ބޮޑެތި ފާފަތައް އޮޅުންފިލުވަން ބޭނުންވެގެން ގިނަބައަކު އުޅެއެވެ. އެފަދަ މީހުންގެ ގާތުގައި އަހުރެން ބުނަނީ ފާފައިގައި މިންއަޅައި ކުޑަބޮޑު ކަނޑައަޅަން މަސައްކަތް ނުކުރާށެވެ. އެއީ ޞަޙާބީން ކުރެއްވެވި ކަމެއް ނޫނެވެ. އެބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތަކީ ކިތަންމެ ކުޑަނަމަވެސް އެއީ ފާފައަކަށްވެދާނެ ކަންކަމާއި ކައިރިވެސްވެވަޑައިނުގަތުމެވެ.
އަހުރެމެންނަށްވެސް އޮތީ ހަމައެގޮތެވެ. ސުވަރުގެ ބޭނުންވާ މީހުން ޢަމަލުކުރަން އޮތީ ޞަޙާބީން ޢަމަލުފުޅު ކުރެއްވެވި ފަދައިންނެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ދޮގުހެދުމާއި ދޮގުހެކިދިނުމަކީ މިއަދު ގިނަ ބައެއްގެ ކުރިމަތީގައި ކުޑަކުޑަފާފައެކެވެ. އެހެނަސް އެކަންކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި އެވަރަކުން ފުދުނީއެއް ނޫނެވެ. ޞަޙާބީން ކަންބޮޑުވެވަޑައިގަންނަވާ މިންވަރަށް އެކަމުގެ ނުބައިކަން ޙަދީޘްފުޅު ކުރެއްވެވިއެވެ.
ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ.
" ألا أُنَبِّئُكُمْ بأكْبَرِ الكَبَائِرِ ثلاثاً قُلْنَا: بَلَى، يَا رَسُول الله، قَالَ : الإشْرَاكُ بِالله، وَعُقُوقُ الوَالِدَيْنِ ،وَقَتَلُ النَّفْسِ وكان مُتَّكِئاً فَجَلَسَ، وَقَالَ: ألاَ وَقَوْلُ الزُّورِ وَشَهَادَةُ الزُّورِ فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا لَيْتَهُ سَكَتَ ( مُتَّفَقٌ عَلَيهِ )."
މާނައީ: " ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެ ބޮޑެތި ކަންކަމުގެ ޚަބަރު ތިޔަބައި މީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަން ހެއްޔެވެ؟ މިގޮތަށް ތިންފަހަރު ވިދާޅުވުމުން ތިމަން ދެންނެވީމެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ. ދެން ޙަދީޘް ކުރެއްވި އެވެ. އެއީ ﷲ އަށް ޝަރީކު ކުރުމާއި، މައިންބަފައިންނަށް ޙަރާންކޯރުވުމާއި (ޙައްޤަކާނުލައި) މީހަކު މަރާލުމެވެ. މިހެން ޙަދީޘް ކުރެއްވީ ލެނގިވަޑައިގެން އިންނަވާފައެވެ. ދެން އިށީނދެ ވަޑައިގެން އިންނަވައި ޙަދީޘް ކުރެއްވިއެވެ. ދަންނާށެވެ! ދޮގުބަސް ބުނުމާއި ދޮގުހެކި ދިނުމެވެ. މިބަސްފުޅު ތަކުރާރު ކުރެއްވުމުގައި ފިލާވަޑައިނުގެން އިންނެވުމުން ދެން ހުއްޓާލައްވާނޭ ނަމައޭ ތިމަން ބޭކަލުންނަށް ބުނެވުނެވެ."
(މިޙަދީޘްފުޅުގައި މިވަނީ 4 ފާފައެކެވެ. 1 ﷲ އަށް ޝަރީކުކުރުން 2 މައިންބަފައިންނަށް ޙަރާންކޯރުވުން 3 (ޙައްޤަކާނުލައި) މީހަކު މަރާލުން 4 ދޮގުބަސް ބުނުމާއި (ދޮގުބުނުމާއި) ދޮގުހެކި ދިނުން)
ހެކިބަސް އަދާކުރުމުގައި ތެދުވެރި ވުމަކީ ކަންއޮތް ގޮތަށް، ކަން ހިނގިގޮތަށް ބުނުމެވެ. ގާތްތިމާގެ މީހަކާ މެދުގައި ވިއަސް، ނުވަތަ ދުރުހިލޭމީހަކާ މެދުގައި ވިޔަސް، ނުވަތަ ރައްޓެއްސަކާ މެދުގައިވިއަސް، ނުވަތަ ޢަދާވާތްތެރިއަކާ މެދުގައި ވިޔަސް، ހެކިބަސް އަދާކުރުމުގައި ތަފާތެއް އޮވެގެން ނުވާނެއެވެ. ހެކިދޭންވާނީ ތެދަށެވެ. ކަންހިގި ގޮތަށެވެ. އަމިއްލަނަފްސާ މެދުގައި އެކަން އޮތީވެސް ހަމަ އެގޮތަށެވެ. ކީރިތި ޤުރްއާނުގެ سورة النساء ގެ 135 ވަނަ އާޔަތް ބައްލަވާށެވެ.! އެ އާޔަތުގެ މާނައީ " އޭއީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދްލު ޤާއިމު ކުރުމުގައި ދެމިތިބޭބަޔަކުކަމުގައި ވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ.! ތިޔަބައި މީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައި ވިޔަސް، ނުވަތަ މައިން ބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައި ވިޔަސް މެއެވެ، އެމީހަކީ (އެބަހީ، އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކުކަމުގައި ވިޔަސް، ފަހެ އެދެމީހުންނަށްމެ ﷲ އައުލާކަން ބޮޑެވެ. ފަހެ ތިޔަބައިމީހުން ޢަދްލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ،)ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
ދޮގުހެކި ދިނުމަކީ ދޮގުގެ ތެރެއިން އެންމެ ހުތުރު ކަންބޮޑު ދޮގެވެ. އަދި އެންމެ ފާފަބޮޑު ދޮގެވެ. އޭގެ ސަބަބުން މީސްތަކުންގެ ޙައްޤުތައް ގެއްލި އެމީހުންގެ މަސްލަޙަތުތައް އޮޔާލައި އެމީހުންނަށް ގެއްލުންދޭ ދޮގެވެ. އެހެންކަމުން ދޮގުހެކި ދިނުމަކީ ބޮޑުފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޝައްކެއް ނެތެވެ. ދޮގުހެކި ދިނުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. ޢަދާލަތުގެ ކުރިމަތީގައި ހުރެ މީހަކު އަދާކުރާ ދޮގުހެކިބަހެއްގެ ސަބަބުން، އަނެކެއްގެ މުޅި މިލްކު ގެއްލިގެން ހިނގައިދާނެއެވެ، މުޅި ދިރިއުޅުން ބަރުބާދު ވެގެން ހިގައިދާނެއެވެ.
ފުރިހަމަ ގޮތުގައި އަދާލަތު ހިންގުމާއި މީސްތަކުންގެ މެދުގައި ޢަދްލުއިންޞާފު ޤާއިމު ކުރުމާއި އެމީހެއްގެ ޙައްޤު އެމީހަކަށް ލިބިދިނުމާއި މިކަންކަމުގެ މަގުގައި އަޅާ ހުރަހެއްކަމުގައި މެނުވީ ދޮގުހެކި ދިނުންނުވެއެވެ. ވީމާ، އިސްލާމްދީނުގައި އެކަންވަނީ ނަހީ ކުރައްވާފައެވެ. އެކަމަކީ އެންމެބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޙައްޤު ގޮތުގައި އަދާކުރެވޭ ހެކިބަހަކީ ޝަރަފެކެވެ. ވީމާ، ހެކިބަސް އަދާކުރުމަށް ގެނެވޭނީ މާތްސިފަތަކެއް ލިބިގެންވާ ބައެކެވެ. ހެކިބަހަކީ އަމަން އަމާންކަމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ޙައްޤު ޤާއިމު ކުރުމަށް އެހީވާ އެއްޗެކެވެ. ހެކިބަސް ވަންހަނާ ކުރާ މީހުންނަށް ﷲ ގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާކަން ހަނދާންކުރުން ހުއްޓެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ.
وَلَا تَكْتُمُوا الشَّهَادَةَ ۚوَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ (283) (البقرة: 283) މާނައީ: " އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާ ހުށިކަމެވެ! އެކަން ވަންހަނާ ކުރާ މީހާ (އާމެދު ދަންނާށެވެ.) ފަހެ، ހަމަކަށަވަރުން އޭނާއަކީ އޭނާގެ ހިތްފާފަވެރި ވެފައިވާ މީހެކެވެ. އަދި ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ހަމަ އެފަދައިން ޙުކުމްކުރާ މީހާ ޙުކުމް ކުރަންވާނީ ޢަދްލަށެވެ. ދަޢުވާ ކުރާމީހާ ނުވަތަ ދަޢުވާ ލިބޭމީހާއަކީ މޮޅުމީހަކު ކަމުގައި ވިޔަސް އަދި ދެރަމީހަކު ކަމުގައި ވިޔަސް އަދި ރަޙްމަތްތެރި އަކުކަމުގައި، ނުވަތަ ޢަދާވާތްތެރިއަކު ކަމުގައި ވިއަސް، އެއިން ކަމަކަށް ބެލުމަކާ ނުލައި، އަދި އެއިން ކަމަކަށްޓަކާ ވަކި ފަރާތަކަށް ބުރަވުމަކާ ނުލައެވެ. ކީރިތި ޤުރްއާނުގެ سورة النساء ގެ 58 ވަނަ އާޔަތުގެ މާނާގައި ވެއެވެ. " އަދި ތިޔަބައިމީހުން މީސްތަކުންގެމެދުގައި ޙުކުމް ކުރާނަމަ ޢަދްލަށް ޙުކުމް ކުރުމަށް ﷲ ތިޔަބައި މީހުންނަށް އަމުރު ކުރައްވައެވެ."
- މަޢުލޫމާތު: ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން