ހުރިހާ ޞާލިޙު ޢަމަލުތަކަކީ – ހަމައެކަނި الله އަށްޓަކައި ކުރެވޭ އަޅުކަންތަކެއް ކަމުގައި ވިޔަސް، އެކަލާނގެ ރުހިވޮޑިގަންނަވާނެ ޢަމަލުތަކެއް ކަމުގައި ވިޔަސް، ނަމާދާއި ރޯދައާއި މިނޫންވެސް ކަންތައްތައް ކަމުގައި ވިޔަސް ނުވަތަ އެހެން މީހުންނާމެދު ކުރާ ހެޔޮ ޢަމަލުތަކެއް ކަމުގައި ވިޔަސް – މިހުރިހާ ކަމެއް ހުރިހާ ވަގުތެއްގައިވެސް ލާޒިމުވެއެވެ.
ޚާއްޞަކޮށް ހެޔޮކަމުގެ ވަގުތުތަކުގައި އެމީހުންނަށް ހިތްވަރުދީ، އެވަގުތުތަކުގައި ހުރިހާ ބާވަތެއްގެ ޞާލިޙު ހެޔޮ ޢަމަލުތަކެއް ކުރުމުގައި ހޭދަކުރަންވާނެއެވެ.
ކުރުމަށް ހިތްވަރުދީ އަމުރުކުރެވޭ އެއް ޞާލިޙު ޢަމަލަކީ އެކަކު އަނެކަކަށް މާފުކޮށް ރުޅިވެރިކަން ނައްތާލުމެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސާބިތުވެގެންވަނީ، “ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދަ ހިފައިގެން ދުވަސް ފަށައިފިނަމަ، އެއްވެސް ފާޙިޝް ނުވަތަ ޖާހިލު ވާހަކައެއް ނުދައްކާ، އަދި މީހަކު އޭނާއަށް ފުރައްސާރަކޮށް ނުވަތަ އޭނާއާ ޒުވާބުކޮށްފިނަމަ: އަހަރެން ރޯދަ ހިފަނީ، އަހަރެން ރޯދަ ހިފަނީ" ކަމަށް ބުނުމެވެ.
(އަލްބުޚާރީ، 1894 އަދި މުސްލިމް، 1151 ރިވާކުރައްވާފައި)
ވީމާ ރޯދައަށް ހުރެ އެއްވެސް މީހަކާ ދެބަސްވުމެއް ނެތެވެ. ހަމައެއާއިއެކު ތިމާގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވުމުން ޤަބޫލުފުޅުކުރައްވަވާނީ އެއްވެސް މީހަކަށް ޙަސަދަވެރިނުވެ ހުރުމުންކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މި ޚާއްޞަ ވަގުތުގައި މީހުންގެ ކިބައިން މަޢާފަށް އެދުމާއި، ގޯސްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މި މުނާސަބަތުތަކުގައި މިކަން ފާހަގަކޮށް، ނުވަތަ އެހެން މީހުންނަށް އެކަން ހަނދާންކޮށްދީ، އެކަން ކުރުމަށް ހިތްވަރު ދިނުމަކީ، އިން ޝާ الله، އަޅުގަނޑުމެންނަށް ފައިދާކުރާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން