ބަރުޒަޚުގެ ޢާލަމުގަ އެއްވެސް މީހަކަށް ކާން ބޯން އެއްވެސް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. އެއީ ސުވަރުގެ ލިބޭނެ މުއްމިނެއް ނަމަވެސްމެއެވެ. ކެއިން ބުއިން ލިބުންވަނީ ދުނިޔޭގަ އާއި އާޚިރަތުގައެވެ.
ސުވަރުގޭގެ އަހުލުވެރިންނަށް އެމީހަކު ހިތަށް އެރުވިހައި އެއްޗެއް ލިބޭނެއެވެ. ބޭނުންވިހައި އެއްޗެއް ލިބޭނެއެވެ. ސުވަރުގޭގެ މޭވާތަކާއި މީރުހައި ބުއިންތައް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. ނަމވެސް ނަރަކައިގައި ލިބޭނީ އެއްޗެއް ކެއުމުން، ބުއިމުން އެމީހާގެ ގޮހޮރު ފޫއަޅުވާލާފައި ނުކުންނާނެ، ނުބައިކަންބޮޑު ތަކެއްޗެވެ.
މުއްމިނުންގެ ކައްވަޅު އެމީހެއްގެ ލޮލުކޮޅަށް ފެންނަހައި ބޮޑުވާނެއެވެ. ނިޢްމަތްތަކުން ފުރިގެންވާނެއެވެ. އޭނާއަށް ސުވަރުގޭގެ ގޮދަޑި ދެއްވަވާނެތެވެ. ސުވަރުގޭގެ ލިބާސް ދެއްވަވާނެތެވެ. އަދި ކައްވަޅުގައި އޮންނައިރު އޭނާއަށް ސުވަރުގެއިން ދެއްވަވާނެ ގަނޑުވަރު ދައްކަވާނެތެވެ. އޭނާއަށް ސުވަރުގޭގެ މީރުވަސް ދުވާނެތެވެ. ސުވަރުގޭގެ އޑުތައް އިވޭނެތެވެ.
މިނިޢްމަތްތައް ލިބިގެންދިއުމުން ޤިޔާމަތްވުން އަވަސްކޮށްދެއްވެވުމަށް އޭނާ އެދޭނެއެވެ.
ތިބާކުޅަ ހެޔޮ ޢަމަލުތައް ކައްވަޅުގައި ތިބާއާއި ބައްދަލުކުރާނީ މަތިވެރި މާތް ސިފައެއްގައެވެ. ތިބާއަށް ހިތްވަރުދޭނެތެވެ. އުފާވެރިކަމުގެ ޚަބަރުތައް ދޭނެއެވެ. ސުވަރުގެއިން ދެއްވަވާނެ ނިޢްމަތްތަކުގެ ޚަބަރު ދޭނެތެވެ. އަދި ތިބާ އާއިއެކު ކައްވަޅުގައިވާނެތެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން