ފަށްކުރުމެއް!: މަރުވާތަނުން ފުރާނަ ނަރަކައިގެ އަޑީގަވާ ބޮޑުހިލައެއްގަ އައްސަވާނެ މީހުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 44ސ
ފަށްކުރުމެއް!: މަރުވާތަނުން ފުރާނަ ނަރަކައިގެ އަޑީގަވާ ބޮޑުހިލައެއްގަ އައްސަވާނެ މީހުން-!

ނުލަފާ ފާފަވެރީން ދަންނައެ. އެމީހުންގެ ފުރާނަ ދަމައިނެރެވެނީ ވަރަށް ގަދަފަދަ ކަމާ އެކުގައެވެ. އެއިރު އެމީހާގެ އަނގަ އޮންނަހުށީ حَنْظَل އެއް ކާމީހެއްގެ އަނގައިގެ މިސާލުގައެވެ. މަރުގެ މަލާއިކަތާ ވިދާޅުވާނެތޭ އޭ ހަޑިމުޑުދާރު ނަފުސާއެވެ. އިބައިގެ ހަޑިމުޑުދާރު ހަށިގަޑުން ނުކުންނާށެވެ.  

އެއިރު އެމީހާ ލަވާ ހަޅެއި حِمَار ގެ އަޑުފަދަވާ ހުއްޓެވެ. ދެންފަހެ عزرائيلގެ ފާނު އެފުރާނަ ހިއްޕަވައި ފިއްޔާއި އަވަސްއަވަހަށް زَبَانِى مَلاَئِكَة ން އެއަރުވައިގެންފަތެވެ. އެއީ ވަރަށް ސިފަހުތުރު ކުލައާއި ފޭރާން ކޮޅުތައް ކަޅު ވަސް ނުހަނު ނުބައި ބައެކެވެ. ދެން އެބެއިކަލުންގެ އަތްޕުޅުގައިވާ ކުރަކި ކެހެރި ފޭރާމަކަށް އެފުރާނަލައްވައި އޮޅައިގެންފާ ހުއްޓެވެ. އެއިރު އެފުރާނަ އޮންނަހުށީ ގޮށްފުޅަންގެއްގެ ބޮޑުމިނުގައެވެ. އެއިގެ ވެރިޔާގެ ސިފައިގައެވެ.

މިހެނީ آخِرِة ގެ ހުރިހާ مقام އެއްގައި مؤمن ންނަށްވުރެ كافر ން ހަށިބައިން ބޮޑުވާ ހުއްޓެވެ. صَحِيح حَدِيثގައި ވާރިދުވެގެންވެޔޭ. ނަރަކައިގާވާ كافر  އާގެ ފޭރާދަތް اُحْدُ ފަރުބަދައާ އެއްފަދަވާ ހުއްޓެވެ. ދެންފަހެ. ނުލަފާމީހާގެ ނަފްސާއިގެން މަލާއިކަތާ އަރާވަޑައިގެން އެންމެ ގާތްވެގެންވާ އުޑުގެ ކައިރިއަށް ވަޑައިގެން އަރާވާޑައި ގަތުމަށް އިޒުނަ އެދިލެއްވުމުން ސުވާލު ވެވޭނެޔޭ ތިޔައީ ކޮންބެއިކަލަކީމުތޯއެވެ އެކުގައި ގެންނެވީ ކާކުތޯއެވެ.  މަލާއިކަތާ ވިދާޅުވާ ހުއްޓެވެ. އަހުރެންނީ قَبْقَائِيل ގެއީމެވެ. އަހުރެންނާއި އެކުގައިވަނީ އެވެނި މީހާގެ ދަރި މިވެނި މީހާއެވެ. ވިދާޅުވާހުށީ އެމީހާގެ އޮތް އެންމެ ހުތުރު ނަމަކުންނެވެ.

ދެން ނިދާ އިއްވޭނެޔޭ. ތިޔަމީހާ އަކަށް އުފާވެރިކަމެއް ނެތެވެ. ތިޔަމީހާ އަކަށް އުޑުތަކުގެ ދޮރުތަކެއް ނުހުޅުވޭ ހުއްޓެވެ. މިނިދާ އައުމުން މަލާއިކަތާ އެމީހާ ވައްޓަވައި ލައްވައިފާ ހުއްޓެވެ. ދެން ވަރަށް ބުރައެއްޗެއް ވަރަށް ބާރަށް އައިސް ވެއްޓޭ މިސާލުގައި ވެއްޓިދާ ހުއްޓެވެ. 

ބިންމައްޗަށް ޖެހޭއިރަށް زَبَانِى مَلاَئكة ން އެއިގައި ހިއްޕަވައި سِجِّين ގައި ހައްޔަރު ކުރައްވައިފާ ހުއްޓެވެ. سِجِّين އަކީ ނަރަކައިގެ އަޑީގައިވާ ބޮޑު ހިލައެކެވެ. ނުލަފާ މީހުންގެ ފުރާނަތައް قِيَامَة އަށް ދާދެން ހައްޔަރުވެގެންވާހުށީ އެހިލައިގައެވެ. މިވާހަކައީ މިލިޔާ ދެ آيَة ގައި އޮތް މަގުން ރިވާވެގެންވާ ވާހަކައެވެ.

(1) لاَ تُفَتَّحُ لَهُمْ أَبْوَابُ السَّمَاء وَلاَ يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ

(2) وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاء فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ

يَهُودِى  ންނާއި  نصاراى އިން ދަންނައެ. އެއުރެން އަބުރައި ރައްދުކުރެއްވެނީ كُرسى ގެ ކައިރިންނެވެ. އެއީ އެއުރެންކުރެ، އެއުރެންގެ شريعة ގައި އުޅުނު މީހުންނެވެ. އެއުރެން އެއުރެންގެ ހިނެވުމާއި، ކަށުކަމާކެމީގެ ކަންތައްތައް ދެކޭނެއެވެ.

ކަލާނގެ ކިބަޔަށް شَرِيْكُ ކުރާ ކާފަރުން ދަންނައެ. އެއުރެން އެއިން އެއްވެސްކަމެއް ނުދެކޭ ހުއްޓެވެ. މިހެނީ އެއުރެންނަކީ، ވެއްޓިގެން سجّين އަށް ހިގާއްޖެބައެކެވެ. ދީނާއި މެދުގައި ޝައްކު ކޮށްގެން އެތެރެ ނުބައިކޮށް ބާއްވައިގެން ބޭރުފުށުން ދީނަށް އުޅޭ مُنَافِق ން ދަންނައެ. އެއުރެން ވައްޓައި ލެއްވޭނީ އެއުރެންގެ ކަށްވަޅުގެ ތެރެއަށެވެ.  

مؤمن ން ކުރެ تَقْصِيِرُ ކުރާ ފާފަވެރިން ދަންނައެ. އެމީހުންގެ ބާވަތްތައް خِلاَف ވެގެންވެއެވެ. އެމީހުންގެ ތެރެއިން އެމީހުންގެ ނަމާދު އެމީހުން އަބުރައި ރައްދު ކުރާމީހުން، ތިބޭހުއްޓެވެ. ނަމާދު ނުކުރާމީހާ ނުވަތަ އެއްވެސް ފަރުވާލަކާއި خُشُوع އަކާނުލައި ނިތްތަޅައިލާ މީހުން އެކަމުގެ ސަބަބުން އެނބުރި އަންނާން ޖެހެއެވެ. މިހެނީ އެއްވެސް خُشُوع އަކާ ނުލައި ނަމާދުން ވައްކަންކޮށް ނިތްތަޅައިލާ މީހުންގެ ނަމާދުވެސް قبول ނުކުރައްވައި އެނަމާދުން އެމީހާގެ މޫނުގައި ޖެއްސެވޭވާހަކަ حَدِيث ގައި رِوَاى ވެގެންވެއެވެ. ދެން އެނަމާދު ދާނީ އެމީހާގެ މައްޗަށް ނުބައި دُعَاء ކުރަމުންނެވެ. 

ބައެއް މީހުން زكاة ގެ ސަބަބުން އެނބުރި އަންނާން ޖެހެއެވެ. މިހެނީ زكاة ނުދޭމީހުންނާއި زكاة ދިނަސް ކަންދެއްކުމަށް އެވެނި މީހާއީ زكاة صَدَقَات ދީއުޅޭ މީހެކޭ ބުނެވޭނޭ ގޮތުންދީއުޅޭ މީހުންނާއި އެކަމުގެ ސަބަބުން އެނބުރި އަންނާންޖެހެއެވެ. ބައެއްމީހުން زكاة ގެ މުދާ އަންހެނުން ރުއްސާން ހޭދަކުރާމީހުންވެސް އަހުރެމެން ދެކެމުއެވެ.  

އެމީސްމީހުންނަށް ޖެހިފައިވާ ބަލާތަކުން އަހުރެމެން އެންމެހައި مسلم ން عَفُوء ކުރެއްވުންއެދި دُعاء ކުރަމެވެ. ބައެއްމީހުން ރޯދައިގެ ސަބަބުން އެނބުރި އަންނާންޖެހެއެވެ. މިހެނީ فرض ރޯދަނުހިފުމާއި ހިފިއަސް ދީނުގެ حكم ތަކުގައިހުރިމަގުން އެމައްޗަށް ثَواب ދެއްވާނޭ ރޯދައަކަށް ވާނޭހެން ރޯދަ ނުހިފާ މީހުންނާއި އެކަމުގެ ސަބަބުން އެނބުރި އަންނާން ޖެހެއެވެ.  

ބައެއްމީހުން حجّ ގެ ސަބަބުން އެނބުރި އަންނާން ޖެހެއެވެ. މިހެނީ حجّ وَاجِب ވެފައިމެ އެކަމަށް ފަރުވާލެއްނުބަހައްޓައި އެކަން އަދާނުކޮށް ތިބޭމީހުންނާއި މިވެނި މީހާއީ حجّ ވެރިޔެކޭ ބުނެވޭނޭ ގޮތުން ނުވަތަ ތިމާއަށް مِلْكُ ވެގެންނުވާ މުދަލެއް ހޭދަކޮށްގެން حجّ ވާމީހުން ނާއި އެކަމުގެ ސަބަބުން އެނބުރި އަންނާންޖެހިދެއެވެ. ބައެއްމީހުން މައިންބަފައިންނަށް ނުބައިކޮށް ހިތައި އެމީހުންގެ حقّ ރަނގަޅަށް އަދާނުކުޅައުމުގެ ސަބަބުން ނާއި އަދި އެހެންވެސް ތިމާއަދާކުރަންވާ މީސްތަކުންގެ حقّ ތަކަށް ރައްކައުތެރިވެ އަދާނުކޮށް ހުރުމުގެ ސަބަބުންނާއި މިކަހަލަ އެތައްގޮތަކުން އެނބުރި އަންނާންޖެހިދެއެވެ. މިގޮތްތައް ދަންނަހުށީ حقّ ވަންތަ ކަލާނގެ ރަސްކަންފުޅާއި މެދުގައްޔާއި خلق ތަކުންނާއި މެދުގައި معاملة ތައް ބަހައްޓަންވީ ގޮތްތަކުގެ ސިއްރު ތަކާއި ކުރާ عمل ތައް ކަލާނގެ ކިބަޔަށް خَلاَص ކުޅައުމުގެ މަގުތަކުގެ ސިއްރުތަކާއި އަދި ދީނުގެ شريعة ގެ މަގުތައް ދަސްކޮށްގެން ދަނެގެން ތިބޭ علم ވެރީންނެވެ.  

އަހުރެންމިބުނާ ހުރިހާ ކަންކަމުގެ معن ތަކަކީ حديث  ގައި ވާރިދުވެގެންވާ ގޮތްތަކެވެ. އެއިގެތެރެއިން ހެޔޮ عمل ތައް قبول ނުކުރެއްވި އަނބުރައި ރައްދުކުރައްވާ ގޮތްތަކާއި މެދުގައި މާތްރަސްކަލާނގެ ރުއްސުންލެއްވި مُعَاذُ بْنُ جَبَلُ ގެ ކިބައިން ރިވާވެގެންވާ حديث ވެއެވެ.  

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން