ތިމާއަށް ކުރެވޭ ކުށެއް ފާހަގަކޮށްފިނަމަ "ބަލަ! ކަލެއަކީ އެއްވެސް ކުށެއް ނުކުރާ މީހެއްތޯ؟" ސުވާލުކުރާ ބައަކު އުޅެއެވެ. ބުނަން ހެއްޔެވެ؟ އެސުވާލުކުރެވޭނަމަ އެއީ ތިމާއަށް ވަދެވެން ބޭނުން ނުވާކަން އެނގިގެންދާ ކަމެކެވެ.
ކުށްކުރެވުމަކީ ޢާންމުކަމެކެވެ. އެންމެންނަށްވެސް ކުރެވޭ ކަމެކެވެ. އެކަމުގައި އެއްވެސް މީހަކު އިސްތިސްނާއެއް ނުވެއެވެ. ނުވެސްވާނެއެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ އާދަމްގެ ދަރިއަކީވެސް ކުށްކުރެވޭނެ މީހަކު ކަމަށެވެ. މަތިވެރި ދަރަޖަތަކަށް އުފުލިގެންދަނީ ތައުބާވާ މީހުން ކަމެވެ.
ވަރަށް ގިނަފަހަރު ދިމާވާ ކަމެކެވެ. ފިރިމީހާއަށް ކުށެއް ކުރެވެން ފަށައިފިނަމަ އެކަން ފުރަތަމަވެސް ފާހަގަކުރެވެނީ އަނބިމީހާއަށެވެ. އެގޮތަށް އެކަން މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެނީ ހެޔޮލަފާ އަނބިން އަބަދުވެސް ތިބޭނީ ފިރިމީހާއަށް ވަރަށް ބޮޑަށް ފާރަވެރިވެގެންކަމެވެ. އެހެންކަމުން ފިރިމީހާއަށް ކުށެއް ކުރެވެން ފަށާއިރަށް އެކަން ފާހަގަކުރެވެއެވެ.
ދެންވެސް ވަރަށް ގިނަފަހަރު ދިމާވާ ކަމެކެވެ. އަނބިމީހާ އެފަދަ ކަމެއް ފާހަގަކުރެވުމުން ފިރިމީހާއަށް ރުޅި އައުދެވެއެވެ. ދޮގުހަދައެވެ. އަދި ރުޅި ނަޔަސް ރުޅިއަންނަ ކަމަށްވެސް ހެދެއެވެ. އަދި ބައެއް ފިރިން ޙަޤީޤަތުގައިވެސް ރުޅި އައުދެއެވެ.
އެކަން ފާހަގަކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެހާފަސޭހައިން ރުއެއަންނަނީ ކުރެވޭ ކުށް ބޮޑުކަމުން ކަމަށެވެ. ކުރެވޭ ކުށް ފޮރުވަން ކަމަށެވެ. މިއީ ކުރެވޭ ވަރަށް ނުބައިކަމެކެވެ. ތިމާގެ ކުށެއް އަނބިމީހާއަށް ފާހަގަކުރެވުނަސް ރުޅިއައުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. ޝުކުރުވެރިވުމާއި ހިތްވަރުދިނުމެވެ. އިނާމުވެސް ދިނުމެވެ. އަދި އަނބިމީހާ ނޫން މީހަކުވެސް ތިމާއަށް ކުރެވޭ ކުށެއް ފާހަގަކޮށްފިނަމަ ހަމަ މިމަގުން ޢަމަލުކުރާށެވެ.
ވިސްނާށެވެ. މަތިވެރިކަން ލިބުންވަނީ ޢަމަލުތައް އިޞްލާޙްކުރިވަރަކުންނެވެ. މަތިވެރިވާން އެދޭނަމަ ކުރެވޭ ކުށްތައް އިޞްލާޙްކުރާށެވެ! ކުށްދައްކާ މީހުންނަށް ތައްރީފްކުރާށެވެ! ޙަޤީޤީ މިތުރުންނަކީ އެއީއެވެ. ބައިވެރިޔާ ކުށެއްދައްކައިފިނަމަ އޮތީ ރުޅިއައުމެއް ނޫނެވެ! އެކަމަށް މަރުޙަބާކިޔައި ޝުކުރުވެރިވެ އިނާމުވެސް ދިނުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން