އެއްވެސް ބިރެއް ނެތި ދުނިޔޭގެ ޙަޔާތް ވޭތިކުރެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެއްވެސް ބިރެއް ނެތި ދުނިޔޭގެ ޙަޔާތް ވޭތިކުރެވޭނެ ގޮތް!

ބިރުވެތިވާން މިޖެހެނީ ޙަޔާތުގެ ދެބައަކަށެވެ.

ފުރަތަމަ ބައަކީ ތިބާގެ މާޒީއެވެ. ދެވަނަ ބައަކީ މުސްތަޤްބަލެވެ. އެހެންވެ އެންމެންނަށްހެން އަބަދުވެސް ތިބެންޖެހިފައި މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.  

ބުނަން ހެއްޔެވެ؟ މާޒީއާއިމެދު ބިރުވެތިވާންވީ އެންމެ ކަމަކަށެވެ. އެއީ މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށެވެ. އެއިގެ ތެރޭގައި ދަރަނިވެސް ހިމެނެއެވެ. ވީމާ މާފުދޭންޖެހޭ މީހުންގެ ކިބައިން މާފުހޯދާށެވެ. ދަރަނި އަދާކުރާށެވެ. ދެން އޮންނާނީ ކުރެވިފައިވާ ފާފަތަކެވެ. ތައުބާވުމުން ﷲ ތަޢާލާ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ އެކަމަށް އޮތީ ކަންބޮޑުވުމެއް ނޫނެވެ. ތައުބާވުމަށް އަވަސްވެގަތުމެވެ.  

ދެން ދައްކަންވީ މުސްތަޤްބަލުގެ ވާހަކައެވެ. މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަންކަމަށް ބިރުގަތުމެއް ނެތެވެ. އޮތީ ވަކީލުކުރުމެވެ. ބިރުގަންނަންވީ ފާފައެއް ކުރެވިދާނެކަމާއިމެދުގައެވެ. މަސައްކަތްކުރަންވީ ފާފައެއް ނުކޮށް ހުރުމަށެވެ. ފާފައެއް ކުރެވިއްޖެނަމަ އަވަސްވެގަންނަންވީ ތައުބާވުމަށެވެ.  

ޒުވާން ޢުމުރުގައި ދުޅަހެޔޮ ޞިއްހަތެއްގައޮި އުޅެވޭ ބައެއް މީހުންނަށް މުސްކުޅި ޢުމުރުގައި ދެރަގޮތްތައްވެސް މެދުވެރިވެއެވެ. މިޘާލަކަށް ބޮޑު ބައްޔެއްގައި އުޅެންޖެހުން، އެނދުމަތިވުން، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުން ފަދަ ޙާލަތުވެސް މެދުވެރިވެއެވެ. މިއީ ކުރިއާލައި ބިރުގަތުމަކުން ޙައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ކުރަން އޮތްކަމަކީ އެފަދަ ދުވަހަކާއި ބައްދަލުވެދާނެ ކަމަސް ވިސްނައި ހެޔޮ ގޮތުގައި އުޅުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމެވެ.  

މިކަންކަމަށް ވިސްނައިގެން އުޅެފިނަމަ އެއްވެސް ކަމަކަށް ބިރުގަންނާކަށް ނުޖެހޭނެއެވެ. އެމީހަކަށް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން