ޒަވާޖީ ޙަޔާތުގެ ދިރިއުޅުމުގައި ނުވަތަ ދިރިއުޅެން ކުރާ މަސައްކަތުގައި ނަމަވެސް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް ޙައްލުކުރަން މީހުން ކުރަން ތިބާ ގާތުގައި ބުނާ ހުރިހާ ކަމެއް ކުރަން މަސައްކަތް ނުކުރާށެވެ. އެކަންކަމުގެ ތެރެއިން ތިބާއަށް ކުރެވޭނެ، އަދި އެންމެ ފައިދާކުރާނެ ކަންކަން ވިސްނައި އެކަންކަން ކުރަން މަސައްކަތްކުރާށެވެ.
އެންމެން ބުނާ ހުރިހާ ގޮތަކަށް އެކަކަށްވެސް ނުއުޅެވޭނެއެވެ. އެންމެން ބުނާ ހުރިހާ ކަމެއް އެކަކަށްވެސް ނުކުރެވޭނެއެވެ. އަދި ކުރަން މަސައްކަތްކުރަން ޖެހޭނެ ގޮތެއްވެސް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ޤާބިލުކަން ހުންނާނީ އެއްވަރަކަށް ނޫނެވެ. އަދި އެއް ކަންކަމަކުންވެސް ނޫނެވެ.
ހަމައެއާއިއެކު މީހުން އެބުނަނީ އެމީހުންގެ ވިސްނުމުންނެވެ. އެމީހުންގެ ތަޖުރިބާއިންނެވެ. އެއްކަމެއް އެއްގޮތަކަށް ކުރިނަމަވެސް ކޮންމެ މީހަކަށް އެކަމުގެ ފައިދާކުރާނީ އެއްވަރަކަށް ނޫނެވެ. އެއްގޮތަކަށް ނޫނެވެ. ކޮންމެ މީހަކަށްވެސް ތަފާތުތަކެއް ހުންނާނެއެވެ.
މިކަމުގެ ކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. ބައިވެރިޔާ އާއި މައްސަލައެއް ޖެހުނީއެވެ. އެމައްސަލަ ޙައްލުކުރަން އެހެން މީހަކު ކަންތައްކުރިގޮތަށް ތިބާ ކަންތައްކޮށްގެން ތިބާއަށް ކާމިޔާބުނުވެދާނެއެވެ. ސަބަބަކީ ތިބާގެ ބައިވެރިޔާ އޭނާގެ ބައިވެރިޔާގެ ވިސްނުމާއި ބޭނުންތައް ތަފާތުވާނެތީއެވެ. ބޭނުންވާ ގޮތްވެސް ތަފާތުވާނެތީއެވެ. އުފާވެރިކަން ލިބޭނެ ކަންކަން ވެސް ތަފާތުވާނެއެވެ.
ވީމާ މީހުންދޭ ނަޞޭޙަތަށް ޢަމަލުކުރުމުގައި ތިމާއަށް ވިސްނޭ ގޮތް އިސްކުރާށެވެ. އެހެން މީހުންދޭ ނަޞޭޙަތުން ޢިބްރަތް ޙާޞިލުކުރާށެވެ. ނަމަވެސް މައްސަލަ ޙައްލުކުރަން އަނެކާ ކަންކަން ކުރި ގޮތް އެއީ ތިމާއަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ޤަބޫލުކުރަންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ.
- އަލަފް / މިއަދުނޫސް