ޢަޛާބުގެ މައްޗަށް ޢަޛާބް އިތުރުކުރައްވަވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޢަޛާބުގެ މައްޗަށް ޢަޛާބް އިތުރުކުރައްވަވާނެ މީހުން-

ޝައިޚް ޢަބްދުއްރަޙްމާން ބިން ނާޞިރު އައް-ސަޢްދީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުން 4 ބަޔަކަށް ބެހިގެން ވެއެވެ. 

1-  އެމީހަކީ ހެޔޮ މީހަކަށް ވެފައި އެހެޔޮކަން އޭނާގެ ފަރާތުން އެހެންމީހުންނަށްވެސް ފޯރާ މީހާއެވެ. މިއީ ﷲއަށް އީމާންވާ، ޤުރުއާން ކިޔަވާ ދީން އުގަންނައިދޭ މުއުމިން އަޅާއެވެ. އޭނާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށާއި އަދި އެހެން މީހުންނަށްވެސް ފައިދާކުރެއެވެ. އަދި އޭނާ ވީ ކޮންމެ ތަނެއްގައިވެސް އޭނާއަށް ބަރަކާތް ލެއްވިގެންވެއެވެ. ﷲ ތަޢާލާ ޢީސާގެފާނާއި މެދު ވަޙީ ކުރެއްިވި ފަދައިންނެވެ.

وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾ މާނައީ: "އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތްލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ." (ސޫރަތު މަރްޔަމް: 31)

2-އެމީހަކީ އެމީހާގެ އަމިއްލަ ނަސްފު ހެޔޮކޮށް، ސާލިހު ޢަމަލުކޮށް އުޅޭ މީހާއެވެ، އެއީ ހެޔޮ މީހެކެވެ. އެއީ ﷲ އަށް އީމާންވާ، ނަމަވެސް އެހެން މީހުންނަށް ފޯރުކޮށްދެވޭނޭ ފަދަ ޢިލްމެއް އޭނާގެ ކިބައިގައި ލިބިފައިނެތް، މުއުމިން އަޅާއެވެ. 

3-   އެމީހަކީ އެއްވެސް ހެޔޮކަމެއް އޭނާގެ ކިބައިގައި ނެތް، ނަމަވެސް އޭނާގެ އަމިއްލަ ނަފްސު ފިޔަވާ އެހެން މީހުންނަށް އެކަމުގެ ނޭދޭވޭ އަސަރު ނުފޯރުވާ މީހާއެވެ. 

4-   އެމީހަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވުމުގެ އިތުރުން އެހެންމީހުންނަށްވެސް އަނިޔާވެރިވާ މީހާއެވެ. މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަންބޮޑު ބަޔަކީ މިއީއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

﴿الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّـهِ زِدْنَاهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوا يُفْسِدُونَ﴾ [النحل 88]

މާނައީ: "(اللَّه އަށާއި އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، ޢަޛާބުގެ މައްޗަށް ޢަޛާބު ތިމަންއިލާހު އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން