ﷲ ތަޢާލާ އަހުރެމެންނަށް ވަނީ ވަރަށް ބޮޑު ބާރެއް ދެއްވަވައިފައެވެ. އެއީ އެމީހަކު ޙާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލްކުރަން ޢަޒުމްކަނޑައަޅައިގެން މަސައްކަތްކުރުމުގެ ބާރެވެ.
އެންމެ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވާ އެއްކަމަކީ ފަތިސް ނަމާދަށް ހޭލުމެވެ. ފަތިހު ހޭލަން އަޒުމްކަނޑައަޅައިގެން މަސައްކަތް ކުރާ މީހުންނަށް އެކަންވެސް ކުރެވެއެވެ. ފަތިސްނަމާދު ޖަމާއަތުގައި ކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރީމާ އެކަންވެސް ހަމަ ކުރެވެއެވެ.
ފަތިހު ނިކަން ޕާކުތައް ބަލައިލަބަލާށެވެ. ކަސްރަތުކުރާ މީހުންގެ އަދަދަށް ނިކަން ބަލައިލަބަލާށެވެ. އެމީހުންނަށް އެކަން އެކުރެވެނީ އެކަން ކުރަން އަޒުމް ކަނޑައެޅުމުންނެވެ. އެއްބައަކު ބޭނުންވަނީ އަބަދުވެސް ލޫޅާފަތިކޮށް ރީތިކޮށް ތިބޭށެވެ. އަނެއް ބައަކު ކަސްރަތު ކުރަނީ ޑޮކްޓަރު ކޮންމެވެސް ވާހަކައެއް ބުނީމާ އަވަހަށް މަރުވެދާނެ ކަމުގެ ބިރަށެވެ. މުސްލިމުންނަށް މިވާގޮތަކީ 7 އުޑުގެ މަތިން ﷲ ތަޢާލާ ފަތިހު ތެދުވެ ނަމާދުކުރަން އަންގަވާފައި އޮތް އޮތުން ޤަބޫލު ނުކުރެވެނީއެވެ.
މަރުވުމުން ދެން ކަންތައް ވާނެ ގޮތް އަންގަވާފައި އޮތް ނަމަވެސް މަރު ނުވާތީ ބިރު ނުގަނެވެނީއެވެ. ދުނިޔޭގައި މަރު ނުވެ ގިނަ ދުވަސްތަކަކު އުޅެވޭނެކަމުގެ ޔަޤީންކަން ބޮޑުވަނީއެވެ. އެގޮތުގައި ހުއްޓައި މަރު އައިސް ކުރިމަތިލަނީއެވެ.
ބުނަންހެއްޔެވެ؟ މަރުވީމާ އެމީހަކާއިމެދު ކަންކަންވާނެ ގޮތް ލޮލަށް ފެންނާނީ ހަމަ މަރުވުމުންނެވެ. ދުނިޔޭގައި ހުއްޓައި އެއްވެސް މީހެއްގެ ލޮލަލަކަށް އެކަންކަމެއް ނުފެންނާނެއެވެ. ވީމާ ފަރުވާކުޑަކޮށްލައިގެން ހުއްޓައި މަރު އައިސް އެމީހަކާއި ބައްދަލުކޮށްފިނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ އަމިއްލައަށް ނަރަކައަށް އެދުން ނޫންހެއްޔެވެ؟
ރަނގަޅަށް އަޑުއަހާށެވެ! ތިމާގެ ބުރުސޫރަ ކިތަންމެ ރީތިވި ނަމަވެސް ފަތިސް ނަމާދު ނުކުރާ މީހާގެ އެއްވެސް ރީތިކަމެއް ނެތެވެ! އެހެނީ ދުވަސް ފަށަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދު ނުކުރާނަމަ އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިއެކެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެން ހުރި މީހެއްގެ ކިބައިގައި ހުންނާނީ ކޮން ރީތި ކަމެއް ހެއްޔެވެ؟ ހަޤީޤަތުގައި އެމީހަކީ ހަމަ ނަޖިހެއް ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން