ލޯބިވެރިޔާކަން ސިއްރުކުރަން ބޭނުންވާނަމަ އެއީ ނުރައްކާތެރި ސިގްނަލެއް! ސިއްރުކުރެވޭނެ ސަބަބުތަކާ ޢަމަލުކުރާނެ ގޮތްވެސް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ލޯބިވެރިޔާކަން ސިއްރުކުރަން ބޭނުންވާނަމަ އެއީ ނުރައްކާތެރި ސިގްނަލެއް! ސިއްރުކުރެވޭނެ ސަބަބުތަކާ ޢަމަލުކުރާނެ ގޮތްވެސް މިއޮތީ!

 

ބައެއް މީހުން މީހަކު ދެކެ ލޯބިވެގެން އެކުގައި އުޅޭއިރުވެސް އެކަން ސިއްރުކުރަން ބޭނުންވެއެވެ. ބުއްދިއަށް ޤަބޫލުކުރެވޭ މަޤްބޫލު ޢުޒުރެއް ނެތި ލޯބިވެރިޔާކަން ސިއްރުކުރަން ބޭނުންވާނަމަ އެއީ ވަރަށް ނުރައްކާތެރި ސިގްނަލެކެވެ.

ހިނަ ފަހަރު އެގޮތަށް ކަންތައްކުރަން ބޭނުންވާނީ އެކަކަސްވުރެ ގިނަ ލޯބިވެރިން ގެންގުޅޭނަމައެވެ. ނުވަތަ އޭނާއާއި ކައިވެނިކުރަން ބޭނުންނުވާނަމައެވެ. އެއީ ފޫހިފިލުވާލަން ކުރިއަސް ގެންދާ ގުޅުމެއް ނަމައެވެ.  

އެހެނެއް ނޫނެވެ. ދެމީހަކު ލޯބިވީއެވެ. ކައިވެނިކުރަން ނިންމީއެވެ. ހުރިހާ ކަމެއް ހަމަޖެހެންދެން އެކުވެރިންނަށް ސިއްރުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ދެމީހުންގެ ޢާއިލާގެ މީހުންނަށް އެނގެންޖެހޭނެއެވެ. ޢާއިލާއަށް ސިއްރުން ކައިވެނިކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެފަދަ ކައިވެނިން ގިނަފަހަރު ކުރިމަތިވާނީ ބޮޑެތި މައްސަލަތަކެވެ. 

"އަދި ދުވަސްކޮޅެއް ފަހުން، ރަނގަޅު ވަޒީފާއެއް ލިބުނީމަ، ގެއެއް ގަނެވުނީމަ" ފަދަ ޢުޒުރުތައް ޤަބޫލުނުކުރާށެވެ. ކައިވެނީގެ ކުރިން އެފަދަ ލަނޑުދަނޑިއެއް ޙާޞިލުކުރަން ބޭނުންވާނަމަ އެކަން ޙާޞިލުނުކުރެވެނީސް ލޯބިވެރިއަކު ނުހޯދާށެވެ. ކެތްތެރިވެގެން ހުންނާށެވެ.  

މިހެން ބުނުމުން މީހަކު ދެކެ ލޯބިވާނަމަ އެއިގެ ކުރިންވެސް ބުނުމަކީ މައްސަލައެއްތޯ ސުވާލުކުރެއެވެ. ޖަވާބަކީ މީހަކުދެކެ ލޯބިވާކަމަށް ބުނުމާއި ލޯބިވެގެން އެކުގައި އުޅުމަކީ ނުވަތަ ސިއްރުން ބައްދަލުކޮށް ގުޅުންތައް ބޭއްވުމަކީ ތަފާތު ދެކަމެކެވެ. އެޙާލަތުގައި ބުނާށެވެ. "އަހުރެން ތިބާދެކެ ލޯބިވަމެވެ. އެކަމަކު ކައިވެނިކުރެވެން އޮތީ މިވެނިކަމެއް ފުރިހަމަކުރެވުނީމައެވެ. އަހުރެންނަށްޓަކައި ކެތްތެރިވެލައިދޭށެވެ." އެކަން އަނެކާ ޤަބޫލުކޮށްފިނަމަ އެއީ މައްސަލައެއް ނޫނެވެ.

 

- ޔަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން