ފިރިއަކު އަނބިމީހާއަށް ބުންޏެވެ. "އަހުރެންގެ މަސައްކަތުން ފުދި އިތުރުވާވަރަށް ފައިސާ އެބަ ގެއަށް ވައްދަމެވެ. ތިބާއަށް ގެއަށް ވެއްދެނީ ކޮން އެއްޗެއް ހެއްޔެވެ؟"
އަނބިމީހާ ބުންޏެވެ. "ފަތިހާ ތެދުވެ ތިބާއާ ދަރިން ހޭލައްވަމެވެ. ތިބާ ގާތު ނަމާދަށްދާން ބުނަމެވެ/ ކުދިން ލައްވައި ނަމާދުކުރުވަމެވެ. ހެނދުނުގެ ސައި އެންމެންނަށް ހަދައިދެމެވެ. ކުދިން ސްކޫލަށް ގެންގޮސް ގެންނަމެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމެވެ. ގޭތެރޭގެ އެއްވެސް ކަމަކާ ތިބާގެ ބޯގޮއްވާކަށް ނުޖައްސަމެވެ.
ތިބާގެ މައިންބަފައިން އެއްވެސް ޝަކުވާއެއް ނުކޮށް ހިނިތުންވެގެން އެތިބެނީ ޝަކުވާކުރަން ބޭނ ުންނުވާތީއެއް ނޫނެވެ. ޝަކުވާކުރެވޭނެ ކަމެއް ނުދެއްކޭނެތީއެވެ. ވީމާ ތިބާއަށް ގޭގެ އެއްވެސް ކަމަކާއިހުރެ ކަންބޮޑުވާން ނުޖެހި ތިއަހުރެވެނީ ގޭގައި ހަމަޖެހުން އޮތީމައެވެ. ހަމަޖެހުން އޮންނަނީ އަހުރެން ދުވާލު ހަތަރުދަމު ކުރާ މަސައްކަތުންނެވެ.
ދެން ނިކަން ބުނެބަލާށެވެ! އުފަލުގައި މިއުޅެވެނީ ތިބާ ގެއަށް ވައްދާ ފައިސާއިން ހެއްޔެވެ؟ ނޫނީ އަހުރެން ކުރާ ބުރަ މަސައްކަތުން ހެއްޔެވެ؟"
މިވާހަކަތައް ސިއްރުން އަޑުއަހަން ހުރެފައި މަންމަ (މައިދައިތަ) އައިސް ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅު ކުރާ މަސައްކަތުގައި ބަރަކާތް އިތުރުކުރައްވަވާށިއެވެ! މިހާރަށްވުރެސް ތަނަވަސްކަން އިތުރުކުރައްވަވާށިއެވެ! އެކަމަކު ބުނަން ހެއްޔެވެ؟ ތިބާގެ އަނބިމީހާ ކުރާ މަސައްކަތުގެ އަގުވަޒަންކުރާށެވެ! އަހުރެމެންނަށް ހިތްހަމަޖެހިގެން އުފަލުގައި މިއުޅެވެނީ އޭނާގެ ހިތްވަރުންނެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ގެއަށް ލިބޭނީ ފައިސާއަކުން ނޫނެވެ. އަނބިމީހާގެ މަސައްކަތުންނެވެ!"
ފިރިމީހާ ބުންޏެވެ. "އަހުރެން އެހެން ބުނީ ހަމަ އަނބިމީހާ ބުނާއެއްޗެއް ބަލައިލުމަށެވެ. އަހުރެންނަށް ކުރިއަށް މިދެވެނީ އަނބިމީހާ ފަތިސްނަމާދަށް ހޭލައްވާތީއެވެ. ފަތިސް ނަމާދުން ދުވަސްފަށާތީއެވެ. ގޭގައި އުފާވެރިކަން މިއޮންނަނީ އަނބިމީހާގެ ސަބަބުންނެވެ."
އަހުރެން އުންމީދުކުރަނީ މިބަސްކޮޅަކީ ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ބަސްކޮޅެއް ކަމަށެވެ. ކޮންމެ ދެމަފިރިއަކުވެސް މިބަސްކޮޅުން ފިލާވަޅު ލިބިގަންނާށެވެ! ދިރިއުޅުމަށް ކުރިއެރުމާއި އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން