ބިރުވެތިވާންވީ މިކަންކަމަށް! ފަންސާސްހާސް އަހަރުގެ އެދުވަހު އިރު ކައިރިކުރައްވަވައި ހަތްދިހަ ގުނައަށް ހޫނުގަދަކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 51ސ
ބިރުވެތިވާންވީ މިކަންކަމަށް! ފަންސާސްހާސް އަހަރުގެ އެދުވަހު އިރު ކައިރިކުރައްވަވައި ހަތްދިހަ ގުނައަށް ހޫނުގަދަކުރައްވަވާނެ!

ލޮބުވެތި އެކުވެރިންނޭވެ! ޤިޔާމަތް ދުވަހަށް ބިރުވެތިވެވޭނީ އެދުވަހު ހިނގާނެ ކަންކަމަށް މިއަދު ވިސްނިވަރަކުންނެވެ. ހިތާމައަކީ ގިނަ ބައަކު ޤިޔާމަތް ދުވަހާއި އެދުވަހުގެ ބިރުވެރިކަމާއިމެދު ޣާފިލުވެގެން ތިބިކަމެވެ. ނިކަން މިލިޔުންވެސް ވިދާޅުވެބައްލަޥާށެވެ!  

ދެންފަހެ މިތާގައި خلق ތަކުން ގިނަވެ މަތިމައްޗަށް ފައިތިލައެއްގެ މައްޗަށް ފައިތިލަތައް ބެހެއްޓި ގައިގޯޅިކަމުގެ ބޮޑުކަމުން ފައިތިލައެއްގެ މައްޗަށް ހާސްފައިތިލަ ބެހެއްޓިފައި ހުންނާނެއެވެ. ދެން އެންމެން ދާހިލި ކެކިގެންފާހުއްޓެވެ. މިދާހިލި ކެކިގަތުން ހުންނަހުށީވެސް خِلاَف ވެގެންވާ އެތައްގޮތެއްގެ މައްޗަށެވެ. ބައެއްމީހުން ކަންފަތާއި ހަމައަށް، ބައެއްމީހުން މެއިމައްޗާ ހަމަޔަށް، ބައެއްމީހުން ކަރާހަމައަށް، ބޮބިފަޅިއާއި ހަމައަށް ދަލުގައި غرق ވެފައި ތިބޭހުއްޓެވެ.  

ބަޔެއްމީހުން ކަކުލާއި ހަމަޔަށް، ބަޔެއްމީހުން حَمَّامُ ގައި ތިބޭ މީހުންގެ ގައިން ދައުފައިބާހެން ތިކިތައް ފައިބައިފައި ތިބޭހުއްޓެވެ. ބަޔެއްމީހުން ހޫނުދުވަހެއްގައި ފެންބުއިމާ ދާފޮދުވަރު ނުކުންނަހެން ނުކުމެލައިފައި ހުންނާނެއެވެ. 

މިއެތެރެއިން އަގަހިއްކުން ފިލައިފައިތިބޭހުށީ އެތާގެ مِنْبَر ތަކުގައި ތިއްބަވާ ބޭކަލުންނެވެ. ކިރިޔާ ދައުހިއްލައި ކުޑަކޮށް އަގަހިއްކާފައި ތިބޭހުށީ އެތާގެ ގޮނޑިގޮނޑީގެ أهل ވެރީންނެވެ. ތަނބިކައްޓާއި ހަމައަށް ދައުއަރާފައިހުންނަހުށީ غرق ވެގެން މަރުވާމީހުންނެވެ.  

މަލާއިކަތުން مؤمن ންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަކަށް އަދަކު ބިރެއްނެތެވެ. އަދި ތިޔަބައިމީހުންނީ ހިތާމަކުރާނޭ ބަޔަކުކަމުގައި ނުވެއެވެ. عَارِف ންކުރެ ބައެއްބެއިކަލަކު އަހުރެންގެ ގާތުގައި ވިދާޅުވިއޭ އެހިތާމަ ނެތްމީހުންނަކީ ފާފަތައް ދޫކޮށް تَوْبة ވެ މާތްރަސްކަލާނގެ ކިބައަށް رُجُوع ވެގެން އުޅުނު މީހުންނެވެ. އެމީހުންނަކީ فُضَيْلُ بن عِيَاضُ ފަދަ މީހުންނެވެ.

سَلاَم އާއި صلوات ލެއްވި رَسُولُ الله ގެފާނުން حَدِيث ކުރައްވާފައިވެޔޭ. ފާފައިން توبة ވެގެން ހުންނަމީހާ ފާފައެއް ނުވާމީހަކުފަދައެވެ. މި حديث ން دَلِيلُ ކުރަނީ ފާފަކޮށްފައިވެސް ދެން އެފާފަ ދޫކޮށް ކަލާނގެ ކިބައަށް رُجُوْع ވެ تَوْبَة ވެގެން ތިބޭ އެންމެންނާއި ފާފަނުކުރާ މީހުންނާއި އެންމެން އެއްފަދަވާނޭކަމަށެވެ. ދެންފަހެ ކުރީގައި ބުނެވިދިޔަ ތިންބައިމީހުން، މިބަހީ އަގަހިއްކުން ފިލައިގެންވާ މީހުނާއި ކިރިޔަކިރިޔާ ދައުހިއްލާ މީހުންނާއި، ތަނބިކަށްޓާ ހަމައަށް ދައުހިލިފައިވާ މީހުނާއި، މިބައިމީހުނީ މޫނުތައް އަލިކުރެއްވިފައިވާނޭ މީހުންނެވެ. ދެންތިބޭނޭހައި މީހުންނީ މޫނު ކަޅުކުރެވިގެންވާ މީހުނެވެ.

މިފަދައިން މިމީސްތައް ދައުނުހިއްލާ ދާނީ ކޮންފަދައަކުންހޭ؟ އިރުހުންނަހުށީ އެމީހުން އަތްދަމައިފިއްޔާ އަތްފޯރާހިސާބަށް ގާތް ކުރައްވައި އަދި ހަތްދިހަގުނައަށް ހޫނުކަން އިތުރުކުރައްވައިފައެވެ. سَلَفُ الصَّالِحُ ގެ ބައެއް ބެއިކަލުން ބުނައްވަތޭ އިރު قِيَامَة ދުވަހު ހުންނާނޭގޮތަށް މިދުނިޔެ މައްޗަށް އަރުއްވައިފިއްޔާއި، ބިންގަނޑު އަންދައި ހިލަތައްވިރުވައި، އާރުތައް ހިއްކާފައިހުއްޓެވެ. ދެންފަހެ خلق ތަކުން މިބިންމަތީގައި ރާޅުބާންޏެއްހެން އުޅޭނެތެވެ. މިބިމަކީ އަރަހުށި މާތްރަސްކަލާނގެ މި آية ގައި ބަޔާންކުރައްވާފައިވާ ބިމެވެ. يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ މިބިންމަތީގައި މީސްތަކުންވާހުށީ އެތައް ބާވަތަކަށެވެ. ދުނިޔޭގެ أَهْلُ ވެރި ރަސްރަސްކަލުން ذَرُّ ތަކެއްފަދައިން ތިބޭހުށި. މިއީ حَدِيْث ގައި كِبْر ވެރި މީހުންނާއި މެދުގައި ވާރިދުވެގެންވާ ފަދައިންނެވެ. މިއަކީ ކޮންމެހެން ސިފައިގައި ذَرُّ ތަކެއްހެން ވުމެއްނޫނެވެ. ނިކަމެތިކަމުގައި ذرّ ތަކެއްގެ ދަރަޖައަށް ދިޔުމެވެ. أَمَّا ، عَدْلُ ވެރި ދީންވެރި ރަސްރަސްކަލުންނަށް އެބިންމަތީގައިހުރި މާތްދަރަޖަވެސް حَدِيث ގައި ބަޔާންވެގެންވެއެވެ. ފަހެ އެދުވަހުން عرشى ގެ ހިޔަލުގައި އަރާމުގައި ތިބޭނޭ ހަތްބައިމީހުންކުރެ އެއްބަޔަކީ އެއެވެ. 

مَحْشَرُ ބިންމަތީގައި މިފަދަ ބިރުވެރިކަމުގައި ތިބޭއިރު ބަޔަކުމީހުން މީރު ސާފުފެން ބޯނެތެވެ. މިހެނީ ޅަފުރައިގައި މަރުވެފައިވާ ކުދިން ސުވަރުގޭގެ އާރުތަކުން كوس ތަކުގައި މީރުފެން ހިފައިގެންއައިސް އެކުދީންގެ މައިންބަފައިންނަށް ފެންބޯންދީ އުޅޭނެތެވެ. 

سَلَفُ الصَّالحُ ގެ ބައެއް ދަންނަ ބެއިކަލުންގެ ކިބައިން ރިވާވެގެންވެޔޭ އެބެއިކަލަކު قِيَامَة قَائِم ވެގެންވަނިކޮށް ހުވަފެނުގައި ދެކެވަޑައިގަތެވެ. އެބެއިކަލަކުވެސް مَحْشَر ބިންމަތީގައި އަނގަހިއްކާ حَال ގައި ހުންނެވޫއެވެ. މިހެން ހުންނަވަނިކޮށް ޅަކުދީންތަކެއް މީސްމީހުނަށް ފެންބޯންދެމުން އަންނާތީ ދެކެލައްވައިފިޔޭ. އެބެއިކަލަކު ގޮވައިލައްވައިފިޔޭ، ކޮއިފުޅުމެންނޭވެ. ބޭބެ އަށްވެސް ފެންފޮދެއް ދީބަލާށޭ. އެކުދިން ގޮވައިލިޔޭ. ކަލޭގެ ކުއްޖަކު އަހަރެމެންގެ ތެރޭގައި އެބަހުރިބާވައޭ. އެބޭކަލަކު ބުނުއްވައިފިޔޭ. ނޫނެކޭ. އެކުދިން ގޮވައިލައިފިޔޭ. ތިޔަހެންޏާ ނޫނެކެވެ. މިވާހަކައިންވެސް މީހުނާ އިނުމުގެ އިތުރުކަމުގެ މައްޗަށް دَلِيْلُ ފެނެއެވެ. މިތާގައި ފެންދީ އުޅޭނޭ ކުދީނާއި މެދުގައި އެތައް شَرط އެއް ހުންނަހުއްޓެވެ. އެ شرط ތައް އަހަރުމެން اِحْيَاء عُلُوْمُ الدِّيْن ގައި ނަންގަނެވިފައި ހުންނާނެއެވެ. 

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-

 

 

މިއަދު އޮންލައިން