ޢިބްރަތްތެރި ވާހަކަ: ފަޤީރަސް ހެޔޮލަފާ ފިރިއަކު ލިބުމަކީ މިލިއަނަރެއްގެ އަންތބަކަށްވުމުގެ ހުވަފެން ދުށުމަށްވުރެ މާއަގުހުރި ނިޢްމަތެއްކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރަސް ހެޔޮލަފާ ފިރިއަކު ލިބުމަކީ މިލިއަނަރެއްގެ އަންތބަކަށްވުމުގެ ހުވަފެން ދުށުމަށްވުރެ މާއަގުހުރި ނިޢްމަތެއްކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އުފާވެރި ދިރިއުޅުމެއް ލިބުމުގެ ތަޅުދަނޑިއަކީ އެހެން ޟީހުންގެ ޙަޔާތުގައި ކުރިމަތިވާ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. މީހުންނަށް ލިބޭ ދެރައާއި ކާމިޔާބީގެ ވާހަކަތައް ހާމަކުރަންޖެހޭ ސަބަބަކީ އެއީއެވެ. އެހެން މީހުންނަށް ފިލާވަޅަކަށްވެ އެކަމުން ފައިދާކުރުމަށެވެ.  

ކައިވެނީގެ އެންމެ ބޮޑު ބޭނުމަކަށްވާންޖެހޭނީ ކިތަންމެ ދަތިޙާލެއްގައި އުޅެން ޖެހުނަސް ލޯބިން އެކުގައި ދިރިއުޅުމެވެ. ދަތިޙާލުގައި އުެންޖެހޭނީ މިދުނިޔޭގައިކަމާއި އެކުގައި ސުވަރުގެ ވަދެވުމުން ތިބޭނީ ހުރިހާ ބޭނުންތަކެއް ފުދިގެންކަން ޤަބޫލުކޮށް އެކުގައި ސުވަރުގެ ވަދެވޭތޯ، އެކުގައި ސުވަރުގޭގައި ލެއްވެވުން އެދިގެން މަސައްކަތްކުރުމެވެ.  

ނަމަވެސް މި މަޤްޞަދުތައް ހަނދާންނައްތާލުމަށްފަހު ދުނިޔޭގެ ތަނަވަސްކަމަށް ހެއްލެވޭ ބައަކު އުޅެއެވެ. އެފަދަ މީހުންނަށް ގިނަ ފަހަރު އޮންނަނީ ދުނިޔޭގައިވެސް އުފާވެރިކަން ނުލިބި ލަނޑު ލިބިފައެވެ. ތިރީގައި އެވަނީ އެފަދައިން ލަނޑުލިބުނު އަންހެނަކު ކިޔައިދީފައިވާ އޭނާގެ ވާހަކައެވެ. ވިސްނައިފިނަމަ ވަރަށް ގިން ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ޙާދިސާ ސީރީޒްގައި ގިނައިން ހުންނަނީ ފރިން ނުވަތަ ފިރިހެނުންގެ އަނިޔާވެރިކަމުގެ ވާހަކަތަކެވެ. ނަމަވެސް އަޅުގަނޑު މިކިޔައިދެނީ ކުޑަކޮށް ތަފާތު ވާހަކައެކެވެ. އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ކުރިމަތިވި ގޮތުގެ ވާހަކައެވެ.  

އަޅުގަނޑަކީ އެހައިބޮޑު ތަނަވަސްކަމެއް އެއްވެސް އިރަކު ބޭނުންވި އަންހެނެއް ނޫނެވެ. ނަމަވެސް ބޭނުންވާ ކޮންމެ ކަމެއްކޮށްލެވޭ ފެންވަރުގައި ދިރިއުޅެން ބޭނުންވެއެވެ. ގަންނަން ބޭނުން އެއްޗެއް ގަނެލެވި އަދި ހަފްތާބަންދުތަކުގައި މަޖާކޮށްލަން ތަންތަނަށް ދާން ބޭނުންވެއެވެ.  

ފިރިމީހާއަކީ ވަރަށް ހެޔޮ މީހެކެވެ. ނަމަވެސް ލިބޭ މުސާރަ ކުޑަކަމުން އަޅުގަނޑުގެ ބޭނުންތައް ފުއްދައެއް ނުދެވެއެވެ. އެކަމުގެ ވިސްނުމުގައި ހުއްޓާ ފިރިމީހާ އެކްސިޑެންޓްވެ ފަޔަށް ލިބުނު ގެއްލުމަކާއި ގުޅިގެން ގޭގައި މަސައްކަތްކުރަންޖެހުމުން މުސާރައިން ބައެއް އުނިވެ ކުރިއަށްވުރެވެސް އަތްމަތިދަތިވިއެވެ. 

އެދުވަސްވަރު އަހަރެންނާއި ބައްދަލުވި ފިރިހެނަކު ވީ ވައުދުތަކާއި ދެއްކި ހުވަފެންތަކަށް ހެއްލެވި ފިރިމީހާ ގާތުން ވަރިވީމެވެ. ވަރިއަށް އެދުމުން ފިރިމީހާ ބުނީ އެންމެ ވާހަކައެކެވެ. "އަހަރެން ދޫކޮށްލާފައި ތިއަދަނީ އަހަރެން ނުކުޅެދޭ ޙާލުގައި ހުއްޓައެވެ."  

ފިރިމީހާގެ އެވާހަކައަކުން އެއްވެސް އަސަރެއް އަޅުގަނޑަކަށް ނުކުރިއެވެ. ދިއްލާފައިހުރި ކުލަގަދަ ބޮކިތަކެއް ފަދައިން އަޅުގަނޑުގެ ވިސްނުމުގައި ދިއްލިފައިހުރީ ވާންއުޅޭ ފިރިމީހާގެ ތަނަވަސްކަމެވެ. އެހެންވެ ގެއިން ނުކުމެގެންދިއައީ ދެން ފްލެޓްގައި ދރިއުޅެންޖެހޭނީ ނުކުޅެދޭ ޙާލުގައިހުރި ފިރިމީހާއަށް އެކަނިކަމާއި އޭނާއަށް ކަމެއްކޮށްދޭނެ އެއްވެސް މީހަކުވެސް ނުހުންނާނެ ކަމަށް ވިސްނައިނުލައެވެ.  

ކޮންމެއަކަސް 6 މަސްވެއްޖެއެވެ. އަހަރުވެއްޖެއެވެ. އޭނާ އަޅުގަނޑާއި ކައިވެންޏެއް ނުކުރިއެވެ. އަބަދުވެސް ބުނަނީ އެކުގައި ހަނީމޫނަށް ދެވޭނީ މިވެނި މަޝްރޫޢެއް ނިންމާލެވުމުން ކަމަށެވެ. އަހަރު ދުވަސް ފާއިތުވެ ދެވަނަ އަހަރުވެސް ނިމިގެންދިއައީ ހަމަ އެފަދަ ގޮތަކަށެވެ. ދުވަހަކުވެސް ނިންމަން ޖެހޭ މަޝްރޫޢުތައް ނިމޭތަނެއް ނައެވެ.  

އެއްރޭ ޓީވީން ފެނުނީ ކުރީގެ ފިރިމީހާ ކިޔެވި ކޯހެއްގައި އެންމެ މަތިން ފާސްވެ 1 ވަނަ ހޯދުމުން އޭނާއަށް އެންމެ މައްޗަށް (ޕީއެޗްޑީ ހަދަން) އޮސްޓްރޭލިއާއަށް ދިއުމުގެ ފުރުޞަތު ލިބުނު ޚަބަރެވެ. އޮސްޓްރޭލިއާއަކީ އަޅުގަނޑު އަބަދުވެސް އެންމެ ދާހިތްވާ ޤައުމެވެ. އަދި އޭނާ އާއިއެކު އޮސްޓްރޭލިއާއަށް ދެވިއްޖެނަމަ އަޅުގަނޑަށްވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެކަންވިސްނި އަލުން އޭނާ އާއި ކައިވެނިކޮށްގެން އެކުގައިދާން ބޭނުންވިއެވެ.  

އަނެއް ދުވަހު އޭނާއަށް ގުޅައިލުމުން ބުނީ ވަރަށް ބިޒީކަމަށެވެ. 2 ދުވަހެއްގެ ތެރޭގައި ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އެވަރަކުންވެސް ހިތްހަމައެއް ނުޖެހުނެވެ. ބައްދަލުކުރަން ދިއައިމެވެ. އޭނާ އަޅުގަނޑަށް މަރުޙަބާ ކިޔެވެ. ގެއަށް ވެއްދިއެވެ. ނަމަވެސް ފެނިގެންދިއައީ ހުވަފެންތައް ބިލާހަކަށްވެގެންދިއަ ތަނެވެ. އެއީ އަޅުގަނޑު ތަޢާރަފްކޮށްދޭން އަނބިމީހާއަށް ގޮވައި ގެނައުމުންނެވެ. އަދި އޭނާ އިނީ ބަލިވެކަންވެސް އެނގުމުންނެވެ.

އެހިސާބުން ވާހަކަ ބަދަލުކޮށްލާފައި އޭނާގެ ކާމިޔާބީ ފާހަގަކޮށް ހެޔޮ ދުޢާކޮށްފައި ނުކުމެގެން އައީ ހަމަ ގިސްލައި ރޮމުންނެވެ. 

އަޅުގަނޑު ގުޅުނު ތަނަވަސް މީހާ އަޅުގަނޑާއި ކައިވެނިކުރުމުގެ އުންމީދުގައި ހުއްޓާ ފެނުނީ އޭނާ އެހެން އަންހެނަކާއި ކައިވެނިކުރިތަނެވެ. އަޅުގަނޑު ހުރިހާ ގޮތަކުން ވެސް ބާކީވީއެވެ. ލިބުނު ހިތާމައިގާ ދުވަސްކޮޅަކު ހުންނަންވެސް ޖެހުނެވެ. އެދުވަސްކޮޅު އަޅުގަނޑު ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފެށީމެވެ. އަދި އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދި ދުޢާކުރީމެވެ. ދަމުނަމާދުވެސް ކުރަންފެށީމެވެ. ފަތިސްވަންދެން ޛިކުރުކުރީމެވެ.  

އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނުނެވެ. އަޅުގަނޑަށް ހެޔޮލަފާ ފިރިއަކު ލިބުނެވެ. ނަމަވެސް 2 ދަރިންގެ ބައްޕައެކެވެ. ވީމާ މަންމައަކަށް ނުވެވި ވާންޖެހުނީ 2 ދަރިންގެ ދޮންމަންމައަކަށެވެ. އަޅުގަނޑު އެކަން ބަލައިގަތީ އަޅުގަނޑަށް ކުރެވުނު ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައެވެ. އެހެންވެ އެކަން އަޅުގަނޑަށް ބުރަކަމަކަށް ނުވިއެވެ. 2 ދަރިން ބަލަހައްޓަމުން އައީ އަމިއްލަ ދަރިން ފަދައިންނެވެ. މިހާރު އަޅުގަނޑުގެ ވެސް 2 ދަރިން އެބަތިއްބެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގާތު ބުނެލަން އޮތީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއާއިމެދު އަޅުގަނޑުދެކޭ ގޮތެވެ. ވަރަށް ކުރުކޮށް ބުނެލާނަމެވެ. "ހެޔޮލަފާ ފިރިއަކު ލިބުމަކީ މިލިއަނަރެއްގެ އަންތބަކަށްވުމުގެ ހުވަފެން ދުށުމަށްވުރެ މާއަގުހުރި ނިޢްމަތެކެވެ. އެފަދަ ހުވަފެނެއްގެ އަވާގައިޖެހި ހެޔޮލަފާ ފިރިއަކު ދޫކޮށްލަން ހެޔޮނުވާނެއެވެ."

 

- ޒިއުނާ އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން