ރުޤްޔާގެ ނަމުގައި ނޭދެވޭ ކަންކަން ކުރާ މީހުންނާ ދުރުހެލިވޭ! އެމީހުންކުރާ ނޭދެވޭ ކަންކަމާ ދުރުހެލިވޭ!: ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ރުޤްޔާގެ ނަމުގައި ނޭދެވޭ ކަންކަން ކުރާ މީހުންނާ ދުރުހެލިވޭ! އެމީހުންކުރާ ނޭދެވޭ ކަންކަމާ ދުރުހެލިވޭ!: ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢަރު

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑަށް މުހިންމު 2 ނުކުތާއެއް ފާހަގަކޮށްލާނަމެވެ. މި ދެކަމުން ސަލާމަތްވެއްޖެ މީހަކު، ރުޤްޔާގެ ތެރޭގައި ހިނގާ ގިނަ ގޯސްތަކުން މާތް الله އެމީހަކު ރައްކާތެރިކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. 

ފުރަތަމަ ކަމަކީ، ރުޤްޔާ ކުރާއިރު ބަލިތައް ކަނޑައަޅައި (ޑައިގްނޯސްކޮށް) އެކަމުގައި ހައްދުފަހަނަޅައިނުދިއުމެވެ. އިމާމުން ވަނީ މިކަން ނަހީކުރައްވާފައެވެ. މަދީނާގެ އިމާމު މާލިކު ބިން އަނަސްގެ އަރިހަށް މީހަކު އައިސް ބުންޏެވެ: "މީހަކު (ރުޤްޔާ ކުރާއިރު) މީހުންގެ ގައިގައި ޖަހަމުން ބުނެއެވެ؛ އޭ މިވެނި މީހާއެވެ، ތިބާގެ ގަޔަށް ހަރުފައެއް ވަދެފައި އެބައޮތެވެ. އޭ މިވެނި މީހާއެވެ، ތިބާއަށް ހުރީ ސިހުރު ޖެހިފައެވެ. އޭ މިވެނި މީހާއެވެ، ތިބާއަށް ހުރީ ޖިންނި އުނދަގޫ ވެފައެވެ." މިއަޑުއެއްސެވުމުން އިމާމު މާލިކު ވަރަށް ބޮޑަށް ކޯފާވެ، ތަކުރާރުކޮށް ވިދާޅުވިއެވެ: "މިއީ ދޮގުވެރިއެކެވެ! اللهގެ ފޮތުގައި މިކަން އޮތީ ކޮންތާކު ހެއްޔެވެ؟" اللهގެ ފޮތުގައި މިފަދަ ކަންކަން ދެނެގަނެވޭނެ އެއްވެސް ނިޝާނެއް ބަޔާންވެގެންނެއް ނުވެއެވެ. ނަމަވެސް އެސްފީނާ އާއި ސިހުރަކީ ޙަޤީޤަތެއްކަން ކީރިތި ޤުރްއާނާއި ސުންނަތުން އެނގެއެވެ. 

އެންމެ ނުރައްކާތެރި ކަމަކީ، ރުޤްޔާކުރާ މީހާ ޑޮކްޓަރެއް ފަދައިން ބަލިތައް ކަނޑައަޅައި (ޑައިގްނޯސްކޮށް)، އެއީ މިވެނި ކަމެއްގެ ސަބަބުން ވީ ކަމެއް ކަމަށް ބުނުމެވެ. މިއީ ހުއްދަ ކަމެއް ނޫނެވެ. މީގެ ސަބަބުން މީހުންގެ މެދުގައި ވަސްވާސްތަކާއި ވަހުމްތައް އުފެދެއެވެ. އެތައް ޢާއިލާތަކެއް ރޫޅި، ދެމަފިރިން ދުރުވެ، މީހުންގެ މެދުގައި ފިތުނަ އުފެދެނީ މިފަދަ މީހުން ދައްކާ ހީލަތްތެރި ވާހަކަތަކުގެ ސަބަބުންނެވެ. ވަކި މީހަކު ސިހުރު ހެދި ކަމަށް ބުނެ ތުހުމަތު ކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. 

ދެވަނަ ކަމަކީ، ފަރުވާ ކުރާނެ ގޮތް ކަނޑައެޅުމުގައި ހަދާ ގޯސްތަކެވެ. ބައެއް މީހުން ބުނެއެވެ؛ މިވެނި އާޔަތެއް ހަތް ފަހަރު ކިޔަވާށެވެ، ނުވަތަ ރޭގަނޑާއި ދުވާލު މިވެނި މިންވަރަކަށް މިވެނި އާޔަތްތަކެއް ކިޔަވާށެވެ. ޝަރުޢީ ދަލީލެއް ނެތި މިގޮތަށް އަދަދުތަކާއި ވަގުތުތައް ކަނޑައެޅުމަކީ ހުއްދަ ކަމެއް ނޫނެވެ. ޤުރްއާނުގެ ވަކި އާޔަތްތަކެއް، ވަކި ޚާއްޞަ ނަތީޖާއެއް ހޯދުމަށް (ޝަރުޢީ ދަލީލެއް ނެތި) ބޭނުންކުރުމަކީ ބިދުޢައެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ކޮންމެ ސޫރަތަކަށް ޖިންނީންގެ ފާރަވެރިއަކު ހުރެއެވެ. މިއީ ވަރަށް ނުރައްކާތެރި ދޮގު ވާހަކަތަކެވެ. 

އަދި ބައެއް މީހުން ބުނެއެވެ؛ "ރުޤްޔާ ކުރާނަމަ ބޭސް ބޭނުން ނުކުރާށެވެ." މިއީ اللهގެ ދީނުގައި އޮތް ގޮތެއް ނޫނެވެ. ބޭސްފަރުވާ ކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ޤުރްއާނުން ފަރުވާ ހޯދުމާއި ސައިންޓިފިކް ބޭސްފަރުވާ ކުރުމަކީ އެކަކު އަނެކަކާ ފުށުއަރާ ކަންކަމެއް ނޫނެވެ.

މިފަދަ ގޮތްގޮތަށް ބަލިތައް ކަނޑައަޅައި، ޣައިބުގެ ކަންކަން އެނގޭ ކަމަށް ދަޢުވާކުރާ މީހުންނަކީ ކާހިނުން ނުވަތަ ސިހުރުވެރިންނެވެ. އެފަދަ މީހުންގެ ގާތަށް ދިއުމަކީ ނަހީވެގެންވާ ކަމެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ ބެހޭގޮތުން ސުވާލުކޮށްފި މީހެއްގެ ނަމާދު ސާޅީސް ދުވަސް ވަންދެން ޤަބޫލު ނުކުރެވޭނެއެވެ. މިއަދު ސޯޝަލް މީޑިއާ އާއި ޔޫޓިއުބް މެދުވެރިކޮށް މިފަދަ ބިދުޢަތަކާއި މަގުފުރެދުންތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. 

އެންމެ ފަހު ކަމަކަށް ފާހަގަކޮށްލާނީ، ރުޤްޔާ ކޮށްގެން އުޖޫރަ (ލާރި) ނެގުމުގެ މައްސަލައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރުޤްޔާ ކުރާ މީހުން އުޖޫރަ ނުނަގާނަމަ، މިއަދު މިކަން ކުރާ މީހުންގެ 99 އިންސައްތަ މީހުން މިކަން ހުއްޓާލާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އަޅުކަމެއްގެ ގޮތުގައި ކުރާ ކަންކަމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއް ނޫނެވެ. އުޖޫރައަށްޓަކައި އެކަން ކޮށްފިނަމަ، އޭނާއަށް އެކަމުގެ ސަވާބެއް ނުލިބޭނެއެވެ. އަދި އޭގެ ބަރަކާތެއް ވެސް ނުހުންނާނެއެވެ. 

މިއަދު ބައެއް މީހުން ރުޤްޔާ ކުރަނީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައެވެ. ރިޔާޟްގައި އެއް ފަހަރު ކިޔަވައިދިނުމަށް 15 މިލިއަން (ރިޔާލް) ނަގާ މީހުން ވެސް އުޅެއެވެ. މިއީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ؟ ރަސޫލާ ﷺ ޙަދީޘްކުރެއްވީ "ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާއެއް ކޮށްދެވެން އޮތް މީހަކު، އެކަން ކުރާ ހުށިކަމެވެ." އެކަލޭގެފާނު އެއީ ވިޔަފާރިއަކަށް ހެދުމަށް ޙަދީޘްފުޅުކުރައްވަވާފައެއް ނުވެއެވެ.  

މިފަދަ ކަންކަމުގެ ސަބަބުން މީހުންގެ ތައުޙީދު (އެއްކައުވަންތަކަން) ގެއްލި، الله ފިޔަވައި އެހެން ފަރާތްތަކަށް (ވަހުމްތަކާއި ޖިންނީންނަށް) ބިރުގަނެ، އެތަކެއްޗަށް ބަރޯސާވާން ފަށައެވެ. މިއީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. 

- ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢަރު

 

 

                   

މިއަދު އޮންލައިން