ފަތިސް ނަމާދަށް ނުހޭލެވުމުން ޙަރާމް ކަމެއް ކުރިކަމުގެ ޙުކުމް އަންނަ ޙާލަތެއް އެބައޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 29ސ
ފަތިސް ނަމާދަށް ނުހޭލެވުމުން ޙަރާމް ކަމެއް ކުރިކަމުގެ ޙުކުމް އަންނަ ޙާލަތެއް އެބައޮތްކަން އެނގޭތަ؟

މިއަދުނޫހުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީ ފަތިސްނަމާދު ނުއެޅުމެވެ.

ޚާއްޞަކޮށް ޖަމާޢަތުގައި ކުރަން މަސައްކަތްކުރުމެވެ. ސަބަބުތައް މިގެންދަނީ ބަޔާންކޮށްދެމުންނެވެ. އުންމީދަކީ އެންމެންނަށްވެސް ހޭލުންތެރިކަން ލިބި އެންމެންނަކީވެސް ފަތިސްނަމާދުކުރާ ބައަކު ކަމުގައިވުމެވެ.   

ގިނަ ބައަކަށް ފަތިސްނަމާދަށް ނުހޭލެވެނީ ހޭލަން ބޭނުން ނުވާތީއެއް ނޫނެވެ. ނިދޭލެއް ލަސްކަމުން ނިދިފުރިހަމަނުވާތީއެވެ. ޢިޝާ ނަމާދަށްފަހު ލަސްވަންދެން ނުނިދައި ލަސްވަންދެން ހޭލައި އިނުމެއް ނެތެވެ. ޢިޝާނަމާދަށްފަހު ހޭލައި ހުންނަންޖެހޭނީ އެމީހަކަށް ފައިދާހުރި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށެވެ.  

ނަމަވެސް މިއަދު ގިނަ ބައަކު ނުނިދައި ހޭލައި ތިބެނީ ހިތްހަމަޖެއްސުމަށެވެ. ކުޅިވަރުކުޅުމަށެވެ. މުނިފޫހިފިލުވުމަށެވެ. ތިރީގައި އެވަނީ އެކަމުގެ ޙުކުމް ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

ޢިޝާ ނަމާދުގެ ފަހުން، ޓީވީ ޑްރާމާ ސިލްސިލާތައް ބަލަން ތިބުމާއި، ގޭމު ކުޅުމާއި، ކުޅިވަރު މުބާރާތްތައް ބޭއްވުމާއި، ފުޓްބޯޅަ މެޗުތައް ބެލުމާއި، ސޯޝަލް މީޑިޔާ ފަދަ ވަސީލަތްތަކުގައި ވަގުތު ހޭދަކުރުމަކީ، މި ދެންނެވި، މަކްރޫހަ ކަންކަމުގެ ތެރެއަށް ވަންނާނެ ކަމާމެދު ޝައްކެއް ނެތެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ޤާޢިދާއެއް މިތަނުގައި ހިމަނާލުން މުހިއްމެވެ. 

"އެކަމެއް ކުރުމުގެ ސަބަބުން ތިމާ ދީނުގެ ވާޖިބުކަމަކުން އެއްކިބާ ކުރުވާ ކޮންމެ ކަމަކީ ޙަރާމް ކަމެކެވެ."  

ޓީވީ ޑްރާމާތައް ބަލަން އިނުމުގެ ސަބަބުން ފަތިސްނަމާދަށް ނުހޭލެވޭނަމަ، އަދި އެކަމުގެ ސަބަބުން ނަމާދު އެޅުމަށް މަގުފަހިވާނަމަ، އެކަމުގެ ސަބަބުން ނަމާދުން އެއްކިބާކުރުވާނަމަ، އެކަމުގެ ޙުކުމަކީ އެއީ އެ ޙާލަތުގައި ޙަރާމް ކަމެކެވެ. 

ލަހުން ދިނުމުގެ އާދައަކީ ވަރަށް ނުބައި އާދައެކެވެ. އެއީ އެކަމުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް ދީނީގޮތުންނާއި ޞިއްޙީގޮތުންވެސް މީހާއަށް ލިބޭ ކަމެކެވެ. ގިނަ މީހުން ފަތިސްނަމާދަށް ނުހޭލެވޭ ސަބަބަކީ މާ ލަހުން ނިދުމެވެ. އަދި ފަތިސް ނަމާދު ފަދަ މުހިއްމު ނަމާދަކަށް ޣާފިލުވުމަކީ މީހާ ނިފާޤުގެ ތެރެއަށް ވެއްޓިގެންދާ ސަބަބެކެވެ. 

ލަހުން ނިދުމުގެ ސަބަބުން، ދަމު ނަމާދު ގެއްލި، ފަތިސް ނަމާދު ގެއްލި، މި އުންމަތަށްޓަކައި ބަރަކާތް ލެއްވިގެންވާ ހެނދުނުގެ ވަޤުތުވެސް ގެއްލެނީއެވެ. ދެން ވާގޮތަކީ ވަޤުތުގައި ބަރަކާތް ކެނޑެނީއެވެ. އޭރުން މުޅި ދުވަސް އެއްވެސް އުފެއްދުންތެރިކަމެއް ނެތި، ބޭކާރު ގޮތުގައި ހޭދަކުރެވެނީއެވެ. 

ދުވާލުގެ ކުރީކޮޅުގެ މި ބަރަކާތްތެރި ވަޤުތު ލިބިއްޖެނަމަ، ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކޮށްލެވި، ކުރާ ކަންކަމުގައި ބަރަކާތް ލައްވައި، މީހާގެ ތާޒާކަން އިތުރުވެ، ކަންނެތްކަން ފިލައި، ވަރުބަލިކަން ފިލައި، ޙަރަކާތްތެރިކަން ލިބި، ކަންކަން ކުރާހިތުން ކުރުމުގެ ޖޯޝާ ފޯރި ނަފުސުގައި އާލާވެއެވެ. 

މިއާ ޚިލާފަށް ބަރަކާތްތެރި ވަޤުތުތައް ނަގާލައި ނިދާފައި އޮންނަ މީހާގެ ޙާލަތު ބައްލަވާށެވެ. ޝައިޠާނާ އޭނާގެ މައްޗަށް ގަދަވެގަންނަވަރު ބައްލަވާށެވެ. އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.  

(ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ) {متفق عليه} މާނައީ: "އެއީ އޭނާގެ  ދެކަންފަތަށް ޝައިޠާނާ ކުޑަކަމުގޮސްފައިވާ މީހެކެވެ." 

ކަންއޮތީ މިހެން ކަމަށް ވާއިރު، އަޅުގަނޑުމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރާ މީހުން، ނިދުމުގައިވެސް އެކަލޭގެފާނުގެ ސުންނަތަށް ތަބާވުން ހުއްޓެވެ. ޚާއްޞަކޮށް އެންމެ އަގުހުރި ވަޤުތުތައް ޣަނީމާކުރުމަށްޓަކައި، ނަފުސުތަކާ ވަރުގަދަ ޖިހާދެއް ކޮށްގެންވެސް ﷲ އަށް ކުއްތަންވުމުގެ މަގުތައް ފަހިކުރުމަށްޓަކައި މައިރާ ނިދަން ޖެހެއެވެ. އެ ރޭގަނޑެއްގައި ހިމެނޭ އެންމެ ވަރުގަދަ ހެޔޮކަން ދޫކޮށްލާ ރޭގަނޑަކުން އަހަރެމެންނަށް އޮތީ ކޮން ފައިދާއެއް ތޯއެވެ؟ 

ކޮންމެ ދުވަހެއްގައިވެސް ﷲ ތަޢާލާ ލައްވާފައިވާ އެންމެ މާތް ވަޤުތަކީ ރޭގަނޑުގެ ފަހު ބައެވެ. އެ ވަޤުތަކީ އެއީ އަޅުކަންކުރުމަށް އެންމެ މާތްކަންބޮޑު ވަޤުތެވެ.

ﷲ އާ ކުއްތަންވުމަށްޓަކައި، އެ ވަޤުތު ޣަނީމާކުރަން ޖެހެއެވެ. އެކަން ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލު ގެންނަން ޖެހެއެވެ. 

ދިރިއުޅުމާއި، ވަޒީފާއާއި، ތަޢުލީމު އުނގެނުމާއި، ކަސްރަތާއި ކުޅިވަރާއި، މުނިފޫހިފިލުވުމުގެ އެކި އެކި ވަސީލަތްތަކާއި ސްމާރޓް ޑިވައިސްތަކުގެ މި ޒަމާނުގައި ވަރަށް ގިނަ މީހުން ނިދަނީ، އެންމެ މާތް ވަޤުތު ކައިރިވެފައި ހުއްޓައެވެ. ރޭގަނޑުގެ ފުރަތަމަ ބަޔާއި ދެވަނަބައިގައި ހޭލާހުރެފައި، ނުވަތަ ވަޤުތުތައް ބޭކާރުކޮށްފައި، އަރާ ނިދަނީ، ﷲ އަށް ކުއްތަންވުމަށްޓަކައި އެންމެ އައުލާކަން ބޮޑު ވަޤުތުގައެވެ. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ، އަޅުގަނޑުމެންނަށްވުރެ، މައްސޫލިއްޔަތު ބޮޑު، މާ ގިނަ ކަންކަމާ ޙަވާލުވެވަޑައިގެން ހުންނެވި، މާ ބުރަ ބޭކަލެކެވެ. އެއާއެކުވެސް އެކަލޭގެފާނު ރޭގަނޑުގެ ކުރީކޮޅު އަވަހާރަފުޅުލައްޕަވަތެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ.

(كَانَ يَنَامُ أَوَّلَ اللَّيْلِ، وَيُحْيِي آخِرَهُ) {أخرجه مسلم}

މާނައީ: "ރޭގަނޑުގެ ކުރީކޮޅުގައި އެކަލޭގެފާނު އަވަހާރަފުޅުލައްޕަވާ ކަމުގައިވެއެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ." 

ނިދުމުގައި ވަޤުތާބެހޭގޮތުން ބަލާއިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ، އަވަހަށް ނިދުމާއި އަވަހަށް ހޭލުމެވެ. އެއީ ޢިޝާފަހުން ނިދުމެވެ. 

ބޭކާރުގޮތުގައި ޢީޝާ ނަމާދުގެ ފަހުން ވަޤުތު ހޭދަކުރުން މަކްރޫހަވެގެން ވެއެވެ. 

عَنْ أَبِي بَرْزَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ ، وَالْحَدِيثَ بَعْدَهَا .{ رواه البخاري (568) ومسلم ( 647) } 

އަބޫ ބަރުޒަތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢިޝާވަޤުތުގެ ކުރީގައި ނިދުން ހިތްޕުޅާނުވާކަމުގައި ވިއެވެ. އަދި ޢީޝާވަޤުތުގެ ފަހުގައި ވާހަކަދައްކަން ތިބުންވެސް އެކަލޭގެފާނު ހިތްޕުޅާނުވާކަމުގައިވިއެވެ. 

އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޢީޝާނަމާދުގެ ފަހުގައި ވާހަކަ ދައްކަން ތިބުން މަކްރޫހަވެގެންވާ ކަމުގެ މައްޗަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ. ހެޔޮ ކަމެއްގައި ވާހަކަ ދެއްކުން މެނުވީއެވެ." شرح صحيح مسلم ” (5/146). 

ރޭގަނޑު ލައްވާފައިވަނީ، ހޭލާތިބޭކަށް ނޫނެވެ. އަރާމު ކުރުމަށެވެ. ރޭގަނޑު ހޭލާ ތިބެ ވަޤުތު ބޭކާރު ކުރުމަކީ ރޭގަނޑު ލެއްވުމުގެ މަޤްޞަދާ ޚިލާފު ކަމެކެވެ. 

هُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ { يونس 67}

މާނައީ: "އެއިލާހީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވި އިލާހެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި އިލާހެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." 

وَجَعَلْنَا اللَّيْلَ لِبَاسًا * وَجَعَلْنَا النَّهَارَ مَعَاشًا { النبإ 11-10} 

މާނައީ: "އަދި ފޭރާމެއް ކަމުގައި، ތިމަންއިލާހު، ރޭގަނޑު ލެއްވީމެވެ. އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންއިލާހު، ދުވާލު ލެއްވީމެވެ."  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަވަހާރަފުޅުލައްޕަވާ ވަޤުތާބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވާހަކަދައްކަވާފައި ވެއެވެ. 

عن عَائِشَةَ رضي الله عنها قَالَتْ : ( مَا نَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبْلَ الْعِشَاءِ ، وَلَا سَمَرَ بَعْدَهَا ) ، رواه ابن ماجه (702) وصححه الألباني . 

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ޢިޝާ ނަމާދުގެ ކުރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުނުލައްޕަވައެވެ. އަދި ޢިޝާ ނަމާދުގެ ފަހުގައި އެކަލޭގެފާނު ވާހަކަދެއްކުމުގައި ވަޤުތު ހޭދަނުކުރައްވައެވެ." 

ޢިޝާ ނަމާދުގެ ފަހުގައި ވާހަކަ ދެއްކުމުގައި އިސްތިސްނާވާ ޙާލަތްތަކެއް ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

(لَا سَمَرَ إِلَّا لِأَحَدِ رَجُلَيْنِ : لِمُصَلٍّ ، أَوْ مُسَافِرٍ ) رواه أحمد (3907) وصححه الألباني بمجموع طرقه . 

މާނައީ: "މި ދެ ކަންތަކުން ކުރެ ކަމެއް ކުރާ މީހަކަށް މެނުވީ ޢިޝާ ނަމާދުގެ ފަހުގައި ވާހަކަ ދައްކަން ތިބުމެއް ނުވެއެވެ. ޢިޝާ ނަމާދުގެ ފަހުގައި ނަމާދެއް ކުރުމަށް ޤަޞްދުކުރާމީހާ ނަމާދެއް ކުރަންދެނެވެ. ނުވަތަ ދަތުރުވެރިޔަކު ކަމުގައިވާނަމައެވެ." 

ހަމައެހެންމެ، އަންނަނިވި ޙާލަތްތައް މި މަކްރޫހަކަމުން އިސްތިސްނާވެގެންވެއެވެ. މިގޮތުން ޢިލްމު ކިޔެވުމާއި، ޞާލިޙުންގެ ވާހަކަތައް ކިޔާދިނުމާއި، މެހެމާނާއާ ވާހަކަދެއްކުމާއި، ކައިވެނީގެ ރޭގެ ޙަފްލާއާއި، ފިރިމީހާ އޭނާގެ އަނބިދަރީންނާ ގުޅުން ބަދަހިކުރުމުގެ ގޮތުން ވާހަކަ ދެއްކުމާއި، ދަތުރުވެރީން އެމީހުންގެ ފޮށިތަންމަތި އަދި ސާމާނު ރައްކާތެރިކުރުމާ ބެހޭ ވާހަކަތައް ދެއްކުމާއި، މީސްތަކުންގެ ދެމެދު އިޞްލާޙްކުރުމަށް ވާހަކަދެއްކުމާއި، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ ގޮތުން ވާހަކަ ދެއްކުމާއި، މަޞްލަޙަތު ހިމެނޭ ކަންކަމަށް އިރުޝާދު ދިނުން ފަދަ މަޞްލަޙަތު ހިމެނޭ ކަންކަން ކުރުމަކީ ޢިޝާ ނަމާދުގެ ފަހުންވެސް ކުރުން ހުއްދަ ކަންކަމެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

https://islamqa.info/ar/answers/150519

 

 

މިއަދު އޮންލައިން