މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ. އަފީފް މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ޖަމްޢިއްޔާގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.
މި ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ވުޒާރާތަކާއި، ކަމާބެހޭ އިދާރާތަކުގެ އިތުރުން އެކި ކުންފުނިތަކުގެ 112 މެންބަރުންނާއި މުހިންމު ހިއްސާދާރުން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު އެއް ޖަމްޢިއްޔާގެ ކުރިމަގު ބައްޓަންކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި އަހަރީ ޢާންމު ޖަލްސާގައި ކުރިއަށް އޮތް 2026 އިން 2029 އަށް މަޓީ ހިންގާނެ އައު އެގްޒެކެޓިވް ބޯޑު ވަނީ އިންތިޚާބުކޮށްފައެވެ. މީގެ އިތުރުން، 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުމާއި، މިއަހަރަށް އޮޑިޓަރުންގެ ގޮތުގައި ފާރިސް އެންޑް ކޯ އެލްއެލްޕީ ހަމަޖެއްސުންވެސް މި ޖަލްސާގައި ކުރިއަށްދިޔައެވެ.
ޖަލްސާގެ ތެރެއިން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ މިއަހަރަށް ކަނޑައަޅާފައިވާ ރެގިއުލޭޓަރީ އެޖެންޑާއާއި މަސައްކަތުގެ ޕްލޭންގެ މަޢުލޫމާތު މެންބަރުންނާ ޙިއްސާކޮށްފައެވެ. މިއީ ސިނާޢަތުގެ ކުރިއެރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.