ހަނދުމަކޮށްދިނުމެއް! ރަމަޟާން މަސް އައިސް ޖެހިއްޖެ! ތަނަވަސްކަންހުރިވަރަކުން ލިބިގަންނަން އެންމެ ފައިދާހުރި ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ހަނދުމަކޮށްދިނުމެއް! ރަމަޟާން މަސް އައިސް ޖެހިއްޖެ! ތަނަވަސްކަންހުރިވަރަކުން ލިބިގަންނަން އެންމެ ފައިދާހުރި ފުރުޞަތު!


3، 4 ދުވަހެއްގެ ތެރޭގައި މިއަހަރުގެ ރަމަޟާންމަސް ފެށިގެންދާނެއެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މީހުން ވިސްނައިލަން އޮތްކަމަކީ ދީނީ ޢިލްމުވެރިން ކުރައްވަން ހުރި މަސައްކަތްތަަކަށާއި ޕްރޮގްރާމްތަކަށް އެހީތެރިވެދެއްވވައި ﷲ ތަޢާލާގެ ދީން މަތިވެރިކޮށް ފަތުރަން އެހީތެރިވެދިނުމަކީ ސުވަރުގެ ލިބުމަށް އޮތް ފަހި މަގެއް ކަމެވެ.

ރަމަޟާން މަހަކީ ދީނީ ޕްރޮގްރާމްތަކުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ މަހެވެ. އެއީ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާނެތީ މީސްތަކުންގެ ހިތްތަކަށް ތެދުމަގު ވިސްނި ޤަބޫލުކުރެވޭނެތީއެވެ. އެކަމުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.  

ﷲ ތަޢާލާގެ މަގުގައި ކުރެވޭނެ އެންމެ ހެޔޮކަން ބޮޑު އެއް ޞަދަޤާތަކީ ދީން ފަތުރަން ކުރާ މަސައްކަތްތަކަށް ހޭދަކުރުމެވެ. ވީމާ ޢިލްމުވެރިން ކުރައްވަން ހުރި ދަތުރުތަކަށާއި އެހެންވެސް ކަންކަމަށް ހޭދަކުރައްވާށެވެ. އެކަމުގެ ޘަވާބު އާޚިރަތުން އެދޭށެވެ. އަދި ދުނިޔޭގައިވެސް އެމީހަކަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- ޑރ. ޢަލީ ޒާހިރުގެ ދަރުސުން:  

ތަނަވަސްކަމުގެ އަހުލުވެރިންނަށް:  

ޞަހާބީންގެ ތެރެއިން ތަނަވަސްކަން ލިބިވަޑައިގެންފައިވާ ބޭކަލުން އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގެ އިތުރުން އެބޭކަލުންގެ ތަނަވަސްކަމުން ޢިލްމުވެރިންނަށް އުޖޫރަ ދެއްވައިގެން ޢިލްމު ފަތުރުއްވަވާފައި އެބަހުޓެވެ.  

އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ކުރެއްވެވީ ﷲ ތަޢާލާގެ ދީން މީސްތަކުންނަށް އުނގަންނަވައި ދެއްވުމަށެވެ. ވީމާ ތަނަވަސްކަމުގެ އަހުލުވެރިން މިއަދުވެސް އެކަން ކުރެއްވެވުމަކީ ވަރަށް މަތިވެރިކަމެކެވެ.  

ޢިލްމުވެރިންނަށް:  

ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ވީމާ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭނެއެވެ. (މީހަކަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެއެވެ. ޖަވާބުދާރީވެސް ވާންޖެހޭނެއެވެ.) 

މީސްތަކުންނަށް އުނގަންނައިދިނުމަކީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެކެވެ. އުނގެނިފައިވާ ޢިލްމުން ޒަކާތް ދައްކަން ޖެހޭނެއެވެ. ޢިލްމުން ޒަކާތް ދެއްކުމަކީ އެހެން މީހުންނަށް އުނގަންނައިދީ ދަސްކޮށް ދިނުމެވެ. މިއީ ޢިލްމުވެރިން އުފުލަންޖެހޭނެ، ޢިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ.

ދަސްކޮށްދޭންޖެހޭނީ އިސްލާމް ދީނުގައި އެކަމެއް ބަޔާންވެގެންވާ ގޮތަށެވެ. ﷲ އާއި ރަސޫލް (ﷺ) ދީނުގެ ކަމެއް ބަޔާން ކުރެއްވެވުމުން އެހިސާބުން އެކަމުގައި ސިއްކަ ޖެހުނީއެވެ. އެއަށް އުނި އިތުރެއް ނުގެނެވޭނެއެވެ. އަމަލުކުރަންޖެހޭނީ އެކަން އޮތް ގޮތަކަށެވެ. ވީމާ އެގޮތް ދަސްކުރުމަކީވެސް އަދި ދަސްކޮށް ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.  

މީސްތަކުންނަށް:  

ނަމާދުކުރާށާ ކީރިތި ޤްރުއާން ކިޔަވާލަން އެނގުމަކުން ނުފުދޭނެއެވެ. އެއީ އަދި އިސްލާމް ދީނުގެ ހުރިހާ ކަމެއް އެނގި ދަސްވީއެއް ނޫނެވެ. އިތުރަށް ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އިސްލާމް ދީނުގައި އެބަހުއްޓެވެ. އެކަންކަން ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ދަރުސްތައް އަޑުއަހައިގެންނާއި ދީނީ ޞައްޙަ ލިޔުންތައް ކިޔައިގެންނާއި ދީނީ ޢިލްމުވެރިންނާއި ސުވާލުކޮށްގެންވެސް ދަސްކުރަންވާނެއެވެ.  

އިސްލާމް ދީނަށް ޚިދުމަތް ކުރުމަށްޓަކައި ތަފާތު ބަސްތައް ދަސްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި އެމީހާގެ ނިޔަތް ވަރަށް މުހިންމުވާން ޖެހޭނެއެވެ. ވީމާ އިލްމު އުނގެނުމަށާއި ޢިލްމު ހޯދުމުގެ މަސައްކަތަށް ވަގުތުކޮޅެއް ދޭން އެބަޖެހެއެވެ. މިކަމުގައި ޞަހާބީން އަމަލުކުރެއްވެވި ގޮތަށް އަމަލުކުރަން މސައްކަތްކުރަން ޖެހޭނެއެވެ.  

އުނގަންނައިދިނުމުގެ މަތިވެރިކަން:  

ބަދުރު ހަނގުރާމައިގައި ހައްޔަރުވި އަސީރުންގެ ތެރެއިން އިލްމުވެރިންނަށް ފިދުޔައެއް ކަމުގައި ރަސޫލް (ﷺ) ކަނޑައެޅުއްވެވީ މީސްތަކުންނަށް ލިޔަން ކިޔަން ދަސްކޮށް ދިނުން ފަދަ ކަންކަމެވެ. މިކަމުން ވެސް އެނގިގެން ދަނީ މީސްތަކުންނަށް އިލްމް އުނގަންނައި ދިނުމުގެ މުހިންމު ކަމެވެ. އެކަމަށް އިސްލާމް ދީނުގައި ދެވިފައިވާ ޤަދަރާއި މަތިވެރިކަމެވެ.

-- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސުން

މިއަދު އޮންލައިން