އަޅުގަނޑަށް ދިރިއުޅެންޖެހިފައި މިވަނީ 5 ބެއިން ހިމެނޭ ބޮޑު ޢާއިލާއަކާއިއެކުގައެވެ. ފިރިމީހާއަކީ އެކެކެވެ. މިގޭގައި އެންމެ ގިނައިން ކުރާ ކަމަކީ ތިމާކުރާ ކުށްތައް އެހެން މީހުންގެ ބޮލުގައި އަޅުވަން ބޮޑެތި ދޮގުތައް ހެދުމެވެ. އަޅުގަނޑު ބޭނުންވަނީ މިކަމުގެ ނުބައިކަން އެނގޭނެ ލިޔުމެކެވެ.
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައި ލިޔުމުން ތިއަކަން ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. އިން ޝާ ﷲ
ޢާއިލާތަކުގެ ތެރޭގައި ތަފާތު ބޮޑެތި ފިތުނަތައް އުފެދި ގުޅުން ކެނޑިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ހެދޭ ބޮޑެތި ދޮގުތަކެވެ. ތިމާ ނުރުހޭ މީހުންނާއި އެހެންމީހުންނާއި ގުޅުން ކަނޑުވާލަން ދެއްކޭ ދޮގުވާހަކަތަކެވެ.
މިގޮތުން ދާދި ކުދިކުދި ކަންކަންވެސް ބޮޑުކަމަކަށް ހަދައިގެން ވާހަކަތައް ދައްކައެވެ. ދޮގު އިލްޒާމްތައް އަޅުވައެވެ. ތިމާއަށް ކުރެވޭ ކުށްތައް ފޮރުވަން އެހެންމީހުންގެ ބޮލުގައި ކަންކަން އަޅުވައެވެ. ހުޝިޔާރު މީހުން އެކި ޑްރާމާތައް ކުޅެ އެހެންމީހުންނަށް އަސަރުކުރާނެ ގޮތްތަކަށްވެސް ދޮގު ފަތުރައި ދޮގަކީ ޙަޤީޤަތް ކަމަށް ދައްކަން މަސައްކަތް ކުރެވެއެވެ.
މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކޮންމެ ކަމެއްގައިވެސް ދަރަޖަތަކެއް ހުރެއެވެ. ހެޔޮކަމުގައިވެސް ދަރަޖަތައް ހުންނަ ފަދައިން ނުބައި ޢަމަލުތަކުގައިވެސް ދަރަޖަތައް ހުރެއެވެ. ޢާއިލާގެ ތެރޭގައި ފިތުނަ އުފައްދަން ދޮގުހެދުން ހިމެނިގެންދާނީ ދޮގުހެދުމުގެ އެންމެ ނުބައި ނުވަތަ އެންމެ މަތީ ދަރަޖައިގައެވެ.
ޢާއިލާގެ ތެރޭގައި ނުވަތަ ގާތް މީހުންގެ ތެރޭގައި ޞުލްޙަ އާއި ލޯބި އޮންނަން އިސްލާމް ދީން ބާރުއަޅާ މިންވަރަށް ނިކަން ވިސްނައިލަބަލާށެވެ. ދޮގުހެދުމަކީ ޙަރާމްކަމެއް ކަމުގައިވީނަމަވެސް ދެމީހަކު ޞުލްޙަކުރުވަން ދޮގުހެދުން ވަނީ ހުއްދަކުރައްވަވާފައެވެ. މިކަމުންވެސް އެނގިގެންދަނީ ފިތުނަ އުފައްދަން ނުވަތަ އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވަން ދޮގުހެދުމުގެ ހުރި ނުބައިކަމެވެ. ކުޑަކަމެއް ކަމަށް ހީކޮށް މިފަދަ ބޮޑެތި ފާފަތައް ނުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޞިއްޔަތްފުޅުތަކުގެތެރެއިން ބަސްބުނުމުގައި ތެދުވެރިވެ ޢަދްލުވެރިވުން-
މި وصيّة ގައި މާތް ﷲ އަންގަވަނީ ބަސްބުނުމުގައި ތެދުވެރިވެ ޢަދްލުވެރި ވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ " (الأنعام: 152) މާނައީ : " އަދި ތިޔަބައިމީހުން ބަހެއްބުނާނަމަ ގާތްތިމާގެ މީހަކާމެދުގައި ނަމަވެސް ޢަދްލަށް ތެދަށް ބުނާށެވެ." ބަސް ބުނުމުގައި ޢަދްލުވެރި ވުމަކީ ތެދަށް ބުނުމެވެ. ހެކި ދިނުމުގެ ގޮތުން ބުނާބަހެއް ކަމުގައި ވިއަސް، އަދި އެނޫންގޮތަކުން ބުނާބަހެއްކަމުގައި ވިއަސް، ބުނަންވާނީ، ޢަދްލަށް ތެދަށެވެ. ތެދު ބުނުމަކީ ޙަޤިޤަތުގައި ކަން އޮތްގޮތަށް ބުނުމެވެ. ތެދަށް ބަހެއް ބުނުމަކީ ނަފްސަށް ލިބޭ ހަމަ ހިމޭން ކަމެކެވެ. ހިތަށް ލިބޭ މަޑުމައިތިރި ކަމެކެވެ. ޟަމީރަށް ލިބޭ އަރާމެކެވެ.
عبدالله بن مسعود ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " إِنَّ الصِّدْقَ يَهْدِي إِلَى البِرِّ، وَإِنَّ البِرَّ يَهْدِي إِلَى الجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا. " (متّفق عليه ) މާނައީ: "ތެދު ބުނުމަކީ ހެޔޮ ކަންތަކަށް މަގު ދައްކާ ކަމެއްކަން ކަށަވަރެވެ. އަދި ހެޔޮކަންތައް ކުރުމަކީ ސުވަރުގެއަށް މަގުދައްކާ ކަމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތެދުބުނާމީހާ ތެދުބުނަމުންގޮސް ﷲ ގެ ހަޟްރަތުގައި ޞިއްދީޤަކު ކަމުގައި ލިޔެވިދާހުއްޓެވެ."
ތެދު ބުނުމަކީ މުއުމިނުންގެ ސިފަ ތަކުގެ ތެރެއިންވާ ސިފައެކެވެ. އަދި މުއުމިނުން ގައި ހަރުލައި ވަކިނުވެ ހުންނަންވާނޭ ސިފައެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ." يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ (119)" (التوبة: 119) މާނައީ: " އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާއެކު ތިޔަބައިމީހުން ވާށެވެ!" އެބަހީ: ތެދުބުނާ މީހުންގެ ތެރޭގައި އަދި ތެދުބުނާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ވީމާ، ތެދުބުނުމަކީ ތަޤްވާވެރިކަމާ ގުޅިފައިވާ ތަޤްވާވެރިންގެ ސިފައެކެވެ.
- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން