އަހުރެންގެ އެކުވެރިއަކު ވަރަށް ގިނައިން ވީޑިއޯ ކުދިކުދި ކްލިޕްތައް ފޮނުވައެވެ. އެއީ އަޅުގަނޑު ސޯޝަލްމީޑިއާއަށް ވަދެ ހާށވައި ނުއުޅޭނެކަން އޭނާއަށް އެނގޭތީއެވެ. މިކިޔައިދެނީ ދާދިފަހުން ހިނގިކަމެކެވެ.
އޭނާ ފޮނުވި ކްލިޕެކެވެ. މިނިޓެއްހައި އިރުގެ ކްލިޕެކެވެ. ވާހަކަދައްކާފައިވަނީ އަޅުގަނޑުގެ އެކުވެރިއެކެވެ. އޭނާ އެފަދަ ވާހަކައެއް ދެއްކީތީ އައިރުޅިމަތީގަ ގޮސް ބައްދަލުކުރީމެވެ. އެވީޑިއޯކޮޅު ދެއްކުމުން އޭނާ ދެއްކި ވާހަކައިގެ ފުރިހަމަ ޥީޑިއޯ ދެއްކިއެވެ. ވެގެން މިއުޅޭ ގޮތަކީ ދެއްކި ވާހަކައެއްގެ ތެރެއިން ކުޑަކުޑަ ތަންކޮޅެއް ނަގައި ކްލިޕެއް އުފައްދައިލީއެވެ. އެންމެ ދެރަކަމަކީ ދެއްކި ވާހަކަ އަނެއްކޮޅަށް ޖެހޭނެ ގޮތަށް އެކަންކޮށްފައި އޮތުމެވެ.
ﷲ ގަންދީ ބުނަމެވެ. ދީނީ ޢިލްމްވެރިއަކު ކަމަށްވިޔަސް އަދި އެހެން މީހަކު ކަމަށްވިޔަސް އެމީހަކު ދެއްކި ވާހަކައިގެ ޙަޤީޤަތް އޮޅޭގޮތަށް އެވާހަކަ ފެތުރުންވާނީ ފިތުނަ އުފެއްދުން ކަމަށެވެ. އެއީ ފަސާދަކުރުމެވެ. ފަސާދަކުރާ މީހުންނަށް މިހާރުވެސް ބައެއް ޤައުމުތަކުގައި މަރުގެ އަދަބުވެސްދެއެވެ. އެއީ އެހައިވެސް ބޮޑުކަމަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް
ދީނީ ޢިލްމުވެރިންނަށް ފާޑުކިޔާމީހުން ވަރަށް ގިނައެވެ. ގިނަ މީހުން ފާޑުކިޔަނީ ޢިލްމުވެރިޔާ ދެއްކަވި ވާހަކަފުޅު އަޑުވެސް ނާހައި ތިބެގެންނެވެ. ކޮންމެވެސް މީހަކު ބުނި ބަހެއްގެ މައްޗަށެވެ. މިއީ އެންމެ ބޮޑު ދެރަ ކަންތަކެވެ.
ދީނީ ޢިލްމުވެރިއަކު ވިދާޅުވާ ވާހަކަފުޅަކާއި ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހުމެއް އުފެދުނަސް ފުރަތަމަ ކަމަކަށް އެޢިލްމުވެރިއެއްގެ ގާތަށް ގޮސް ރަނގަޅަށް އޮޅުންފިލުވާށެވެ! ކޮންމެ ޢިލްމުވެރިއަކުވެސް އޮޅުންފިލުވައިދެއްވާނެއެވެ. އެހެނީ ޢިލްމުވެރިންގެ ވާޖިބަކީ ހަމައެކަނި ދަރުސްދެއްވުމެއް ނޫނެވެ. އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވައި މީސްތަކުންނަށް ފަހުމްކޮށްދެއްވެވުމަކީވެސް ޢިލްމުވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ.
ހަނދާންކުރަންވީ އެންމެ ކަމެކެވެ. ޢިލްމްވެރިން މިއަދު އެއަދާކުރައްވަނީ ރަސޫލްބޭކަލުން އަދާކުރެއްވެވި ދައުރުކަމެވެ. އަހުރެމެންނަށް ދީނުގެ ކަންކަން އޮޅުންފިލުވައިދެއްވަވަން ދެން ރަސޫލްބޭކަލުންނެއް ނުފޮނުއްވަވާނެކަމެވެ. ވީމާ ޢިލްމުވެރިން އަދާކުރައްވަމުން ގެންދަވާ އެމަތިވެރި ދައުރު އަދާކުރައްވަން ހުރަސްއަޅާ މީހަކަށް ނުވާށެވެ! އެއިރުން އެމީހަކުވާނީ ދީނަށް ގެއްލުންދޭ މީހަކަށެވެ. ދީން ފެތުރުމަށް ހުރަސްއަޅާ މީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އެންމެ ގިނައިން އަހަރެންނަށް ކޮންމެ ހަފްތާއަކުވެސް އީމޭލް ލިބޭ ކަމަކީ ނުއެނގިތިބެ އަހުރެންނާއިމެދު ދެއްކިފައި ހުންނަ ނުބައިވާހަކަތަކަށާއި ބުނެވިފައި ހުންނަ ނުބައިބަސްތަކަށް މާފަށް އެދިއެވެ.
ބައެއް މީހުންނަށް އެފަދަ ބަސްތައް ބުނެވެނީ އަހުރެންދެއްކި ވާހަކަ އެމީހުންނަށް އަޑުވެސް އިވިފައިނުވުމުން އުފެދޭ ޖަޒުބާތެއްގައެވެ. ބަސްބުނެވޭފަހުން އަހުރެންދެއްކި ވާހަކައަޑުއިވި އަހުރެންގެ ވާހަކައަކީ ޞައްޙަ ވާހަކަކަން އެނގުމުން ދެރަވެ މާފަށް އެދެނީއެވެ.
ބަސްބުނެވުނުއިރު އެމީހުންގެ ނިޔަތަކަށްވެފައި އޮންނަނީ އަހުރެންނަށް ނުބައި ބަސްބުނުމެއް ނޫނެވެ. އިސްލާމް ދީން ދިފާޢުކޮށް މަތިވެރިކުރުމެވެ. ވީމާ ނުބައި ނިޔަތެއް ނެތި އަހުރެންނާއިމެދު ނުބައި ބަސްތައް ބުނެވޭ އެއްވެސް މީހަކު މާފަށް އެދި އީމޭލްކުރުމުގެ ބޭނުމެއް ނެތެވެ. އެއެންމެންނަށް ހިތުގެ އެންމެ އަޑިން މާފުކޮށްފީމެވެ.
ނަމަވެސް ދެބައަކާއިމެދު ކުޑަ މައްސަލައެއް އެބައޮތެވެ. އެއްބައަކީ އަހުރެން ބުނީ ޙައްޤުބަސްކަން އެނގިތިބެމެ އަހުރެންނަށް ނުބައިބަސްބުނާ މީހުންނެވެ. ދެވަނަބައަކީ އެމީހާ ޤަބޫލުކުރާ ގޮތަކީ ޞައްޙަ ގޮތް ނޫންކަން އެނގިތިބެމެ އަހުރެން ބުނާ ގޮތަކީ ޞައްޙަ ގޮތްކަން އެނގިތިބެ އޭނާ ޤަބޫލުކުރާ ގޮތް މަތިވެރިކުރަން އަހުރެންނަށް ނުބައިބަސް ބުނާ މީހުންނެވެ.
މިދެބާވަތުގެ މީހުން އެބުނާ ބަސްތަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އަހުރެންނަށް ލިބެންވާ ޘަވާބު ލިބުމަށް އެދެމެވެ. ނަމަވެސް އެއްވެސް މީހަކަށް އަހުރެންނާއިހުރެ ކިތަންމެ ކުޑަނަމަވެސް ޢަޛާބެއް ދެއްވެވުމަކަށް އަހުރެން ނޭދެމެވެ.
ހަމައެއާއިއެކު އަހުރެންގެ ނަޞޭޙަތަކީ މުދައްރިސުން ނުވަތަ ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސްފުޅަކާއިމެދު ގޮތް އަމިއްލައަށް ނުނިންމޭ ފެންވަރުގެ މީހުން އެކަން ނުކުރުމެވެ. ދުނިޔޭގައި އެތައްބައިވަރު ވަރަށް މޮޅު ޢިލްމުވެރިން އެބަ ތިއްބެވިއެވެ. އެމީހަކު އެންމެ އިތުބާރުކުރާ ޢިލްމުވެރިއެއްގެ ގާތު އަހާށެވެ. އޭނާ ބުނާބަސް ޤަބޫލުކޮށް ޢަމަލުކުރާށެވެ. އެކަން ނުކޮށް އެއްވެސް ޢިލްމުވެރިއަކު ކުށްވެރިކޮށް ބަސް ނުބުނާށެވެ. އެކަމުން އުފެދޭނީ ފިތުނައެވެ.
ޢިލްމުވެރިންގެ ޢަބުރަސް އަރައިގަންނަ ގިނަ މީހުންނަކީ ދީނުގެ ޢިލްމުވެރިންނެއް ނޫނެވެ. ޢިލްމުވެރިއަކު އެފަދަ ކަމެއް ނުކުރައްވާނެއެވެ. ފަހަރެއްގައި މީހަކަށް ބަސްފުޅެއް ކޮންމެހެން ވިދާޅުވަން ޖެހިވަޑައިގެންނެވިނަމަވެސް ވިދާޅުވާނީ ވަރަށް އަދަބުވެރިކަމާއިއެކުގައެވެ. އެއީ މާބޮޑު ކަމަކަށް ހައްދަވައިގެން ކަންތައް ބޮޑެއް ނުކުރައްވަވާނެތެވެ. އެއީ އެކުރެއްވެވީ ކިހައިވަރެއްގެ ކަމެއްކަން އެނގިވަޑައިގަންނަވާތީއެވެ.
މީސްތަކުންނޭވެ! އެކަމެއްގެ މައުލޫމާތު ތިމާއަށް ޔަޤީން ނުވާ ކަންކަމުގައި އޭނަބުނި މީނަބުނި ކިޔައިގެން ވާހަކަދައްކަން ވަގުތުނަގާނުލާށެވެ! މުހިންމީ ވަކި ޢިލްމުވެރިއެއްނޫނެވެ. ވީހައި ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އެމަގުން މަސައްކަތްކުރަމުން ގެންދާށެވެ!
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން