މައިންބަފައިން ކުރާ ކަންކަމަސް ހިތްހަމަނުޖެހޭނަމަވެސް އެވާހަކަ ދައްކަންވާނީ އެމީހުންގެ ގައިގައި ބާރުހުރެ ދިރިއުޅެމުން އަންނައިރުއެވެ. އެމީހުން މުސްކުޅިވެ ބަލިކަށިވުމަކުން ނޫނެވެ. ނަމަވެސް ބައެއް ކުދިން އެމީހުންގެ ޝަކުވާތައް ހިފަހައްޓައި ނުވަތަ ސިއްރުކޮށްގެން ތިބެއެވެ. އެހެން ތިބެފައި އެމީހުން މުސްކުޅިވެ ބަލިކަށިވުމުން ޝަކުވާތައް ކުރަން ފަށައެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
މިހާރަކަށް އައިސް ގިނައިން މިފެންނަނީ މައިންބަފައިންނާއި އަޅައިނުލެވޭތަނެވެ. އަޅާނުލައި ތިބެފައި ކުރަނީ ޝަކުވާތަކެވެ. ތިމަންނަ ކުޑައިރު މިވެނިކަމެއް ކުރީ އެވެނި ގޮތަކަށް ކަމަށް ބުނެއެވެ.
އެއިރު އޭނާ ހުންނަނީ މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައެވެ. ނުވަތަ އަމިއްލަ މަސައްކަތް ކުރުމުގައެވެ. ބައެއްފަހަރު މައިންބަފައިންގެ ފޯރުންތެރިކަން ހުންނަ މިންވަރަކުން އެންމެ މޮޅަށް ކިޔަވައި ނުދެވުނަސް އެމީހުންގެ ފެންވަރުން ކިޔަވައިދީފައެވެ. ރަނގަޅު ޞިއްޙަތެއްގައެވެ.
މިކަންކަން ދަރިންނަށް ހޯދައިދެނީ މައިންބަފައިން ކިހާބޮޑު ޤުރްބާނީތަކެއްވެގެންކަން ހިތަކަށް ނާރައެވެ. އަމިއްލަ ބޭނުންތައް ނުފުއްދައި ކިޔަވައިޑޭން ޚަރަދުކުރިކަން ހިތަކަށް ނާރައެވެ. ސްކޫލަށާއި ޓިޔުޝަން ކްލާސްތަކަށް ގެންގޮސް ގެންނަން ކިހައި ބޮޑެތި ބުރަތަކެއް އުފުލިކަން ހަނދާނެއް ނުހުރެއެވެ. މައިންބަފައިން ނުކައިތިބެ ތިމާއަށް ކާންބޯންދިންކަންވެސް ހަނދާނެއް ނުހުރެއެވެ.
ފެންނަނީ ކޮންމެވެސް ދުވަހަކު ކުރެވުނު ކޮންމެވެސް ކަމެކެވެ. ބުނެވިފައި އޮތް ކޮންމެވެސް ބަހެކެވެ. އެކަންކުރަންޖެހުނީ ނުވަތަ އެބަސް ބުނަންޖެހުނީ ކީއްވެގެންކަން ހަނދާނަކު ނުހުރެއެވެ.
އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ. އެންމެ ކަމެއް ކޮށްނުދެވި އޮތްއިރު ކިތައްހާސް ކަންތައް ތިމާއަށް ކޮށްދިންކަމާއި ކިހައި ބޮޑެތި ބުރަތަކެއް އުފުލިކަމާއިމެދު ވިސްނައިލާށެވެ.
ތިރީގައިވާ ޝައިޚް އާދަމް ޝަމީމްގެ ބަސްކޮޅުން ޢިބްރަތް ޙާޞިލްކުރާށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުން! މައިންބަފައިން ޢުމުރުން ދުވަސްވީމަ، ނުވަތަ އެދެމީހުން މަރުވީމާ އެދެމީހުންގެ ކޮން ޙައްޤެއްތޯ އޮތީ، އެދެމީހުންގެ ޙައްޤު އިތުރަށް ބޮޑުވަނީ، އެއީ الله سُبْحَانَهُ وَتَعَالَى މައިންބަފައިން ޢުމުރުން ދުވަސްވީމަ އެމީހުންނަށް އަޅާލަން އެޙައްޤު އަދާކުރުމަށް އިތުރަށް އަމުރު ކުރައްވާފަވޭ.
އެހެނީ އިންސާނާ އޭނާ ބަލިކަށިވީމާ، އޭނާ މުސްކުޅިވީމާ ގައިބާރު ދެރަވީމާ އޭނާއަށް ބޭނުންވާނެ އެހީތެރިއެއް އެހެންވެގެން ދަރިފުޅު ވިހޭއިރުގާ އޭނާއަށް ލޮލަށް ނުފެންނަ ކަންފަތަށް އަޑުނުއިވޭ ބީރު ނުހިނގޭ، ނުކުޅެދޭ، ވާހަކަ ނުދެއްކޭ ކުޑަކުޑަ މަޚްލޫޤެއްގެ ގޮތުގާ އޮތްއިރު އެދަރިފުޅަށްޓަކާ މަންމައާއި ބައްޕަ ކިޔަމަންކޮށްދެއްވީ އެދަރިފުޅުގެ ވަށައިގެންތިބި ބޭބެމެންނާއި ދައްތަމެން ނާއި އަވަށްޓެރިންނަށް ދާނދެން އެކުއްޖާޔަށް އެމީހުންގެ ހިތްތަކުގާ ލޯބި ޖެހުނު، ކިހާބޮޑު ޙައްޤެއްތޯ؟ ކިހިނެއްތޯ އެދަރިފުޅު ބޮޑުވެ އިންސާނަކަށް ވާނީ އެހެންނޫންނަމަ سبحان
އެފަދައިން އަޅުގަނޑުމެންގެ މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވެ ނިކަމެތިވާ ދުވަހު އަޅުގަނޑުމެންޖެހޭ އިތުރަށް އަޅާލަން، ވަރަށް ބޮޑަށް އަޅާލަން الله سُبْحَانَهُ وَتَعَالَى އަންގަވާފައިވަނީ " إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا " އެދެމީހުން ނުވަތަ އޭގެ ތެރެއިން މީހަކު މުސްކުޅި ޢުމުރަށް ފޯރައިފި ނަމަ ދެން އެދެމީހުންނަށް ވަރަށް ހެޔޮކޮށްހިތާށޭ އެދެމީހުން ނުރުހޭ ވަރުގެ އެއްވެސް އެއްޗެއް ނުބުނާށޭ އެދެމީހުން ނަށް ވަރަށް އޯގާތެރިކޮށް ހެޔޮކޮށް ކަންތައް ކުރާށޭ.
ލޮބުވެތި އަޚުންނާ އުޚުތުން! އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އަޅުގަނޑުމެންނަށްޓަކާ އަޅުގަނޑުމެންގެ އަރާމަށްޓަކާ މަންމަ ހޭލާހުރީ ކިތައް ރޭތޯ ކިހާ ދުވަހެއް ވަންދެންތޯ؟
- ޝައިޚް އާދަމް ޝަމީމްގެ ދަރުސަކުން