ދުނިޔޭގައި ތިބާ އެންމެ ބޮޑަށް ލޯބިކުޅަކަންތައް ވާނީ ތިބާގެ ޞާޙިބާއަށެވެ. މިޘާލަކަށް އެންމެ ބޮޑަށް ލޯބިކުރަނީ ފައިސާއަށް ކަމުގައިވާނަމަ ތިބާގެ ޞާޙިބަކީ ފައިސާއެވެ. އެންމެ ބޮޑަށް ލޯބިކުރަނީ ބައިވެރިޔާއަށް ކަމުގައިވާނަމަ ޞާޙިބަކީ ބައިވެރިޔާއެވެ.
ވީމާ ޙަލާލް ކަންކަމަށް ލޯބިކުރިނަމަވެސް އިންތަކުގައި ހިފަހައްޓަންޖެހޭނެއެވެ. އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައިވެސް ހަދަންޖެހޭނެއެވެ. ނޫންނަމަ މައްސަލަތައް ކުރިމަތިވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެވޭނީ އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ހަދައިގެންނެވެ. އެގޮތަށް އެކަން ކުރެވިއްޖެނަމަ ކޮންމެ ކަމެއްވެސް ކުރެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ހަވާނަފްސް އެދޭ ގޮތަށް ކަންކަން ކުރަން ބިރުވެތިވެވޭނެއެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެން ބިރުވެތިވެވޭނެއެވެ.
މައްސަލައަކީ މިއަދު މިކަންކަމަށް ވިސްނައިނުލެވޭނެއެވެ. އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތް އޮޅުވައިލެވޭކަމެވެ. އެކަން އޮޅިގެންދަނީ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެހުރުމަށްވެސް އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ!
- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން