އަތުގައި ތަނަވަސްކަން ކުޑަވުމަކީ ކައިވެނިކުރުން ލަސްކުރަން އޮތް ސަބަބެއް ނޫނެވެ. އަދި އަނެކާގެ ތަނަވސްކަން ކުޑަވުމަކީ އޭނާއާއި ކައިވެނިކުރަން ފަސްޖެެހން އޮތް ސަބަބެއްވެސް ނޫނެވެ. ސަބަބަކީ ފަޤީރު ޙާލުގައި ކައިވެނިކޮށްފިނަމަ ﷲ ތަޢާލާގެ ރަހްމަތްފުޅުން އެމީހަކަށް ރިޒުޤް ދެއްވަވާނެކަން ވަޙީބަސްފުޅުން އެނގެން އެބައޮތެވެ.
މީގެމާނައަކީ ކައިވެނިކޮށް، ރިޒުޤް ޙޯދަން މަސައްކަތްނުކޮށް ތިބުމެއް ނޫނެވެ. ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ އެކަމަކަށް މަސައްކަތްކުރުމުންނެވެ. ރިޒުޤް ދެއްވަވާނީވެސް ހޯދަން ަމސައްކަތްކުރުމުންނެވެ.
މިއީ މާބޮޑެތި ދަލީލުތަކަށް ބޭނުންވާ ކަމެއްވެސް ނޫނެވެ. ވަރަށް ފަޤީރު ޙާލުގައި ކައިވެނިކުރި ކިތައް މީހުން މިހާރު ތަނަވަސް މީހުންގެ ގޮތުގައި އެބަތިބިހެއްޔެވެ؟ މިލިއަނަރުންނަށް ނުވެވުނަސް ފުދިގެން ދުނިޔޭގައި އެބައުޅޭހެއްޔެވެ؟ މިހުރީ ކޮންމެ މީހަކަށްވެސް ބަލައިލުމުން ފެންނާނެ ކަންކަމެވެ.
ލަދުވެތިވާންވީ ކައިވެނިނުކޮށް ލޯބިވެގެން އުޅޭށެވެ! އެއިރުން އެއުޅެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނޫންކަމަށްވާތީއެވެ. ފަޤީރުވުމަކީ ކައިވެނިކުރަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އަދި ފަޤީރުވުމަކީ ކައިވެންޏަށް އެދެން ލަދުގަންނަން އޮތް ސަބަބެއްވެސް ނޫނެވެ. ކައިވެންޏަށް އެދުމުން ފަޤީރަކަށްވީތީ ފުރައްސާރަކޮށްފިނަމަ އެފުރައްސާރަކުރެވެނީ އެޙާލަތު މިންވަރުކުރެއްވެވި ފަރާތަށެވެ. ވީމާ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް