ތިމާގެ ހިތް ނޭދޭ އެއްވެސް ކަމެއް އަނބިމީހާ ކުރުން މަނާކުރުމަށްޓަކައި އެކަމެއް ކުރުމާއި ވަރިއާއި އެޅުވުމަކީ ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަނެކެވެ. ވަރިއާއި އަޅުވައި ނުކުރަން ބުނި ކަންތައް ކުރީއެވެ. އެހިސާބުން ކައިވެނި ރޫޅިގެން އެބަދެއެވެ.
މިކަމުގައި އެންމެ ނުރައްކާވާ އެއް ޙާލަތަކީ ކުރިން ދެވަރިކުރެވިފައިވާނަމައެވެ. އެއިރުން އެވަނީ 3 ވަނަ ވަރިއެވެ. 3 ފަށްވީއެވެ. ރުޖޫޢަކުރުމުގެ ބާރު ގެއްލިގެން ދިއުމުގެ އިތުރުން އަނބިމީހާ އިތުރު ކައިވެންޏެއް ކޮށް އެކައިވެނީގައި ނުއުޅެވިގެން ވަރިވަންދެން އަނބިމިހާ ގެއްލުނީއެވެ. މިފަދަ ޙާލަތުގައި ދެރަވެ ހިތާމަކުރަންޖެހެނީ މަދުބައަކަށް ނޫނެވެ. މީގެ އިތުރުން ކަންކަން ކުރުމާއި ވަރިއާއި އެޅުވޭނަމަ ވަރިގިނަވެ އިސާހިތަކު 3 ފަށްވުންވެސް އޮންނާނީ ދާދިގާތުގައެވެ.
ގުޅުންހުރި ލިޔުމެއް:
الْحَمْدُ للهِ وَصَّلاَةُ وَالسَّلاَم عَلَى رَسُوْلِ اللهِ ، وَبَعد:
ލޮބުވެތި އަޚުންނާއި އުޚުތުންނޭ! އަޅުގަނޑުމެންގެ މުޖްތަމަޢުގާ ހުންނަ ނޭދެވޭ ކަންކަން އަޅުގަނޑުމެން ވަރަށްބޮޑަށް ދެނެގަނެ އެކަންކަމުން ދުރުވާން އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެއެވެ، ޢާއިލީ ދިރި އުޅުމުގެ ތެރޭގާ ޒަވާޖީ ޙަޔާތުގެ ތެރޭގާ މައްސަލަ ޖެހުމަކީ ވަރަށް ޠަބީޢީ ކަމެކެވެ. އެހެން ނަމަވެސް ޖެހޭ މައްސަލަތައް ޙައްލުކޮށްގެން ޒަވާޖީ ޙަޔާތް ކުރިޔަށް ގެންދެވޭތޯ ބެލުމަކީ ކޮންމެ ފިރިޔަކާއި، ކޮންމެ އަތްބަކު ކުރަންޖެހޭ ކަމެކެވެ.
އެހެން ނަމަވެސް ކިތަންމެ ކިޔަވައިގެން ތިއްބެވި ދެބޭފުޅުން ކަމުގާވިޔަސް، ކިތަންމެ ދީންވެރި ދެބޭފުޅުން ކަމުގާވިޔަސް ބައެއް ޙާލަތްތައް މެދުވެރި ވެދާނެ ދެމީހުން ވަކިވެގެންދާންޖެހޭ ޙާލަތު. ﷲ ގެ ދީނުގާ ވަރިކުރުމުގެ އިޚްތިޔާރު މިއޮތީ ފިރިމީހާގެ އަތްމަތީގާ ބާއްވަވާފަ. އޭނަޔަށް އެއްފަހަރު، ދެފަހަރު، ވަރި އެބަކުރެވޭ، ރުޖޫޢަ ކުރެވޭ ގޮތަށް، އަނބުރާ އަތްބެއްގެ މަޤާމަށް އަލުން ގެނެވޭގޮތަށް. އެހެން ނަމަވެސް ތިންވަނަ ފަހަރަށް ވަރިކޮށްފިއްޔާ އެވަޤުތުން ފެށިގެން އޭނަގެ ކޮންޓްރޯލުން އަނބިމީހާ ނެއްޓިގެންދާނެ.
މާތް ﷲ ކީރިތި ޤުރްއާނުގާ ވަޙީވަނީ " الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ" ވަރިކުރުން އޮތީ ދެފަހަރުއޭ، އޭގެ މާނައަކީ ރުޖޫޢަ ކުރެވޭގޮތަށް ވަރިކުރުން އޮތީ ދެފަހަރުއޭ، ދެން އެ ޢިއްދައިގެ ތެރޭގާ ނުވަތަ ޢިއްދާ ހަމަވީމާ ގެންގުޅޭށޭ، ޢިއްދައިގެ ތެރޭގައި ރުޖޫޢަ ކޮށްގެން ގެންގުޅޭށޭ އެހެންނޫނިއްޔާ ދޫކޮށްލަންޏާ ދޫކޮށްލާށޭ ރީތިގޮތުގާ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭ! އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގާ ހިނގާ ވަރަށް ނޭދެވޭ ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ،
ބައެއް ފިރިން އެފިރިންގެ އަނބިންނަށް ބިރުދެއްކުމުގެ ގޮތުން ކަންކަމާ އަޅުވައިގެން ވަރި އެބަކުރޭ، މިވެނި ކަމެއް ކޮށްފިއްޔާ ވަރިވާނޭ، މިވެނި ކަމެއް ނުކޮށްފިއްޔާ ވަރިވާނެޔޭ، މީ ވަރަށް ނުރައްކާތެރި ކަމެއް. ޖުމްހޫރު ޢިލްމުވެރިންގެ ގާތުގާ މިފަދަ ކަންތައްތަކުގާ މަތިކޮށްފާ ވަރިކުރުމުން އެވަރި އެމީހާ އެކަންކުރުމުން އެބަ ވަރިޔަކަށްވޭ، މީވަރަށް ނާޒުކު ނުރައްކާތެރި ކަމެއް އެހެންވީމާ އެއްވެސް މައްސަލައެއް ދިމާވެގެން އަނބިމީހާޔާ ދިމާއަށް ތިހިރީ ވަރިކޮށްފައޭ ނުވަތަ މިވެނި ކަމެއް ކޮށްފިއްޔާ ވަރިއޭ، މިވެނި ކަމެއް ނުކޮށްފިއްޔާ ވަރިއޭ، މިހެން ބުނާނެ ކަމެއް ނެތް. ވަރިބާއްވަންވީ ދެމީހުނަށް ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޔާ އެކަން ޙައްލު ކުރުމަށް ބޭނުން ކުރާ އެއްޗެއްގެ ގޮތުގަ. އެއީ އަބަދާ އަބަދު ދޫމައްޗަށް ލައިގެން ގެންގުޅެން ޖެހޭ ލަފްޒެއް ނޫން.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް