އަހުރެން ވަރަށް ގިނަ ކަންކަން ބަލައިފީމެވެ. ވަރަށް ގިނަ މީހުންނާއި ތަފާތު ވާހަކަތައް ދައްކައިފީމެވެ. އެންމެންގެ ކިބައިންވެސް އެނގުނު ގޮތުގައި އަޅުކަންކުރަން އެންމެންވެސް ބޭނުންވެއެވެ. ނަމަވެސް ކަންނެތް ވެވެނީއެވެ. ފަރުވާކުޑަކުރެވެނީއެވެ. އެކަން ޤަބޫލުކުރިނަމަވެސް އެއީ ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް ކަމާއިމެދު ވިސްނައެއް ނުލައެވެ.
ނަރަކައިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކުރުމެވެ. އެންމެންވެސް ނަމާދުކުރަން ބޭނުންވެއެވެ. އެކަމަކުވެސް ނަމާދުކުރަން ކަންނެތްވެވެނީއެވެ. މިވަނީ ހަމަ އެއްގޮތެއް ނޫންހެއްޔެވެ؟ ނަމާދުނުކޮށް ސުވަރުގެ ލިބެން ނެތްކަން އެނގެން އޮތްއިރުވެސް ނަމާދުކުރަން ކަންނެތްވުމުން ވަންނަންޖެހޭނީ ނަރަކައަށް ނޫންހެއްޔެވެ؟
ދިރިއުޅުމުގެ ކަންކަން ކާމިޔާބުކުރަން ހިތްވަރާއިއެކު މަސައްކަތްކުރާ ފަދައިން އަޅުކަން ކުރަންވެސް ހަމަ އެހިތްވަރާއިއެކު މަސައްކަތްކުރަން އެބަޖެހެއެވެ. އެއާދަ ތިމާގެ ކިބައިގައި އަށަގަންނަވަން އެބަޖެހެއެވެ. އެކަން ޙާޞިލުކުރެވޭނީ ހަމަ އެމީހެއްގެ ހިތްވަރުންނެވެ. އެމީހެއްގެ މަސައްކަތުންނެވެ.
ކޮންމެ މީހަކު އެމީހަކު ދަންނަ މީހުންނަށް ވިސްނައިލިނަމަވެސް ޙަޔާތުގެ ކަންކަން އެންމެ ކާމިޔާބު ކުރެވިފައި ހުންނަނީ އަޅުކަން ކުރުމުގައި ހީވާގިވެ ދެމިތިބޭ މީހުންނަށްކަމާއި އެމީހުން ކުރަން ޖެހޭ އެހެން ކަންކަމުގެ ކުރިއަށް އަޅުކަން ކުރުން ނެރެގެން އުޅޭ މީހުންކަން އެނގޭނެއެވެ. އެހެން އެވަނީ ޤަވާއިދުން އަޅުކަން ކުރާނަމަ އެމީހެއްގެ ކިބައިގައި ހަރުދަނާ ސިފަތައް އަށަގަންނާތީއެވެ.
އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެހި އަޅުކަން ކުރުން އަށަގެންފި މީހެއްގެ އެހެން އަމަލުތައް ސީދާވާނެއެވެ. އެހެނީ އޭނާ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގައި ތެދުވެރިވާނެތީއެވެ. އެ ސިފަ އަށަގަތުމުން އެހެން މީހުންގެ އިތުބާރު ލިބިގެންދާނެއެވެ. އެފަދަ މީހުންގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެއެވެ. އެއީ އެފަދަ މީހެއްގެ ފިހާރައިގައި ހުންނާނީ ރަނގަޅު ފެންވަރުގެ މުދައު ކަމާއި ވިއްކާނީ ރަނގަޅު އަގުގައިކަން ޔަޤީން ކުރެވޭތީއެވެ.
ވީމާ ކޮންމެ މީހަކީވެސް ފިރިއުޅުމުގެ ކަންކަން ޙާޞިލުކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ ފަދައިން އަޅުކަން ކުރުމަށްވެސް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ މީހަކަށްވާށެވެ! އަމިއްލަ ދިރިއުޅުމުގެ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތް ކުރުމުގެ ކުރިއަށް އަޅުކަންކުރުން އިސްކުރާށެވެ! ﷲ ތަޢާލާގެ މިންވަރުފުޅުން އެއިރުން ދެން ހުރި ހުރިހާ ކަމެއް މާބާރަށް ކުރިއަރައިގެންދާނެކަން ޔަޤީނެވެ.
ކޮންމެ ކަމެއް ޙާޞިލު ކުރެވޭނީ ވެސް އެކަން ކުރަން ހިތްވަރާއިއެކު މަސައްކަތްކޮށްގެންނެވެ. އަމިއްލަ ދިރިއުޅުމަށް ބެލި ނަމަވެސް ކަންކަން ކާމިޔާބު ކުރެވޭނީ، ކާމިޔާބު ކުރެވިފައި ހުރީ މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ވިޔަފާރީގައިވެސް ވަޒީފާގައިވެސް އޮތީ ހަމަ މިގޮތެވެ. ކުރިއަރައި ދެވިފައި ހުރީ ހިތްވަރާއި އަޒުމާއިއެކު މަސައްކަތްކޮށްގެންނެވެ.
އަޅުކަން ކުރުމުގައިވެސް އޮތީ ހަމަ އެގޮތެވެ. ކޮންމެ ގޮތެއްވިޔަސް ނަމާދެއް ނުއަޅަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާ މީހުންނަށް އެކަން ކުރުން ބުރަކަމަކަށް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން