އަނބިކަނބަލުންނަށް ޖެހިފައިވާ ބަލި ފެނިނުލައްވާކަން ދައްކަވަން ލޯފަން މީހެއްގެ ގޮތުގަ ޙަޔާތް ހޭދަކުރެއްވި ބޭކަލެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަނބިކަނބަލުންނަށް ޖެހިފައިވާ ބަލި ފެނިނުލައްވާކަން ދައްކަވަން ލޯފަން މީހެއްގެ ގޮތުގަ ޙަޔާތް ހޭދަކުރެއްވި ބޭކަލެއްގެ ވާހަކަ-

ދެމަފިރިންކުރެ ކޮންމެ މީހަކަށް ބައްޔެއް ޖެހުނަސް، ސިފައަށް ބަދަލެއް އަޔަސް އެކަމާއި ގުޅުވައި ކައިވެނި ރޫޅާލަން ހެޔޮނުވާނެއެވެ. ތިމާއަށް އެފަދަ ކަމެއް މެދުވެރިނުވާނެކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެެހންކަމާއިއެކުވެސް އެކަމަށް ވިސްނައި ނުލެވޭ ބައަކު އުޅެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އެއީ ވަރަށް ތަޤްވާވެރި ބޭކަލެކެވެ. ކައިވެނި ބައްލަވައިގެންނެވުނީވެސް ރީތި އަންހެނަކާއިއެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިކަނބަލުންނަށް ހަމުގެ ބައްޔެއް ޖެހުމުން އެކަން ސިއްރުކުރަން އުޅޭކަން ފިރިކަލުންނަށް ފާހަގަކުރެއްވުނެވެ.  

ދުވަސްކޮޅެއްފަހުން ފިރިކަލުން ދަތުރެއް ކުރެއްވިއެވެ. އެދަތުރުން އެނބުރި ވަޑައިގަންނަވަނިކޮށް އެކްސިޑެންޓެއްވިއެވެ. އެހިސާބުން އޭނާއަކީ ލޯއަނދިރި މީހަކަށް ބަދަލުވިއެވެ. ފިރިކަލުންގެ ލޮލަށް ނުފެންނަކަން އެނގުނު ހިސާބުން އަނބިމީހާ އޭނާގެ ބަލި ފޮރުވަން މަސައްކަތެއް ނުކުރެއެވެ. ދެމަފިރިން ލޯބިން އެކުގައި ދިރިއުޅެމުން އައީއެވެ.  

އަނބިކަނބަލުން ނިޔާވުމުން ޖަނާޒާގެ ކަންކަން ފުރިހަމަކުރައްވާފައި އެނބުރިލެއްވި ހިސާބުން އެބޭކަލަކީ އަނދިރި ބޭކަލެއް ނޫންކަމާއި ލޮލަށް ފެނިލައްވާ ބޭކަލެއްކަން މީސްތަކުންނަށް އެނގުނެވެ. އަދި ކަންކަން މިވީ ގޮތަކާއިމެދު ސުވާލުކުރުމުން ވިދާޅުވިއެވެ.  

"އެއްވެސް އިރަކު އަހުރެންނަކީ ލޮލަށް ނުފެންނަ މީހެއް ނޫނެވެ. ނަމަވެސް އަންހެނުންނަށް ހަމުގެ ބައްޔެއް ޖެހުމުން އެކަން އަހުރެންނަށް އެނގިދާނެތީ ކަންބޮޑުވެ އެކަން ފޮރުވަން މަސައްކަތްކުރަންފެށުމުން އޭނާގެ ކަންބޮޑުވުންތައް ފިލުވައިދޭން ލޯއަނދިރި މީހަކަށް ހެދިގެން އުޅެންޖެހުނީއެވެ. އަހަރުތައް ފާއިތުވެގެން މިދިއައީ ލޯތްބާއިއެކުގައެވެ. އުފަލުގައި ދިރިއުޅެއެވެ. އަހުރެންގެ ބޭނުން ޙާޞިލްވެއްޖެއެވެ."  

މިއީ ތަފާތު ގޮތްގޮތަށް ޢިބާރާތް ކުރެވި، ގިނަ ބައަކު ފަތުރާ ވާހަކައެކެވެ. އެހެންކަމުން ގިނަ ބައަކަށް މިވާހަކަ އެނގޭނެއެވެ. އެހެންކަމާއިއެކުގައިވެސް މިވާހަކަ ހާމަމިކޮށްލީ ވާހަކަ އެނގުނަސް ޢަމަލުކުރާ މީހުން މަދުކަމުންނެވެ. ބައްޔެއް ނުޖެހި ނަމަވެސް އަނބިމިހާގެ ސިފައަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް އަންނައިރަށް ފޫހިވެ ވަރިކޮށްލެވުން ގިނަވާތީއެވެ.  

ޢިބްރަތް ޙާޞިލްކުރައްވާށެވެ! ލޯބިވާންވީ ބޭރުފުށުގެ ސިފައަކަށް ނޫނެވެ. މީހާދެކެއެވެ. ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. ކޮންމެ މީހެއްގެވެސް ހަށިގަނޑުގެ ސިފަ ބަދަލުވާނެއެވެ. ލޯތްބާއި އަޅައިލުމާއި ދެމަފިރިންގެ ގުޅުމަށް ބަދަލު ނުއަންނަ ނަމަ އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން