ޢަލީ އިޙްޞާން ފިރާޤް
ނަންފުޅާއި ނަސަބުފުޅު:
އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާގެ ނަންފުޅާއި ނަސަބުފުޅާމެދު މުއްރިޚުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އިބްނު ސަޢުދު ޠަބަޤާތުގައި ލިޔުއްވައިފައިވާ ގޮތުގައި އެކަމަނާގެ އަސްލު ނަންފުޅަކީ كُعَيْبَةُ بِنْتُ سَعْد އެވެ. އެހެން ރިވާޔަތެއްގައިވަނީ އެކަމަނާގެ އަސްލު ނަންފުޅަކީ كعيبة بنت سعيد ކަމަށެވެ. އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ ނިސްބަތްވެވަޑައިގަންނަވަނީ މަދީނާގެ ޚަޒުރަޖުވަންހައިގެ ގޮތްޕެއްކަމުގައިވާ އަސްލަމުވަންހައަށެވެ.
އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ކުރީގައެވެ. އެކަމަނާއަކީ މަދީނާގައި އެންމެ ކުރީން އިސްލާމްދީން ޤަބޫލުކުރެއްވި ބާއްޖަވެރި އަންހެން ސާހިބުން ކުރެ އެއްބޭކަނބަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުން އެކަލޭގެފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެވެޑައިގެން މަދީނާގެ އަންޞާރުންގެ މުޤައްދަސު ޖަމާއަތުގެ ތެރޭގައި އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނެވިއެވެ.
ޞިއްޙީ ޚިދުމަތުގައި:
އިސްލާމީ ތާރީޚުގެ އެދުރުން އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާގެ ނަންފުޅު ފާހަގަ ކުރައްވައިފައިވަނީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ނަރުހުގެ ގޮތުގައެވެ. އެކަމަނާއަކީ ނުހަނު ތޫނުފިލި ބުއްދިފުޅު ފުރިހަމަ ބޭކަނބަލެކެވެ. ހިތްޕުޅު މަޑުމައިތިރި އޯގާތެރި ބޭކަނބަލެކެވެ. އެކަމަނާގެ ބަފައިކަލުން سعد الأسلمي އަކީ އޭނާގެ ޒަމާނުގައި ބޭސްވެރިކަމުގެ ވަރަށް ބޮޑު އެދުރެވެ. އެކަމަނާވަނީ ބޭސްވެރިކަމާއި، ބަލިމީހުންނަށް ހޭހަންކުރުމުގެ ޢިލްމުގެ ވަރަށް ބޮޑު ޚަޒާނާއެއް ބައްޕާފުޅުގެ އަރިހުން ހޯދަވައިފައެވެ.
އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާގެ ބޭސްވެރިކަމުގެ ހުނަރާއި، ޢިލްމީ ޤާބިލުކަމަށް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ. އެކަލޭގެފާނުވަނީ އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއަށް ޚާއްޞަ ފޭލިގެކޮޅެއް މަސްޖިދުއްނަބަވީގެ ކައިރީގައި ޖައްސަވައިދެއްވައިފައެވެ. މިޒަމާނުގެ ޢިބާރާތަކުން ދަންނަވަނީ ނަމަ ކުޑަ ކުލިނެކެއް ހައްދަވައި ދެއްވަވައިފައެވެ.
ޚަންދަޤު ހަނގުރާމައިގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުހަނު އަރިސް ޞަޙާބީބޭކަލެއް ކަމުގައިވާ ސަޢުދު ބުނު މުޢާޒު ރަޟިޔަﷲ ޢަންހު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަޢުދުގެ ޙާލުކޮޅު ފެނިވަޑައިގެން ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސަޢުދުގެފާނަށް ފަރުވާ ދެއްވުމަށްޓަކައި ޙަވާލު ކުރެއްވީ އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއަށެވެ.
އިމާމު ބުޚާރީ އަދަބުލް މުފުރަދުގައި ލިޔުއްވައިފައިވެއެވެ. މަޙްމޫދު ބިން ލަބީދުގެ އަރިހުން ރިވާވެގެންވެއެވެ. ޚަންދަޤު ހަނގުރާމައިގެ ދުވަހު ސަޢުދު ބުން މުޢާޒު ރަޟިޔަﷲ ޢަންހުގެ ލޯފުޅު ވަރަށް ބޮޑަށް ޒަޚަމްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސަޢުދުގެފާނަށް ފަރުވާ ދެއްވުމަށް ޙަވާލުކުރެއްވީ ރުފައިދާއަށެވެ. ސަޢުދުގެފާނު އެކަމަނާގެ ފޭލިގެކޮޅަށް ބައްދަލުކުރެއްވިއެވެ. އަދި މާތް ރަސޫލާ صلّى اللّـه عليه وسلّم ހެނދުނާއި ހަވީރު އެކަމަނާގެ ފޭލިގެ ކައިރިއަށް ވަޑައިގެން ސަޢުދުގެފާނުގެ ޙާލުކޮޅު ބައްލަވައެވެ.
އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ ވަނީ ޞިއްޙީ ޚިދުމަތްތެރިންގެ ޖަމާޢަތެއް އެކަމަނާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ތަމްރީނު ކުރައްވައިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރު ހަނގުރާމައަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ އާއި ޖަމާޢަތެއްގެ އަންހެން ބޭފުޅުންކޮޅެއް ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ.
[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން ކަލޭގެފާނާއެކު ހަނގުރާމައިގެ މައިދާނަށް ގޮސް ޒަޚަމްވެފައިވާ މުޖާހިދުންނަށް ހޭހަން ކުރަން ބޭނުމެވެ. ޒަޚަމްވެފައިވާ މުޖާހިދުންނަށް ފަރުވާދީ އެހީތެރިވެދޭން ބޭނުމެވެ.]
އެކަނބަލުންގެ ވާހަކަފުޅު އަޑުއްއައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހިތްޕުޅުގެ އަޑިން އެކަން ޤަބޫލުފުޅު ކުރެއްވިއެވެ. އެކަނބަލުން ހަނގުރާމައިގެ މައިދާނަށް ވަޑައިގަންނަވަން ހުއްދަ ދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަނބަލުންގެ ޞިއްޙީ ޚިދުމަތާމެދު ނުހަނު ފަޚުރުވެރިވެވަޑައިގެންނެވިއެވެ. ޚާއްޞަ ގޮތެއްގައި އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާ ޚިދުމަތް ފާހަގަކުރެއްވިއެވެ. ހަނގުރާމައިގެ މައިދާނުގައި ކަނޑި ހިފައިގެން ހަނގުރާމަކުރި މުޖާހިދުންނެކޭ އެއްވަރަށް އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއަށް ޣަނީމާ މުދާ ދެއްވެވިއެވެ.
ޝައްކެއްނެތް ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި ޢަމަލުފުޅުން އިސްލާމްދީނުގައި ޞިއްޙީ ޚިދުމަތްތެރިންނަށް ރިޢާޔަތްކުރާ މިންވަރު ހާމަވެގެން ދެއެވެ. އަންހެނުންނަށްވެސް ޒަޚަމްވެފައިވާ މީސްތަކުންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ދެވިދާނެކަން ދޭހަވެއެވެ.
ޙައިރާންވާފަދަ އިއްތިފާގެކެވެ. އިސްލާމްދީނުގެ މި ޚިދުމަތްތެރި ޞަޙާބިއްޔާގެ ޙަޔާތްޕުޅާ ބެހޭގޮތުން ތާރީޚުގެ ފޮތްތަކުން ފެންނަނީ ހިމޭންކަމެކެވެ.
އަރަހުށި މާތްﷲ އެ މާތް ޞަޙާބިއްޔާއަށް ރުއްސުން ލައްވާށިއެވެ. އާމީން