރިކަމަކީ ބަލިމީހާއަށް ޝިފާދެއްވުމަށްޓަކައި ﷲ ގެ ޙަޟްރަތުން އެދޭ އެދުމެވެ.

ބަލިމީހުންނަށް ދުޢާކުރުމަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވެސް ވާރިދުވެފައިވާ ކަމެކެވެ. އެކަމުގެ ހިދާޔަތު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހަރެމެންނަށް ދައްކަވާފައެވެ. އެގޮތުން ދުޢާކުރުމަށް ސުންނަތުގައި ބައެއް ދުޢާތައް ވާރިދުވެފައިވެއެވެ. 

އެގޮތުން ވާރިދުވެފައިވާ ބައެއް ދުޢާތަކަކީ:

((لاَ بَأْسَ طَهُوْرٌ إِنْ شاَءَ اللهُ)) – رواه البخاري .

މާނައީ: "އެއްވެސް މައްސަލައެއް ނެތެވެ. الله އިރާދަކުރެއްވިއްޔާ (މިބައްޔަކީ ތިބާ ފާފަތަކުން) ޠާހިރުކޮށްދޭ އެއްޗެކެވެ." 

އަދި ބަލިމީހާގެ ނަން ކިޔާ ބަލިމީހާއަށް ޝިފާދެއްވުން އެދި ތިންފަހަރު ދުޢާކުރަންވެސް ސުންނަތުގައި ވާރިދުވެފައިވެއެވެ. ސަޢުދު ބިން އަބީ ވައްޤާޞް އާލާސްކަންފުޅާ އުޅުއްވަނިކޮށް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ ސަޢުދު ބިން އަބީ ވައްޤާޞް އަށް ޒިޔާރަތްކުރައްވާ ދުޢާކުރެއްވި ސީޣާ ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމްގައި ވާރިދުވެފައިވެއެވެ.

(( اللَّهُمَّ اِشْفِ سَعْدًا )) قَالَ ثلاثاً –

رواه البخاري (5659) ومسلم (1628) .

މާނައީ: "ޔާ الله. ސަޢުދަށް ޝިފާ ދެއްވާނދޭވެ" މިގޮތަށް ތިންފަހަރު ދުޢާކުރެއްވިއެވެ. ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކަނާއަތްޕުޅު ބަލިމީހާގެ އަތުގައި ބީއްސަވާ ބަލިމީހާއަށް މިފަދައިން ދުޢާކުރައްވަތެވެ.  

(( أَذْهِبْ الْبَاسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا )) رواه مسلم (2191). 

މާނައީ: "ބަލިކަން ގެންދަވާ ދޭނވެ! މީސްތަކުންގެ ވެރި އިލާހު! ޝިފާ ދެއްވާނދޭވެ! ހަމަކަށަވަރުން ޝިފާދެއްވަނީ ހަމައެކަނި އިބަ އިލާހެވެ. އިބައިލާހުގެ ޝިފާ ފިޔަވައި ޝިފާއެއް ނުވެއެވެ. އެޝިފާއަކަށްފަހު އެއްވެސް ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ." 

ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ( مَنْ عَادَ مَرِيضًا لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ : أَسْأَلُ اللهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ إِلا عَافَاهُ اللهُ مِنْ ذَلِكَ الْـمَرَضِ )

رواه أحمد وأبو داود (3106) وصححه الألباني في صحيح أبو داود .  

މާނައީ: "އެއްވެސް މީހަކު، މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް މިފަދައިން “މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ." 

ހަތްފަހަރު އޭނާއަށް ދުޢާކޮށްދީފިނަމަ އޭނާއަށް ޢާފިޔަތު ލިބޭނެއެވެ.” އަދި ހަމަ އެފަދައިން ބަލިމީހާގެ ކައިރިއަށް ޒިޔާރަތްކުރާ ހިނދު ބަލިމީހާގެ ޙާލު އަޙުވާލު އެހުމާއި ބަލިމީހާގެ ޙާލަތު އޮޅުން ފިލުވުމަކީ ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވާ ސުންނަތެކެވެ.  

ބައްލަވާ الترمذي (983) وحسنه الألباني . 

ބަލިތަކަށް ޝިފާ ދެއްވާ އިލާހު! އަޅަމެންގެ ތެރެއިން ވާ ބަލިމީހުންނަށް ޝިފާ ދެއްވާނދޭވެ!

 

- ޝައިޚް މުޙައްމަދު ޝާފިޢު

މަރުޖިޢު: انظر “الشرح الممتع” (5/171-176) .

 

މިއަދު އޮންލައިން