ޒަވާޖީ ޙަޔާތް އުފާވެރިކުރުވޭނީ ތިމާގެ މައްޗަށް ބައިވެރިޔާގެ ޙައްޤުތަކެއްވާކަން ދެމަފިރިންވެސް ޤަބޫލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޒަވާޖީ ޙަޔާތް އުފާވެރިކުރުވޭނީ ތިމާގެ މައްޗަށް ބައިވެރިޔާގެ ޙައްޤުތަކެއްވާކަން ދެމަފިރިންވެސް ޤަބޫލުކޮށްގެން!

ޙަދީޘްފުޅުގައި އޮތީ މުއްމިނުންނަކީ ހަށީގަނޑުގެ ގުނަވަންތައް ފަދަ ބައެއްގެ ގޮތުގައި ކަމަށެވެ. އެއް ގުނަވަނުގައި ވޭންއަޅާނަމަ އެކަމުގެ އަސަރު ހުރިހާ ގުނަވަނަތަކަށް (މުޅި ހަށިގަނޑަށް ކުރާނެ ކަމަށެވެ.

އެހެންކަމަށްވާއިރު ކައިވެނިކޮށް ދެމަފިރިންކަމުގައިވާ ވަޤުތުން ފެށިގެން ދެމަފިރިންގެ ހަށިގަނޑަކީ އެއް ހަށިގަނޑެއްކަމަށް ޤަބޫލުކުރަން ނުޖެހޭނެ ހެއްޔެވެ؟ އަހުރެން ބުނާނީ ޖެހޭނެއެވެ.  

ވީމާ މީހާ އެކަނި ހުންނައިރު އުޅޭ ގޮތާއި ކައިވެނިކުރުމަށްފަހު އުޅޭގޮތް ވަރަށް ބޮޑަށް ތަފާތުކުރަންޖެހޭނެއެވެ. ޚާއްޞަކޮށް ތިމާގެ ހަވާނަފްސް ކޮންޓްރޯލްކުރުމުގެ ބާރު އަމިއްލައަށް ލިބިގަންނަން ޖެހޭނެއެވެ. އެހެނީ ކައިވެންޏަށްފަހު ކޮންމެ މީހެއްގެވެސް ހަށިގަނޑަކީ އެމީހާގެ އެކަނި މިލްކެއް ނޫނެވެ. އެހަށިގަނޑުގެ އިތުރު ޙިއްޞާދާރަކު އެބަހުރެއެވެ.  

ވީމާ ކައިވެންޏަށްފަހު އެމީހަކު ބޭނުންވާހައި އިރަކު ގެއިން ބޭރުގައި އުޅުމާއި އެކުވެރިންނާއިއެކު އުޅުމާއި ހިލޭ މީހުންނާއި ގުޅުން ބޭއްވުމުގެ ޙައްޤަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ޙައްޤެއް ކަމަށް ދެކެފިނަމަ އެހިސާބުން އެއޮތީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ.  

ކައިވެނި ކާމިޔާބުކުރެވޭނީ މިކަންކަން ދެމީހުންވެސް ޤަބޫލުކޮށްގެންނެވެ. މިކަންކަމަކީ ތަޖުރިބާއިން ޔަޤީންކުރެވިފައިވާ ކަންކަމެވެ. ބުނަން ހެއްޔެވެ؟ ކައިވެނި، ކައިވެނީގެ ގޮތުގައި ދެމެހެއްޓޭނީ ޙައްޤުތައް ކަމަށް މިބުނި ކަންކަމުގެ އިތުރުން ތިމާގެ ދުލުގެ ބާރުވެސް ތިމާއަށް ނެތްކަން ޤަބޫލުކޮށްގެންނެވެ.  

މީގެ މާނައަކީ އެމީހަކު އަނގައިން ބުނަން ބޭނުންވާ މީހަކާއި ނުވަތަ ވާހަކަދައްކަންޖެހޭ މީހުންނާއި ވާހަކަ ނުދެއްކުމެއް ނޫނެވެ. ނަމަވެސް ދެމީހުންކުރެ މީހަކު ނުރުހޭ ނުވަތަ މަނާކުރާ މީހަކާއި ވާހަކަވެސް ނުދެއްކުމެވެ. އެއީވެސް ދޫކޮށްލަންޖެހޭނެ ޙައްޤެކެވެ.  

މިހާރު މިވާގޮތަކީ ތިމާއަށް ލިބިގެންވާ ކަމަށް ޤަބޫލުކުރެވޭ ޙައްޤުތައް މާގިނަވީއެވެ. ގިނަވެގެންގޮސް އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅުމަކީ ތިމާއަށް ލިބިގެންވާ ޙައްޤެއްކަމަށް ޤަބޫލުކުރެވެނީއެވެ. އެގޮތަށް ޤަބޫލުކުރެވޭ ހިސާބުން އެއޮތީ ކައިވެނިކުރި މަޤްޞަދު ގެއްލިފައެވެ. ކައިވެނީގެ ބޭނުން ކެނޑިފައެވެ.

ޢަޖުމަ ބަލައިލަންވެސް އަހުރެން މިބުނިމަގުން ދިރިއުޅެން ނިކަން މަސައްކަތްކޮށްބަލާށެވެ. އަހުރެން ބުނާނީ ދިރިއުޅުން އުފާވެރިވެފައި ކާމިޔާބުވާނެކަން އެއީ މުޖައްރިބް ކަމެއް ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން