ބައެއް ދީންތަކުގައި އަނެކާގެ އަތުގައި ދެމީހުން އެކަނި ތިބެގެން ނަމަވެސް އަނގޮޓިއެއް އަޅުވައިލުމުން އެއޮތީ ކައިވެނިކުރެވިފައެވެ. ނިތްކުރީގައި ކުލަކޮޅެއް އުނގުޅައިލުމުންވެސް އެބަ ކައިވެނިކުރެވެއެވެ. ނަމަވެސް އިސްލާމް ދީނުގައި އެކަން މުޅިން ތަފާތެވެ. ކައިވެނިކުރެވެނީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެންނެވެ. ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން ދުޢާކުރަމުންނެވެ.
ކަމުގެ މުހިންމުކަން ގިނަ ބައަކަށް ނުވިސްނޭތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅޫވެލެއްވުމެވެ.
އިސްލާމް ދީނުގައި ކައިވެނިކުރުން ނުވަތަ ކައިވެނިކޮށްދިނުން ފެށިގެން އަންނަނީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅުންނެވެ. ﷲ ތަޢާލާ މަތިވެރިކުރަމުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔަވަމުންނެވެ.
ކައިވެނި ކުރެވެނީ ދެމީހުންގެ ހަޔާތް ބާއްޖަވެރިކޮށްދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރުމާއިއެކުގައެވެ. ކައިވެނީގެ ޚުޠުބާގައި ކުރެވޭ މި ދުޢާއަކީ ވަރަށް މުހިންމު ދުޢާއެކެވެ. ދުޢާއަށްފަހު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ދުރުހެލިވެ ތިބުމަށް ޢަޒުމްކަނޑައަލަން ޖެހެއެވެ. ހަޔާތުގެ ފުރަތަމަ މަންޒިލު ފަށައިގަންނަމުން މިކުރެވޭ ކަމަކާއިމެދު ވިސްނައިލުން ވަރަށް ރަނގަޅުވާނެއެވެ.
މިހާރަކަށް އައިސް ކައިވެނިކުރުމުގެ ރަސްމިއްޔާތަށާއި ކައިވެނީގެ ޙަފްލާއަށް ކުރާ ބޭކާރު ޚަރަދުތައް ނުވަތަ އިޝްރާފާއިމެދު ކަންބޮޑުވެ ގިނަބައަކު ތަފާތު ސުވާލުތައް ކުރެއެވެ. އެހެންވެ ބުނެލަން އޮތީ ކައިވެނީގެ ކަންކަމުގައިވެސް ހިފަހައްޓަންޖެހޭ އިންތަކުގައި ހިފަހައްޓައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ.
ކައިވެނީގެ ހަފްލާތަކަށް ހެދުންލުމާއި އަދި ހަފްލާތައް ބޭއްވުމުގައި އެންމެ ރަނގަޅު ގޮތާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އަދި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހަދައި ދެމަފިރިން ގިޑިގެއަށް ވަދެތިބުމާއި ބެހޭ ގޮތުން ސުވާލުކުރެއެވެ.
"ކައިވެނީގެ ހަފްލާއަކަށް ނަމަވެސް އަންހެނުންނަށް ހެދުން ދިގު ކުރެވޭނީ އެންމެ ދިގުވެގެން މުށެއްގެ މިންވަރަކަށެވެ. އެއީ އެކަނބަލުންނަށް ލިބިގެންވާ ޚާއްޞަ ހުއްދައެކެވެ. ވީމާ މުޅިތަނުގައި ފެތުރޭ ވަރަށް، އެހެން މީހުންނަށް ހެދުމުގެ ބައެއް އުފުލަން ޖެހޭ ވަރަށް ހެދުން ދިގުކުރުމެއް ނެތެވެ. އެއިރުން އެވަނީ ހުއްދަ ކުރެއްވެވި އިމުން ބޭރުވެފައެވެ.
ހެދުން ދިގުކޮށް ބިންމަތީގައި ފަތުރައި އަދި އެހެން މީހުން ލައްވައި ހެދުން އުފުލުވުމަކީ ޔަހޫދީންނާއި ކްރިސްޓިއަނުންގެ ޢާދައެވެ. އަންހެން ބޭކަނބަލުންގެ ހެދުންކޮޅު ދިގުކޮށް ބިންމަތީގައި ފަތުރައި ދެމުން ކަމަށް ޢިލްމުވެރިން މާން ކުރައްވަވަނީ މުސްލިމުންނަށް ހުއްދަވެގެންވާ އިމުން ބޭރުވުމަށެވެ. (މުށަކަށްވުރެ ދިގު ކުރުމަށެވެ.) މި އިމުން ބޭރުވުން ހުއްދައެއް ނޫނެވެ.
އަދި ކައިވެނީގެ ހަފްލާތަކުގައި ގިޑިގެ ހަދައިގެން ވަދެތިބުމާއި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހެދުމަކީވެސް ކާފަރުންގެ ޘަޤާފަތެކެވެ. އެފަދަ ކަންކަން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ. އެފަދަ ކަންކަން ވާނީ އެހެން ދީންތަކުގެ މީހުންނާއި އެއްގޮތްވާން ކުރެވޭ ކަންކަމަށެވެ. އެގޮތަށް އެއްވެސް ކަމެއް ކުރުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަނާކުރައްވަވާފައެވެ. އަދި އެގޮތަށް ކަންކަން ކުރުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ."
މިއީ ކައިވެނީގެ ހެދުން ދިގުކުރުމާއި ބެހޭ ގޮތުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ބައެއް ބޭފުޅުން އިތުރު ތަފްޞީލަށް އެދުމުން ޝައިޚް ޢަލީ ޒައިދު ދެއްވި ޖަވާބެވެ. މިހާރުވެސް އެސުވާލު ތަކުރާރުކޮށްލިބެމުން އަންނާތީ ހަނދުމަފުޅުކޮށްލައިދިނީއެވެ.
މިކަންކަމުގެ ޙުކުމްތައް ނުއެނގޭތީ ނަމަވެސް ކައިވެނީގެ ބައެއް ހަފްލާތަކުގައި ހެދުމަށްވުރެ ބޮޑު ބައެއް ފަހަތަށް ދިގުކޮށް އެހެން މީހުން ލައްވައި އުފުލުވައިގެން ހިނގާތަނާއި ބޮޑު ސަރަހައްދެއްގައި ފަތުރާފައި ބާއްވާތަން ރާއްޖޭގައި ވެސް މިހާރު ދަނީ ފެންނަމުންނެވެ. އަދި ގިޑިގެ ހެދުން ވެސް މިހާރު ދަނީ ޢާންމުވަމުންނެވެ.
ކޮންމެ ކިޔުންތެރިއަކުވެސް އެންމެ ގާތް އެކުވެރިންނަށް ޚާއްޞަކޮށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ އެކުވެރިންނަށާއި ޢާއިލާގެ މީހުންނަށްވެސް މިލިޔުން ފޯރުކޮށްލައިދެއްވާށެވެ. ހެޔޮ މަގު ވިސްނި ރަނގަޅުގޮތް އިޚްތިޔާރުކުރޭތޯ ދުޢާކުރައްވާށެވެ!