ބަދަލުނުހިފުމާ މަޢާފްކުރުން ކުރިއަށް ނެރޭނަމަ އާއިލާގެ އެންމެންވެސް ތިބޭނީ އުފަލުން! ފުދިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ބަދަލުނުހިފުމާ މަޢާފްކުރުން ކުރިއަށް ނެރޭނަމަ އާއިލާގެ އެންމެންވެސް ތިބޭނީ އުފަލުން! ފުދިގެން!

ފަށަމުން އެންމެ ކަމެއް ބުނެލާނަމެވެ. ނިކަމެތިން ތިބޭފަދައިން ފުދިގެން ތިބި ބައަކު ނެތް ޢާއިލާއެއް ވަރަށް މަދުވާނެއެވެ. ޢާއިލީ ގުޅުން ރަނގަޅު ގޮތުގައި އޮންނަނަމަ ނުފުދި ދަތިޙާލުގައި ތިބޭ މީހުންނަށް ފުދިގެން ތިބޭ މީހުން އެހީތެރިވާނެއެވެ. އެއިރުން މަގުމައްޗަށް ނުކުމެ މީހުންގެ ގާތުގައި ކަންކަމު ކިޔަމުން ހިނގަންޖެހޭނެ ބައަކު ނުތިބޭނެއެވެ. އިން ޝާ ﷲ  

އެހެނެއްކަމަކު ޢާއިލާތަކުން މިއަދު ފެންނަނީ ދެކޮޅުވެރިކަމެވެ. އެކަކު އަނެކަކަށް ކޮންމެވެސް ކަމަކާއިހުރެ ޢަދާވާތްތެރިވެގެން އުޅޭތަނެވެ. އެކަކު އަނެކަކާއި ވާހަކަ ނުދައްކައި ކުނި މޫނުދައްކައިގެން އުޅޭތަނެވެ. މިކަންކަމުން ސަލާމަތްވެ ތިބީ މަދުބައެކެވެ.  

ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަން ދޫކޮށްލަމާ ހިނގާށެވެ! އެކަކު އަނެކަކަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، ރަޙިމުގެ ގުޅުމާއި މުސްލިމުންގެ ތެރޭގައި އޮންނަން ޖެހޭ އަޚުވަންތަކަން ދެމެހެއްޓުމަށް މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެހައި ބޮޑަށް ބާރު އެޅުއްވެވީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.  

އިސްލާމް ދީންވަނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ގޮތަށް މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދީފައެވެ. އިސްލާމްދީން ބާރުއަޅަނީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށާއި އަނެކާގެ ހުރިހާ ޙައްޤުތަކަށް އެންމެ ފުރިހަމަ ގޮތުގައި ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމަށެވެ.  

މިކަންކަމަށް މި އުންމަތުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ނުކޮށް ޢާއިލާތަކަށްވެސް އަދި މީސްތަކުންނަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އުފާވެރިކަމެއްވެސް ނުލިބޭނެއެވެ.   

ކޮންމެ ދެމީހަކީވެސް ޚިޔާލާއި ވިސްނުމުގައި ތަފާތުވާނެ ބައެކެވެ. ތިމާގެ ފިކުރަން ހުރިހާ އެންމެން ރުހޭނެކަމަށް ދެކެގެން ނުވާނެއެވެ. އަދި ނުރުހުނަސް އެއީ މައްސަލައެއް ކަމަށް ދެކެގެންވެސް ނުވާނެއެވެ. އެންމެ މަތިވެރި ދަރަޖަ ހޯއްދެވި ޞަޙާބީންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުއްޓެވެ. އެބޭކަލުންގެ ކާމިޔާބީއަކީ ޚިޔާފުޅުތައް ތަފާތުވިނަމަވެސް ޤުރްއާނާއި ސުންނަތަށް ޢަމަލުފުޅު ކުރެއްވެވިކަމެވެ. އެކަމުގެ ސަބަބުން ޙަސަދަވެރިކަމުން ސަލާމަތްވެވަޑައިގެން ތިއްބެވިކަމެވެ.  

އަހުރެމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ އެގޮތުގައި ދުނިޔޭގައި އުޅުމަށެވެ. ގިންގިނައިން މާފުކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އެއް ކަންތަކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވިއްޖެނަމަ އެމީހަކަށް ދެދުނިޔޭގައިވެސް އޮތީ އުފާވެރިކަމެވެ.

ވީމާ ޢާއިލާގެތެރޭގައި ޖެހޭ ކުދިކުދި ކަންކަން އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ. ހިތްހަަމނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް އެކަކު އަނެކަކަށް މާފުކޮށް ހެޔޮދުޢާކުރާށެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބޭނެއެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން