ކައިވެނިކުރުމަށްފަހު ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކައިވެނި ރޫޅައިލުމެއް ނެތެވެ. ވަރިކުރުމެއް އަދި ވަރިއަށް އެދުމެއްވެސް ނެތެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ވިސްނެނީ ކުރަން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ.
ފިރިމީހާ ވަރިކުރަން އުޅޭތީ އަނބިން ކަންބޮޑުވާއިރު އަނބިމީހާ ވަރިވާން އުޅޭތީ ކަންބޮޑުވާ ފިރިންވެސް މަދެއް ނޫނެވެ. ހަމައެއާއިއެކު ވިސްނަންޖެހޭނެ އިތުރު ކަމެއްވެސް އެބައޮތެވެ. އެއްވެސް ކަމެއް ފާފައަކަށްވާނީ ވަކިމީހަކު ކުރީމައެއް ނޫނެވެ. ޝަރުޢީ ސަބަބެއް ނެތި ވަރިއަށް އެދުމުން އެހައިބޮޑަށް ފާފަވެރިވާ ފަދައިން އެފަދަ ސަބަބެއް ނެތި ވަރިކުރުމާއިމެދުވެސް ވިސްނަންވާނެއެވެ.
އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތޭތޯ މަސައްކަތްކުރަމެވެ. ކައިވެންޏަށް އަހަރެއްވެސް އަދި ނުވެއެވެ. ނަމަވެސް ކިތަންމެ ފަހަރަކު މިހާރުވެސް ވަރިކޮށްދިނުމަށް އެދިއްޖެއެވެ. އަޅުގަނޑުގެ ކުށެއް ބުނެއެއް ނުދެވެއެވެ.
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުގެ ކުށެއް ނެތި، ކުށެއް ބަޔާންކޮށްނުދީ އެގޮތަށް ވަރިއަށް އެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ އަނެއްކަމަކީ ކޫސަނި ކަންކަމުގާ އަނބިމީހާ ފިރިމީހާގެ ކިބައިން ވަރިޔަށް އެދުން މީ ވަރަށް ނުރައްކާތެރި ކަމެއް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވޭ ޝަރުޢީ ޢުޛުރަކާނުލާ، ޝަރުޢީ ސަބަބަކާނުލާ، އަނބިމީހާ ފިރިމީހާގެ ކިބައިން ވަރިޔަށް އެދޭ ކަމަށް ވަނީނަމަ ސުވަރުގޭގެ ވަސްވެސް އޭނައަށް ނުފެންނާނެ ކަމަށް. އެހެންވީމަ ޒަވާޖީ ޙަޔާތެއްގަ ޖެހޭ މައްސަލަތަކުގަ ފިރިމީހާޔާ އަނބިމީހާ ވިސްނަންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ، ކަންކަމާ މަތިކޮށްފައި ވަރިކުރުން، ރުޅިއަންނަ ކޮންމެ ފަހަރެއްގައި، ނުވަތަ ކަމެއް ކުރުވަން ބޭނުންވާ ކޮންމެ ފަހަރެއްގައި ނުވަތަ މަނާކުރަން ބޭނުންވާ ކޮންމެ ފަހަރެއްގައި ވަރީގެ ވާހަކަ ދައްކައިގެން ނުވާނެ. ހަމަ އެގޮތަށް ތިމާ ބޭނުންވާކަމެއް ވުމަށްޓަކައި ނުވަތަ ބޭނުންވާކަމެއް ނުވެގެން ފިރިމީހާ ކައިރީގައި އަބަދާއަބަދު ވަރިއަށް އެދުމަކީ ކޮށްގެންވާނެކަމެއްނޫން. އެހެންވީމަ މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވެ ރައްކާތެރިވުމަކީ ޢާއިލީ ދިރއުޅުން އުފާވެރިވުމަށް މަގުފަހިވާނެކަމެއް.
ކޮންމެ ދެމީހެއްގެ ދެމެދުގައިވެސް މައްސަލަ ޖެހިދާނެ. އެހެންނަމަވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެކަކު އަނެކަކަށް ދޫދީގެން، އެކަކު އަނެކަކަށް އިޙުތިރާމް ކޮށްގެން، އެކަކު އަނެކެއްދެކެ ލޯބިވެގެން. މި ޒަވާޖީ ޙަޔާތުގެ ގުޅުމަކީ ވަރުގަދަ ބަދަހި، ހެޔޮ މަޤުޞަދެއްގައި ގުޅިފައިވާ ގުޅުމެއްކަން އަބަދުވެސް ހަނދާންކޮށްގެން. اللهُ تَبَارَكَ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު މިންވަރުކޮށްދެއްވާށި.
وَالسَّلام عَلَيْكُمْ وَرَحْمَةُ الله وَبَرَكَاته
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް