ކޮންމެ މީހަކަށްވެސް އުފަލުގައި ހުރެވޭނީ ގޭތެރެއިން އުފާވެރިކަން ލިބޭނަމައެވެ. ގޭތެރޭގެ އުފާވެރިކަން ދެމިއޮންނާނީ ދެފަރާތުންވެސް އެކަމަށް ވިސްނައިގެންނެވެ. މިބުނަނީ ދެމަފިރިންގެ ވާހަކައެވެ. ޚާއްޞަކޮށް ދަރިން ކުޑައިރު މައިންބަފައިން އެކަމަށް ވިސްނައިގެންނެވެ.
ވީމާ ވިސްނާށެވެ! މައިންބަފައިން މުސްކުޅިވާ ދުވަހު ދަރިން އަޅައިނުލުމުން މައިންބަފައިން ދެރަވެއެވެ. މައިންބަފައިންނަށް ދަރިން ނުބައިބަސް ބުނުމުން މައިންބަފައިނެގެ ހިތުގައި ޖެހެއެވެ. އަދި ދަރިން ކައިވެނިކުރުމަށްފަހު އަނބިންނަށް ނުވަތަ ފިރިންނަށް ގޯސްކޮށް ކަންކަންކުރާނަމަވެސް އަދި ލިބޭ ދަރިންނަށް ނުބައި ބަސްތައް ބުނެ ނުބައިކޮށް ކަންކަންކުރާނަމަވެސް މައިންބަފައިން ދެރަވެއެވެ.
ސުވާލަކީ އެކުދިން ކުޑައިރު އެކުދިންނާއިމެދު މައިންބަފައިން ކަންކަން ކުރީ ކިހިނަކުންހެއްޔެވެ؟ ދަސްކޮށްދިނީ ކޮންގޮތަކަށް ކަންކަން ކުރަންހެއްޔެވެ؟ ދަރިންނާއިމެދު ކަންކަންކުރީ ރަނގަޅަށް ކަމަށްވެފައި ދަރިން ގޯސްކޮށް ކަންކަން ކުރާނަމަ އެއީ ދެރަކަމެކެވެ. އަދި ދަރިންނާއިމެދު ކަންކަންކުރީ ރަނގަޅަށް ނޫންކަމަށްވާނަމަ އެއީ ވަކިން ބޮޑަށް ދެރަކަމެކެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަށް ނުބައިބަސްތައް ނުބުނާށެވެ! އެއީ ނުބައި ނުލަފާ ނުކިޔަމަންތެރި، ބަސް ޤަބޫލުނުކުރާ ކުދިން ކަމަށް ނުބުނާށެވެ! އެގޮތަށް ބުނާނަމަ އެކުދިންނަކީ އެފަދަކުދިންކަމަށް އެކުދިންނަށް ޤަބޫލުކުރެވެން ފަށާނެއެވެ. އެހިސާބުން އެއޮތީ ކަންކަން މުޅިން ބޮއްސުންލައިގެން ގޮސްފައެވެ.
ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ކުއްޖަކު ސްކޫލްގައި ގޯސްކޮށް އުޅޭތީ މަންމަ ސްކޫލަށް ގެންގޮސް ހޭލުންތެރިކުރުވަން ނަޞޭޙަތްދިނެވެ. ނަތީޖާއަކަށްވީ ހަމައެދުވަހު ސްކޫލް ނިމުނުގަޑީގައި އެހެންކުދިންގެ ކުރިމަތީގައި މަންމަ ކުއްޖާއަށް އެއްޗެތި ގޮވައި އަދި ކުއްޖާގެ ގައިގައި ތަޅައި އަނިޔާކުރުމެވެ.
އެކަމުގެ ނަތީޖާ އެނގޭހެއްޔެވެ؟ އެކުއްޖާ ބަދަލުވީ އަވަށްޓެރިންނަށްވެސް ބޮޑު އުނދަގުލަކަށެވެ. ވައްކަންކުރަނީއެވެ. މަސްތުވެގެންހުރެ ގޭގެއަށްވަދެ ކުދިންނާއިވެސް ބެހެނީއެވެ. އަޢުރަވެސް ދައްކަނީއެވެ. މިހެންގޮސް ނުކުރާ ނުބައިކަމެއް ނެތެވެ. މިފަދަ އެތައް މިޘާލުތަކެއް ދެއްކިދާނެއެވެ.
ވީމާ ދަރިން ކުޑައިރު ޢަމަލުކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ކުއްޖަކަށް ނުރަނގަޅު ކަމެއް ކުރެވުނަސް ފިޔަވަޅު އަޅަންވާނީ އަޅާ ފިޔަވަޅުގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަށެވެ. ނޫންނަމަ ކުއްޖާ ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފެށިނަމަވެސް ފެންނާނީ މައިންބަފައިން އެއްގޮތަކަށްވެސް ދެކެން ބޭނުން ނުވާ ކަންކަމެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން