ބަލިވުމުން ބޭސްފަރުވާކުރަންވާނެއެވެ. ބޭސްފަރުވާކުރަމުންވެސް އެމީހަކަށް ވެވުނުވަރަކުން ޞަދަޤާތްކުރާށެވެ. ސަބަބަކީ މިޙަދީޘްފުޅެވެ.
"ޙަދިޘްފުޅުގެ މާނައިގައިވަނީ "ތިއަބައިމީހުންގެ ތެރޭގައިވާ ބަލިމީހުންނަށް ފަރުވާ ހޯދުމަށްޓަކައި ތިއަބައިމީހުން ޞަދަޤާތްކުރާށެވެ!" ޞަދަޤާތުން އެބައިމީހުންނަށް ފަރުވާދޭން މަސައްކަތްކުރާށެވެ!
މީގެ އިތުރުން ﷲ ތަޢާލާގެ އަޅުންނަށް ނުވަތަ އަޅަކަށް ދިމާވެފައިވާ ދަތިއުނދަގޫ ކަމަކުން ސަލާމަތްކޮށްދޭން މަސައްކަތްކުރާނަމަ އެމީހަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ކަމަކުން ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ފަހިކޮށްދެއްވަވައެވެ.
ވީމާ ބައްޔަކަށް ޝިފާނުލިބި ލަސްވާނަމަވެސް ވެވުނުވރަކުން ޞަދަޤާތްކުރާށެވެ. އަދި ޞަދަޤާތްކުރާއިރު ވީހާބޮޑަށް ދަތިޙާލުގައިވާ މީހުންނަށް ޞަދަޤާތްކުރާށެވެ.
ޞަދަޤާތްކުރުމުގައި އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ގިނައިން ޞަދަޤާތްކުރާށެވެ. ތަނަވަސްކަން ކުޑަނަމަ ލިބުނު މިންވަރަކުން ޞަދަޤާތްކުރާށެވެ. އަދި ތިމާގެ ގާތްތިމާގެ ނުވަތަ އެކުވެރިއަކަށް ޝިފާ ދެއްވެވުން އެދިގެންވެސް ޞަދަޤާތްކުރުމަކީ ފައިދާހުރި ކަމެކެވެ. ތިބާކުރި ޞަދަޤާތުގެ ސަބަބުން މީހަކަށް ޝިފާދެއްވަވައިފިނަމަ އެކޮށްދެވުނީ ކޮންފަދަ ބޮޑު ހެޔޮކަމެއް ހެއްޔެވެ؟
މީގެ އިތުރުން އެއްވެސް މީހަކަށް ނުއަންގައި ސިއްރިޔާތުގައި (ކަނައަތުން ކުރި ޞަދަޤާތް ވައަތަށްވެސް ނުއެނގޭހައި ސިއްރުން) ޞަދަޤާތްކުރުމަކީ ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ ކަމެކެވެ. ވީމާ ޤިޔާމަތްދުވަހުގެ އެބިރުވެރި ނާމާން ވަޤުތުގައި އެކަމުން ސަލާމަތްކުރައްވަވާނެ ޢަމަލަކަށްވެސް ޞަދަޤާތްކުރުން ވެގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން