އެކުވެރިންގެ ކިބައިން ދެރަ ނުލިބި ހުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެކުވެރިންގެ ކިބައިން ދެރަ ނުލިބި ހުރެވޭނެ ގޮތް-


ކޮންމެ މީހަކީ ތިބާއަށް ހެޔޮއެދޭ މީހަކުކަމަށް ހީވެސް ނުކުރާށެވެ! ވަރަށް ރީތިކޮށް ވާހަކަދައްކާ މީހުންނާ ހެޔޮއެދޭކަން ދައްކައިގެން އުޅޭ މީހުންވެސް ވަރަށް ގިނަވާނެއެވެ. އެއިގެ ތެރޭގައި ގިނަވާނީ ތިބާގެ ކިބައިން ކޮންމެވެސް ބޭނުމެއް ޙާޞިލުކުރަން ބޭނުންވެގެން އުޅޭ މީހުންނެވެ. އެމީހުންގެ ޙަޤީޤަތް އެނގިގެންދާނީ ތިބާއަށް ދެރަކަމެއް ކުރިމަތިވުމުންނެވެ.  

އެއްވެސް ޙާލެއްގައި މިހެން މިބުނަނީ އެންމެންނަށް ނިޞްބަތްކޮށްފައެއް ނޫނެވެ. ތަފާތު މީހުންވެސް އުޅޭނެއެވެ. ނަމަވެސް އެއީ ވަރަށް މަދު ބައެކެވެ. ތިބާގެ އެކުވެރިންގެ ތެރެއިން ކުރިން ތަނަވަހުގައި އުޅެފައި މިހާރު ދަތިޙާލުގައި ތިބި މީހުންނަށް ބަލާށެވެ! އެމީހުންނާއިއެކު ކުރިން ތިބި އެކުވެރިންގެ ޢަދަދަށާއި މިހާރު ތިބި އެކުވެރިންގެ ޢަދަދަށް ބަލާށެވެ. އެއިރުން އަހުރެން މިބުނާ ވާހަކައިގެ ޙަޤީޤަތް އެނގޭނެއެވެ.  

އަހުރެމެންނަށް އޮތީ އެކުވެރިންނަށް ހެޔޮކޮށް ހިތުމަށެވެ. ޢާއިލާގެ މީހުންނަށްފަހު އެމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. ހެޔޮލަފާ އެކުވެރިން ތިބުމަކީ އެންމެ ފައިދާހުރި އެއްކަންތަކެވެ. އެކަމުގެ ސަބަބުން ދުނިޔޭގައިވެސް އެތައް ގޮތަކުން ފައިދާކުރެއެވެ. އަދި ސުވަރުގެ ވަނުމަސްވެސް މަގުފަހިވެއެވެ. އެއީ ރަނގަޅު ކަންކަން ކުރަން ހިތްވަރުދީ ނުބައި ކަންކަން މަނާކުރާތީއެވެ. އެބޭނުން ނުފުދޭނަމަ އެއީ ރަނގަޅު މީހެއް ނޫނެވެ. އެއީ ފައިދާހުރި އެކުވެރިއަކަސް ނުވާނެއެވެ.  

އެކުވެރިންގެ ކިބައިން ގިނަ ބައަކަށް ދެރަލިބެނީ މިބުނެދިން ކަންކަމަށް ނުވިސްނާތީއެވެ. އެކުވެރިން ގެންގުޅޭށެވެ. ނަމަވެސް އެމީހުން ދަރަޖަކުރަން އެނގެންވާނެއެވެ. އެމީހުންނަށްވުރެ ސްމާޓް މީހަކަށްވާންޖެހޭނެއެވެ. ނުބައި އެކުވެރިންގެ ކިބައިން ސަލާމަތްވެހުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން