ޙަރާމް ގުޅުމެއް ނިންމާލަން ލޯބިވެރިޔާ ރުހޭ ވަޤުތަކަށް މަޑުކޮށްގެން ހުންނަ ކޮންމެ ވަޤުތުކޮޅަކީވެސް ނަރަކައާއި ގާތަށް ދެވޭ ވަޤުތުކޮޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޙަރާމް ގުޅުމެއް ނިންމާލަން ލޯބިވެރިޔާ ރުހޭ ވަޤުތަކަށް މަޑުކޮށްގެން ހުންނަ ކޮންމެ ވަޤުތުކޮޅަކީވެސް ނަރަކައާއި ގާތަށް ދެވޭ ވަޤުތުކޮޅެއް!

ބައެއް މީހުން ލޯބިވެ ޙަރާމް ގުޅުންތައް ހިންގަމުން ގެންދެއެވެ. އެކަން ވިސްނި ޢަމަލުތައް އިޞްލާޙްކުރަން ބޭނުންވުމުންވެސް ވިސްނެނީ ލޯބިވެރިޔާ ދެރަވެދާނެތީއެވެ. ރުޅިއައިސް ތިމާ ދޫކޮށްލާފައި ހިނގައިދާނެތީއެވެ.  

ބުނަން ހެއްޔެވެ؟ އެޙާލަތުގައި އަވަހަށް ކައިވެނިކުރާށެވެ! ގުޅުން ޙަލާލްކުރާށެވެ! އެކަމަށް ލޯބިވެރިޔާ ފަސްޖެހޭނަމަ އޭނާ ވެދާނެ ދެރައަކަށް ބަލަން މަޑުނުކުރާށެވެ! އެގުޅުން އަވަހަށް ނިންމައިލާށެވެ! ސަބަބުވެސް މިބުނަނީއެވެ.  

މުހިންމީ ލޯބިވެރިޔާގެ ރުހުމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިއްޖެނަމަ އެމީހަކަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ފާފަކުރާ ވަރަކަށް އެދވެނީ ނަރަކައާއި ކައިރިވެވެމުންނެވެ.  

މިހާރަކަށް އައިސް ދަރިން ަތރުބިއްޔަތުކުރުމުގައި ދީނަށް ސަމާލުކަން ކުޑަކުރެވޭތީ ބޮޑެތިވަނީ މިކަންކަމަށް ނުވިސްނިތިބެއެވެ. އެހާފަސޭހައިން ފާފަތަކަށް އަރައިގަނެވެނީ އެހެންވެގެންނެވެ. އެޙާލަތުގައިވެސް ތިމާއަށް މިކުރެވެނީ ބޮޑެތި ފާފަތައްކަން ވިސްނިއްޖެނަމަ އެއީ ﷲ ތަޢާލާ ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އެނިޢުމަތުގެ ބޭނުން ހިފަން އަވަސްވެގަންނަންވާނެއެވެ.  

ނިންމާލަމުން މިބުނެލަނީ އެންމެ ގިނައިން ހަނދާންކޮށްދެވޭ ކަންތަކެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ކޮންމެ ވަޤުތަކުވެސް ތިބާއާއި ވަކިވެދާނެއެވެ. އެކަމަކު ﷲ ތަޢާލާ ތިބާއާއިއެކު އަބަދުވެސް ވޮޑިގެންވާނެއެވެ. އަދި ތިބާއަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ އެއްވެސް މީހެއްގެ ރުހުން ހޯދުމުގެ ބޭނުމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނަގައިނުލާށެވެ!

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން