މިފަދަ ވާހަކަތައް ދައްކާއިރު މަންމަގެ ވާހަކަ އިސްކުރަންޖެހެނީ 3 ގުނަ ކުރީގައި ބަހައްޓަވާފައިވާކަން ޙަދީޘްފުޅުން އެނގެން އޮތީމައެވެ. ޖުމުލަ ގޮތެއްގައި މިދައްކަނީ ޢާއިލާގެ ވާހަކައެވެ. ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ އެންމެންގެ ވާހަކައެވެ.
އެންމެ ގިނަ ބައަކު ދެރަވެ ހިތާމަކުރަނީ އުފާވެރިކަން ނުލިބިގެންނެވެ. އުފާވެރިކަން ނުލިބިގެން ކަންބޮޑުވާ ގިނަބައެއްގެ ޙަޤީޤަތް ބަލާއިރު ގިނަ ފަހަރު އޮންނަނީ އޭނާއަށް އުފާވެރިކަން ލިބެން އޮތް މަގު އަމިއްލައަށް ބަންދުކޮށްފައެވެ. އެމަގު އަމިއްލައަށް ބަންދުކޮށްފައި އުފާވެރިކަން ހޯދަން ތެޅި ފޮޅުނިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ.
ތިމާ އެންމެ ބޮޑަށް ލޯބިވެ ލޯބިދޭންޖެހޭ މީހަކީ މަންމައެވެ. މަންމައަށް ލޯބިނުދީ، އަޅައިނުލާ، މަންމަ ރޮއްވާފައި ނުވަތަ މައިންބަފައިން ރޮއްވާފައި އަދި ޢާއިލީ ގުޅުން ދަމަހައްޓަންޖެހޭ އެންމެން ރޮއްވާފައި ތިމާއަށް އުފާވެރިކަން ދެއްވަވާށޭ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވީމާ ދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟
އެކަމެއް ނުވާށނެއެވެ. އެމީހަކު ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ ހަމަ އެކަކުވެސް ޚާއްޞަކޮށް މަންމަ ދެރަކޮށް ރޮއްވާފައި ތިމާ އުފާވެރިކަން ހޯދަން ތެޅިފޮޅުނަސް އެކަމެއް ނުވާނެއެވެ. މިހެން މިބުނަނީ ރަޙިމުގެ ގުޅުން ކަނޑާ މީހުންނަށް ﷲ ތައާލާ ގުޅުން ކަނޑުއްވަވާނެކަމަށް އޮތުމުންނެވެ.
އެއްވެސް މީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިއްޖެ ނަމަ ލިބޭނެ ޙަޤީޤީ އުފާވެރިކަމެއް އަދި ބާއްޖަވެރިކަމެއްވެސް ނުއޮންނާނެއެވެ.
ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ އެމީހެއްގެ އުމުރު ދިގުވެ، އެމީހެއްގެ ރޯދި ބަރަކާތް އިތުރުވުމަށް އެދޭ މީހާ، ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާށެވެ.
ﷲ ތަޢާލާ ރަޙިމްގެ ގުޅުން ޚަލްޤް ކުރެއްވެވުމުން ހަދީޘްގައި އޮންނަނީ ރަޙިމް އައިސް ޢަރްޝީގައި އޮޅުލައިގަތް ކަމަށެވެ. "ﷲ ތަޢަލާގެ ޙަޟްރަތުގައި ދަންނަވަނީ "މިއީ އިނބަ ﷲ ގެ ޙަޟްރަތުގައި ގުޅުން ކެނޑުމުން ސަލާމަތްވުމުގެ ވަގުތެވެ. އެ ހިނދު ﷲ ވަޙީ ކުރައްވަވަނީ އޭ ރަހިމުގެ ގުޅުމެވެ. ތިބާ އަޑުއަހާށެވެ. ތިބާގެ ގުޅުން ބަދަހިކުރާ މީހަކަށް ތިމަން ﷲގެ ރަޙްމަތް ތަނަވަސްވާނެއެވެ. ތިބާގެ ގުޅުން ކަނޑާ މީހަކަށް ތިމަން ﷲގެ ރަޙްމަތް ކެނޑޭނެއެވެ."
ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމުން އެމީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެތެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ކެނޑިގެންދާނެއެވެ. އެހިސާބުން އެމީހަކު ތިމާއަކީ އުފާވެރިކަމުގައި ހުންނަ މީހަކަށްވާން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ!
ﷲ ތަޢާލާގެ ރަޙްމަތްފުޅު އެމީހަކަށް ކެނޑުއްވެވުމުން ދެން ލިބޭނީ ކޮން ބާއްޖަވެރިކަމެއް ހެއްޔެވެ؟ ލިބޭނެ އެއްވެސް ބާއްޖަވެރިކަމެއް ނުއޮންނާނެއެވެ.
ވީމާ ތިމާ އުފަލުގައި ހުންނަން ބޭނުމަސް އަދި ޢާއިލާ ބާއްޖަވެރި ކުރަން ބޭނުންނަމަވެސް މިކަންކަމަށް ސަމާލުކަންދީގެން ޢާއިލީ ގުޅުންތައް ދަމަހައްޓަން ޖެހޭނެ އެވެ.
ދުނިޔަވީ ގޮތުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ﷲ ތައާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތައާލާ އަންގަވައިފައިވާ ގޮތަށް އަމަލުތައް ބަހައްޓައި ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން